Friday 22nd Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މުޒާހަރާ

އަސާސީ ހައްގެއް ކޯޓުގެ ތެރޭގައި ތާށިވެފައި!؟

މަސްވެރިންގެ ހައްގުގައި އިދިކޮޅުން ކުރިއަށް ގެންދިޔަ މުޒާހަރާ. ފޮޓޯ: ދިޔަރެސް

ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމަކީ ޑިމޮކްރެޓިކް ގައުމެއްގައި އެންމެ އަސާސީ އިންސާނީ ހައްގެކޭ ބުނުމަކީ ދޮގަކަށް ނުވާނެ އެވެ. ނަމަވެސް އެއްވެ އުޅުން ހަނިވާ ގޮތަށް 2016 ގައި ގާނޫނަށް އިތުރުކުރި މާއްދާއަކާއެކު ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި އެއްވެ އުޅުމުގެ މިނިވަންކަން ވަރަށް ބޮޑަށް ވަނީ ހަނިވެފަ އެވެ.

"ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ބިލު" 2013 ވަނަ އަހަރު ފާސްކުރިއިރު އެ ގާނޫނުގެ ބޭނުމަކަށް ވެފައި އޮތީ، ދައުލަތުގެ ހުއްދައެއް ކުރިން ހޯދުމަކާނުލައި، ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަން، ކޮންމެ މީހަކަށްމެ ލިބިގެންވާ ކަމަށް ގާނޫނުއަސާސީގެ 32 ވަނަ މާއްދާގައި ބަޔާންކޮށްފައިވާއިރު، އެ މިނިވަންކަމުގެ ހައްގުގެ ހަމަތައް ބަޔާންކުރުމާއި، އިންސާނީ ހައްގުތަކުގެ ބައިނަލްއަގްވާމީ ގަރާރުގެ 20 ވަނަ މާއްދާއިން ލިބިދޭ އެއްވެ އުޅުމުގެ މިނިވަންކަމުގެ ހައްގުގެ ހަމަތައް ދިވެހިރާއްޖޭގައި އިންތިޒާމު ވެގެންވާގޮތް ބަޔާންކުރުމެވެ.
އެ ގާނޫނަށް 2016 ވަނަ އަހަރު ގެނައި އިސްލާހުގައިވާ ގޮތުން ލިޔުމުން ދޭ ހުއްދައަކާ އެކު ފިޔަވައި، މާލޭގައި އެއްވެސް ބާވަތެއްގެ އެއްވުމެއް ނުވަތަ ހިނގާލުމެއް ނުވަތަ އުޅަނދުބުރެއް ބޭއްވޭނީ، ހޯމް މިނިސްތްރީން ކަނޑައަޅާ ތަންތަނުގައި އެކަންޏެވެ. އެގޮތުން މިނިސްޓްރީން ކަނޑައަޅާފައިވަނީ ކުރިންބައިން އެންގުމަކާ ނުލައި އެއްވެ އުޅެވޭނީ މާލޭ ކާނިވާ ސަރަހައްދުގައި އެކަނި ކަމަށެވެ.
ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެ ގާނޫނު ފާސްކުރުމުން އޭރު އިދިކޮޅު އެމްޑީޕީގެ ޕީޖީ ލީޑަރަކަށް ހުންނަވައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވަނީ އެ ގާނޫނަށް އަމަލު ކުރަން ނުޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އެއްވެ އުޅުން ހަނިކުރާ އެ މާއްދާ އިސްލާހުކުރައްވާނެ ކަމަށް 2018 ގެ ކެމްޕެއިންގެ ތެރެއިން އެމަނިކުފާނު ވައުދުވެވަޑައިގެންނެވި އެވެ.
އެކަމަކު ރައީސް ސޯލިހަށް ވެރިކަން ލިބި، ދައުރު ނިމެން ގާތްގަނޑަކަށް ދެމަހަށް ވެފައިވާއިރު އެމަނިކުފާނުގެ ރިޔާސީ ވައުދު ނުފުއްދަވަ އެވެ.

