ވޮޝިންޓަން (އޮގަސްޓް 4) - އެމެރިކާގެ ޑިމޮކްރަސީގެ ތަނބުތައް ފުނޑުފުނޑު ކޮށްލުމަށް އޭރުގެ ރައީސް ޓްރަމްޕް ކުރެއްވި މަސައްކަތެއްގެ ގޮތުގައި އެމެރިކާގެ ޕްރޮސެކިއުޓަރުން ސިފަކުރާ 2020 ވަނަ އަހަރުގެ އިންތިހާބުން ލިބުނު ނާކާމިޔާބީ ބާޠިލުކުރަން ރޭވި ކަމުގެ ތުހުމަތުގައި ޓްރަމްޕްގެ މައްޗަށް އުފުލި ދައުވާއަށް އޭނާ އިންކާރު ކުރައްވައިފިއެވެ.
އެމެރިކާގެ މެޖިސްޓްރޭޓް ގާޒީ މޮކްސިލާ އުޕާދަޔާގެ ކުރިމަތީގައި ޓްރަމްޕްގެ މައްޗަށް ހުށަހެޅުއްވި މައްސަލައިގައި ޓްރާމް ވިދާޅުވީ އޭނާ އެ ދައުވާއަށް އިންކާރު ކުރައްވާ ކަމަށާއި، އޭނާގެ އެއްވެސް ކުށެއް ނޯންނާނެކަމަށެވެ.
ގާތްގަނޑަކަށް ބައި ގަޑިއިރަށް ދެމިގެން ދިޔަ މި އަޑުއެހުން ކުރިއަށް ގެންގޮސްފައި ވަނީ އެމެރިކާގެ ކެޕިޓަލް އިމާރާތާ ބައި މޭލު (އެއް ކިލޯމީޓަރު) ދުރުގައި ހުންނަ ވޮޝިންޓަން ކޯޓްހައުސްއެއްގައެވެ.
މިއީ 2024 ވަނަ އަހަރުގެ ރިޔާސީ ކެމްޕެއިންގައި ޑިމޮކްރެޓިކް ޕާޓީގެ ރައީސް ޖޯ ބައިޑަންއާ ވާދަކުރައްވަން ރިޕަބްލިކަން ޕާޓީގެ ޓިކެޓުގައި ކުރިމަތިލައްވަމުން ގެންދަވާ ދަނޑިވަޅެއްގައި، އެންމެ ކުރީގައި ހުންނެވި ޓްރަމްޕާ ދެކޮޅަށް އޭޕްރީލް މަހުން ފެށިގެން ހުށަހަޅަމުން އަންނަ ދައުވާތަކަށް ޓްރަމްޕް އިއުތިރާފުވެވަޑައިގެންނެވި ތިން ވަނަ ފަހަރެވެ.
އަންގާރަ ދުވަހު 45 ސޮފްހާގެ ދައުވާއެއްގައި ސްމިތު ވަނީ ޓްރަމްޕާއި އޭނާގެ ބައިވެރިން އިންތިހާބު އޮޅުވާލާފައިވާ ކަމަށް ބުނެ ދޮގު ވާހަކަތައް ޕްރޮމޯޓްކޮށް، ނަތީޖާ ބަދަލުކުރުމަށް ސްޓޭޓް އަދި ފެޑެރަލް އޮފިޝަލުންނަށް ޕްރެޝަރުކޮށް، ބައިޑަންގެ އަތުން އިލެކްޓޯރަލް ވޯޓް އަތުލަން މަސައްކަތް ކުރުމަށް އިލެކްޓަރުންގެ ފޭކް ސްލޭޓްތައް އެސެމްބްލް ކޮށްފައިވާ ކަމަށް ތުހުމަތުކޮށްފަ އެވެ.
އުމުރުން 77 އަހަރުގެ ޓްރަމްޕްގެ މައްޗަށް ހަތަރު ދައުވާއެއް އުފުލާފައިވާއިރު އޭގެ ތެރޭގައި އެމެރިކާއަށް ހިޔާނާތްތެރިވުމަށް ރޭވުމާއި، ރައްޔިތުންގެ ވޯޓުލުމުގެ ހައްގު ނިގުޅައިގަތުމާއި، ރަސްމީ މަރުހަލާއަކަށް ހުރަސް އެޅުން ހިމެނެ އެވެ.
މިދައުވާތައް ޓްރަމްޕްގެ މައްޗަށް ސާބިތުވެއްޖެނަމަ ގިނަވެގެން 20 އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ.
މި މައްސަލައިގެ އަޑުއެހުމެއް ދެން އޮންނާނެ ތާރީހަކީ އޮގަސްޓް މަހުގެ 28 ވަނަ ދުވަހު އެމެރިކާގެ ޑިސްޓްރިކްޓް ގާޒީ ތާނިޔާ ޗުޓްކަންގެ ކުރިމަތީގައި އެވެ. ނަމަވެސް އެންމެފަހުގެ އަޑުއެހުމުގައި ޤާޟީ ވިދާޅުވީ އެ އަޑުއެހުމުގައި ޓްރަމްޕް ބައިވެރިވެވަޑައިގަންނަވަން ނުޖެހޭނެ ކަމަށެވެ.
ޓްރަމްޕްއާއި އޭނާގެ ސަޕޯޓަރުން ތުހުމަތު ކުރާ ގޮތުގައި އޭނާގެ މައްޗަށް އުފުލަމުން މިދަނީ ސިޔާސީ ދައުވާތަކެކެވެ. އޭގެ ބޭނުމަކީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ކުރިން ޓްރަމް ޖަލަށް ލުން ކަމުގައި ކަމަށްވެސް ޓްރަމްޕްއާއި އޭނާގެ ސަޕޯޓަރުން ބުނެއެވެ.