ވައުދު މަޖިލީހުގެ ތެރޭގައި ތާށި!

އެއްވެ އުޅުމުގެ ހައްގު ހަނިކުރާ މާއްދާ އިސްލާހުކުރަން 2019 ވަނަ އަހަރު ހުށަހެޅި ބިލު އަދިވެސް އޮތީ މަޖިލީހުގަ އެވެ. ބިލު އޮތީ ކޮމިޓީގައި ޕާކުކޮށްފަ އެވެ. އެމްޑީޕީގެ ސުޕަ މެޖޯރިޓީ މަޖިލީހުގައި އޮވެމެ ގާނޫނު އިސްލާހު ނުކުރުމުން، އެއްވެ އުޅުމުގެ މިނިވަން ކަމަކީ ވެރިކަމަށް އައުމަށް ރައީސް "ރައްޔިތުގެ ލޮލުގައި އެޅުވި އަނދުނެއް" ކަމަށް ވެއްޖެ އެވެ.
ގާނޫނު އިސްލާހު ނުކޮށް، ސަރުކާރުން ވަނީ އެއްވެ އުޅުމުގެ ހައްގު ހަނިކުރުން ދިފާއުވެސް ކޮށްފަ އެވެ. ނޮވެމްބަތު 16، 2022 ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހޯމް މިނިސްޓަރު އިމްރާން އަބްދު ﷲ ވިދާޅުވީ ރިޔާސީ އިންތިހާބާ ދިމާކޮށް ސަރުކާރުން ވައުދުވި ގޮތަށް އެއްވެ އުޅުމުގެ ގާނޫނު ބަދަލުނުކުރި ނަމަވެސް، އެއްވެ އުޅުމުގެ ފުރުސަތު ފަހިކޮށްދޭ ކަމަށެވެ.
އެންމެ ފަހުން ސަރުކާރުގެ މެޖޯރިޓީ އޮތް މަޖިލީހުން އެއްވެ އުޅުމުގެ މިނިވަންކަން ހޯދައިދޭން މަސައްކަތް ނުކުރާތީ، ހައްގު ހަނިކުރާ މާއްދާ ބާތިލްކުރަން "ދިޔަރެސް" ނޫހުގެ ތިން މުއައްސިސުންކަމުގައިވާ އަހްމަދު އަޒާނާއި އަހްމަދު އިބްރާހީމާއި، ޝިފްޒާން އަހްމަދު، ހައިކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހެޅި އެވެ.
މިދިޔަ އަހަރުގެ މެއި 23 ވަނަ ދުވަހު ހައިކޯޓަށް ހުށަހެޅި އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން ވެސް ތާވަލްކުރީ މައްސަލަ ހުށަހެޅިތާ ހަ މަސް ފަހުން، ނޮވެމްބަރު 28، 2022 ގަ އެވެ. ހައިކޯޓުން ބުނި ގޮތުގައި އެ މައްސަލަ ތާވަލުކުރަން އެހާ ގިނަ ދުވަސް ނެގީ ފަނޑިޔާރު ޝުއައިބު ހުސެއިން ޒަކަރިއްޔާ އާލަސްކަންފުޅާއުޅުއްވާތީ ވަރަށް ދިގު ޗުއްޓީއެއް ނެންގެވުމުންނެވެ.
ހައިކޯޓަށް ހުށައެޅި މައްސަލާގައި އެދިފައިވަނީ އެއްވެ އުޅެވޭނީ ވަކި ތަނެއްގައި ކަމަށް ކަނޑައެޅުމަކީ މިނިވަން ޑިމޮކްރެޓިކް މުޖުތަމައުތަކުގައި އެ ހައްގު ހަނިކުރާ އުސޫލާ ހިލާފު ކަމެއް ކަމަށެވެ. އަދި މާލޭގައި އެއްވުމަށް ލިޔުމުން ހުއްދަ ހޯދުމާއި، މިނިސްޓްރީން ހުއްދަ ދޭ ވަކި ތަންތަނުގައި ނޫނީ އެއްވެ ނޫޅެވޭނެކަމަށް ކަނޑައެޅުމަކީ ގާނޫނު އަސާސީން ކަށަވަރުކޮށްދޭ އަސާސީ ހައްގެއް މުޅިން ނައްތާލުން ކަމަށް ވާތީ އެ އިސްލާހު ބާތިލްކޮށްދިނުމަށް އެދިފައިވެ އެވެ.

ހައްގު ކޯޓުގައިވެސް ތާށި؟

އެ މައްސަލަ ބައްލަވަނީ ފަސް ފަނޑިތޔާރުންގެ ބެންޗަކުންނެވެ. ބެންޗުހައި ހިމެނިވަޑައިގަންނަވަނީ، ފަނޑިޔާރު ދީބަނާޒް ފަހުމީ (ރިޔާސަތު)، ފަނޑިޔާރު މުހައްމަދު ސަލީމް، ފަނޑިޔާރު ޝުއައިބު ހުސެއިން ޒަކަރިއްޔާ، ފަނޑިޔާރު މުހައްމަދު ފައިސަލް، ފަނޑިޔާރު ހަސަން ޝަފީއު އެވެ.

މައްސަލަ ކޯޓަށް ހުށަހެޅި ފަހުން އަހަރަކަށްވުރެ ގިނަ ދުވަސްވީ އިރު އަދި ބޭއްވުނީ އެންމެ އަޑުއެހުމެކެވެ. އެއީ މިދިޔަ އަހަރުގެ ނޮވެމްބަރުގައި ބޭއްވި ފުރަތަމަ އަޑުއެހުން އެކަންޏެވެ. އޭގެ ފަހުން އެއްވެސް އަޑުއެހުމެއް ނުބާއްވައެވެ.

ފުރަތަމަ އަޑުއެހުމުގައި ދައުލަތުން ބުނީ، އެއްވެ އުޅުމުގެ މިނިވަންކަން ހަނިކުރާ މާއްދާ އުވާލުމުގެ ބިލު މަޖިލީހުން ބަލައިގަނެ ދިރާސާކުރަމުން ދާތީ، ގާނޫނުގެ އެ ބައި ބާތިލްކުރުމުގެ މައްސަލަ ކޯޓުން ބެލުމުގެ ބޭނުމެއް ނެތް ކަމަށެވެ.
މައްސަލަ ކޯޓަށް ހުށަހަޅައިގެން ކުރިއަށް ގެންދަން އުޅުމުން ދައުލަތުން ދެއްކީ، މަޖިލީހުގައި ގާތްގަނޑަކަށް ހަތަރު އަހަރު ތާށިވެފައި އޮތް ބިލެއްގެ ވާހަކަ އެވެ.
އެކަމަކު މައްސަލަ ހުށަހެޅި ފަރާތުގެ ވަކީލު ފާހަގަކުރެއްވި ގޮތުގައި، މަޖިލިހަށް ބިލެއް ހުށަހަޅާފައި އޮތުމުން ކޯޓަށް އެ މައްސަލައެއް ނުބެލޭ ކަމަށް ވާނަމަ އެކަމުގެ ސަބަބުން އަސާސީ ހައްގުތައް ނިގުޅައިގަތުމުގެ ފުރުސަތެއް އެބައޮތެވެ. އެގޮތުން ކޮންމެ ހައްގެއް ހަނިކުރުމަށް ފަހު އަނެއްކާ ވެސް މަޖިލިހަށް ބިލެއް ހުށަހެޅުމަށް ފަހު ކޯޓަށް މައްސަލަ ނުބެލޭނެ ކަމަށް ބުނުމުގެ ފުރުސަތު ވެސް އޮންނާނެ އެވެ.
އޭނާ ވިދާޅުވި ގޮތުގައި ކޮންމެ ގޮތަކަށް މަޖިލީހުގައި ބިލު އޮތަސް، ގާނޫނު އޮތް ގޮތުން އެއްވެ އުޅުމުގެ ހައްގު އޮތީ ހަނިވެފަ އެވެ. އަދި އެއްވާ މީހުން ހައްޔަރުކުރަމުން ދާއިރު، އެ ހައްގު ހަނިކޮށްފައި ވަނީ ރަނގަޅަށް ކަން ދައުލަތަށް ކޯޓުގައި ބުނެ ނުދެވުނެވެ.
މަޖިލީހުން އެ މާއްދާ އުވާލަން ނުފެންނަ ކަމަށްވެސް ނިންމި އެވެ. މަޖިލީހުން ހައްގު ކަށަވަރުނުވުމުން ކޯޓަށް ހުށަހެޅި މައްސަލަ ވެސް މިއޮތީ ހުއްޓިފަ އެވެ. އަޑުއެހުމެއް ތާވަލްނުކުރަނީ ކީއްވެތޯ ސުވާލު ކުރުމުން ކޯޓުން ކޮންމެ ފަހަރަކުވެސް ކޮންމެވެސް ސަބަބެއް ދައްކަ އެވެ. އެކި ފަހަރު އެކި "ބަހަނާ" އެވެ.
އެ މައްސަލައިގައި ހަސްމުންގެ ގޮތުގައި ހިމެނޭ ފަރާތްތައް ވަނީ މައްސަލަ ތާވަލް ނުކުރާތީ ދެތިން ދުވަހު ކޯޓަށް ގޮސް އެތަނުން ނުނިކުމުގެ ތިބެފަ އެވެ. ނަމަވެސް ލިބުނު ޖަވާބަކީ "ކޯޓުން ނުނިކުމުގެ ތިއްބަސް ހަދާނީ ތިމަންނަމެން ހަދާނެ އެއްޗެއް،" ކަމެވެ.
ކޯޓުގައި މައްސަލަ ޝެޑިއުލް ނުވެ އޮތް އިރު، ބެލެވޭ ގޮތުގައި އެކަމަށް އޮތީ ސަރުކާރުގެ ނުފޫޒެވެ. ސަރުކާރުގެ އިސް ބޭފުޅުން ދައްކަވާފައިވާ ވާހަކަތަކުން ވެސް އެ އިސްލާހު އުވާލުމުގެ ވިސްނުމެއް ސަރުކާރުގައި ނެތް މިހާރު އެނގެން ފަށައިފި އެވެ.

މިހާރު ފާޅުގައި އިންޒާރު؟

އަނެއްކާވެސް، އަންނަ ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވައި ދެވަނަ ދައުރެއް ހޯއްދެވުމަށް ރައީސް ސޯލިހް މިހާރު ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގެ ތެރެއިން އެމަނިކުފާނުގެ ކޯލިޝަން ޕާޓްނަރު، އަދާލަތުގެ ރައީސް އިމްރާން އަބްދުﷲ އާއި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވަނީ މުޒާހަރާ ކުރާ ފަރާތްތަކަށް އިންޒާރު ދެއްވާފަ އެވެ.
އެބޭފުޅުން އިންޒާރު ދިނީ ރައީސް ރަށްރަށަށް ވަޑައިގަތުމުން، އެ ރަށްރަށުން އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ސަޕޯޓަރުން ރައީސް އިބްރާހީމްއާ ދެކޮޅަށް މުޒާހަރާ ކުރާތީ އެވެ. އިމްރާން ވިދާޅުވީ ސިޔާސީ ހަރަކާތް ހިންގަން އަބަދު ކުރަން އޮތް ކަމަކީ މުޒާހަރާ ކުރުން ކަމުގައި ވިޔަ ނުދޭނެ ކަމަށެވެ. އަދި ރައީސް ސޯލިހުގެ ދެވަނަ ދައުރެއްގައި އެގޮތަށް އެމަނިކުފާނާ ދެކޮޅަށް މުޒާހަރާކުރަން ފުރުސަތު ނުދޭނެ ކަމަށް ދޭހަވާ ގޮތަށް ވާހަކަދެއްކެވި އެވެ.
"ޑިމޮކްރެޓްސް ބޭފުޅުން ކަމަށްވިޔަސް، ޕީޕީއެމް ބޭފުޅުން ކަމަށް ވިޔަސް، އެ ނޫން ޕާޓީއެއްގެ ބޭފުޅުން ކަމަށް ވިޔަސް، އަޅުގަނޑުމެން ރަށްރަށަށް އަރާއިރު ތި ސަކަރާތް ޖަހަން [މުޒާހަރާ ކުރަން] ދެން ނަހަދާތ،" މި މަހު 16 ވަނަ ދުވަހު މ. ދިއްގަރުގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުން އިމްރާން ވިދާޅުވި އެވެ.
މިދިޔަ ހޯމަ ދުވަހުގެރޭ ފުވައްމުލަކު ސިޓީގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ފައްޔާޒު ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ކެމްޕެއިނަށް ހުރަސްއަޅާނަމަ ރާއްޖޭގެ އެއްވެސް ރަށެއްގައި އެހެން އެއްވެސް ފަރާތަކަށް ވެސް ކެމްޕޭން ނުކުރެވޭނެ ކަމަށެވެ.
އިދިކޮޅު ފަރާތްތަކުން ކުރަމުން އަންނަ ސިލްސިލާ މުޒާހަރާތައް ހުއްޓުވައިލައްވަފާނެ ކަމުގެ އިޝާރާތެއް މީގެ ކުރިން، މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ރައީސް ސޯލިހު ވެސް ދެއްވި އެވެ. ރައީސް ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި ހައްގުތައް އެއްވެ އުޅުމުގެ ހައްގު ދީފައިވީ ނަމަވެސް އެ ހައްގުތައް ބޭނުންކުރާ ގޮތުން އެހެން ބަޔަކަށް ދުއްތުރާވާނަމަ ފިޔަވަޅުއަޅުއްވާނެ ކަމަށެވެ.
އެއާއެކު އިދިކޮޅު ލީޑަރު، ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކޮށްފައިވާ 11 އަހަރުގެ ޖެލު ހުކުމް ބާތިލްކޮށް، އެމަނިކުފާނު މިނިވަން ކުރުމަށް ގޮވައިލައި އިދިކޮޅުން މާލޭގައި ކުރާ ސިލްސިލާ މުޒާހަރާތަކުގައި ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ކުރުމާއެކި، މުޒާހާތަކުގެ ތެރެއިން މީހުން ހައްޔަރުކުރުން ވަރަށް ބޮޑަށް އިތުރުވި އެވެ.މިހާރުވެސް އިދިކޮޅުގެ މުޒާހަރާތަކުން ކޮންމެ ރެއަކުހެން ގަދަ ބާރުން މީހުން ހައްޔަރުކުރަމުންދާއިރު، ހޯމް މިނިސްޓަރު އިމްރާން ވަނީ އެއްވެ އުޅުން ހަނިކުރާ މާއްދާ ދިފާއު ކުރައްވާފަ އެވެ.
ކޮންމެއަކަސް ރައީސް ވީ ވައުދު މަޖިލީހަކުން ނުފުއްދި އެވެ. ސުޕަ މެޖޯރިޓީ އޮވެމެ އެ ހައްގު ކަށަވަރުވާ ގޮތެއް ނުވި އެވެ. ދެން ކޯޓަށް ހުށަހެޅި މައްސަލަ ވެސް މިއޮތީ ތާށިވެފަ އެވެ. މިއީ އިއްތިފާގަކަށް ވެދާނެބާ އެވެ. ހަމަ ހަގީގަތުގައި ވެސް އެއްވެ އުޅުމުގެ ހައްގު ހަނިކުރާ މާއްދާ އުވާލަން ސަރުކާރުން ބޭނުންވާ ކަމަށް ދެން ގަބޫލުކުރެވިދާނެތޯ އެވެ؟
މި ލިއުމާއި ގުޅޭ