ރައީސުލްޖުމުހުރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަށް، ސަލަފް ޖަމިއްޔާގެ ޗީފް މާކެޓިންގ އޮފިސަރ އަދި ސަލަފް ޖަމިއްޔާއިން ހިންގާ ހަރަކާތްތަކުގައި އިސް ދައުރެއް އަދާކުރާ އަލީ ރަމީޒު ވަރުގަދަ ބަހުގެ ހަމަލާއެއް ފޮނުވައިފިއެވެ.
އަލީ ރަމީޒް ރައީސް އިބްރާހީމަށް ފާޑޫ ވިދާޅުވެ ޓްވީޓެއް ކުރައްވާފައި މިވަނީ ރައީސުލްޖުމުހުރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ގޮތް ހުސްވެ ވަޑައިގެން މި ސަރުކާރުކަރުން ކުރިއަށް ގެންދާ މަޝްރޫއުތައް ނުނިންމުގެ ޒިންމާ ކުންފުނިތަކުގެ ބޮލުގައި އަޅުއްވަން ފެއްޓެވުމާއި ގުޅިގެންނެވެ.
މިކަމާއި ގުޅިގެން އަލީ ރަމީޒް ކުރެއްވި ޓްވީޓެއްގައި ވަނީ ޕްރޮޖެކްޓްތައް ނުނިމި ހަތަރު ފަސް އަހަރު ވީއިރު އެކަން އެނގިވަޑައިގަތީ ވެރިކަން ނިމެން ހަފްތާއަކަށް ވީމަތޯ ސުވާލު ކުރައްވާފައެވެ.
ރައީސް އިބްރާހިމް މިހާރު ށ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު މާއުނގޫދޫއަށް ވަޑައިގެން ވިދާޅުވެފައިވަނީ ސަރުކާރުން އެރަށުގައި ކޮށްދޭން ފެށި މަސައްކަތްތަކުގެ ތެރެއިން އެންމެ އެދެވޭ ގޮތުގައި ކުރިއަށް ނުދާ ބައެއް މަޝްރޫއު އެބަ ހުރިކަމަށެވެ.
އެގޮތުން ސަރުކާރުން އެރަށުގައި ފެށި ފެނާއި ނަރުދަމާގެ ނިޒާމުގެ މަޝްރޫއުގެ މަސައްކަތް އެމަނިކުފާނު ފާހަގަކުރައްވާފައިވެއެވެ.
ރައީސް އިބްރާހިމް ވިދާޅުވީ ސަރުކާރުގެ ފެނާއި ނަރުދަމާގެ ނިޒާމުގެ މަޝްރޫއުގެ މަސައްކަތް އެންމެ ފުރަތަމަ ފެށި އެއް ރަށް މާއުނގޫދޫ ކަމަށާއި އެހެން ނަމަވެސް އެރށުގައި އެމަސައްކަތް ހަވާލު ކުރެވުނު ކުންފުނީގެ ސަބަބުން މަސައްކަތަށް ހަތަރު އަހަރު ވެގެން ދިޔަ އިރުވެސް މަސައްކަތް ނިންމިފައި ނުވާކަމަށެވެ.
"އަޅުގަނޑުމެން އޭރު އެ މަސައްކަތް އެ ކުންފުންޏާ ސްޓެޓިކްއާ ހަވާލު ކުރީ އޭރު އެއީ ރާއްޖޭގައި އެ މަސައްކަތް ކުރާ އެންމެ ރަނގަޅު ކުންފުންޏަށް ވާތީ، އަވަހަށް ނިންމޭނެ ކަމުގެ އުންމީދުގައި، އެހެން ނަމަވެސް ވަރަށް ހިތާމަހުރި ކަމެއް، ހަވާލުކުރި ރަށްތަކުގެ ތެރެއިން އަދި މަސައްކަތް ނިންމުނީ އެންމެ ރަށެއްގެ، ވަރަށް ދެރަ. އަލުގަނޑުމެންނަށް ކުރަން އޮތް ކަމަކީ ކޮންޓްރެކްޓް ބާތިލުކުރުން" ރައީސް އިބްރާހިމް ވިދާޅުވެފައިވެއެވެ.
"އެއީ އޮތް ގޮތަކީ އެހެން ނަމަވެސް އެކަން ކޮށްފިއްޔާ އަނެއްކާވެސް ތިން ހަތަރު މަސް ހޭދަވެގެންދޭ ޕްރޮސެސްތެރޭގައި އެކަން ނިންމާ އެހެން ބަޔަކާ ހަވާލުކުރަން، އެހެންވެ ވާހަކަ ދައްކައިގެން އަދިވެސް އެއަށް ގޮތެއް ހޯދޭތޯ އަޅުގަނޑުމެން މަސައްކަތް ކުރަމުން މި ގެންދަނީ، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ މަސައްކަތުގައި އެކަމަށް ގޮތެއް ނުފެނިއްޖެއްޔާ ކޮންޓްރެކްޓް ބާތިލުކޮށްފައި ނަމަވެސް ސަރުކާރުގެ ހިއްސާ އޮންނަ ކުންފުންޏަކަށް އެ މަސައްކަތް ހަވާލުކޮށްގެން ނަމަވެސް މި ރަށުގެ ފެނާއި ނަރުދަމާގެ ނިޒާމް ނިންމަދޭނަން" ރައީސް އިބްރާހިމް އިތުރަށް ވިދާޅުވެފައިވެއެވެ.
ރައީސް އިބްރާހިމް މިފަދައިން ވިދާޅުވެފައިވީ ނަމަވެސް ސަރުކާރު ކުންފުނިތައް އާރްޑީސީ، ފެނަކަ، އަދި އެމްޓީސީސީއާ ހަވާލުކޮށްގެން މި ސަރުކާރުން ރަށްރަށުގައި ކުރިއަށް ގެންދާ ގިނަ މަސައްކަތްވެސް ނުނިމޭކަން ފާހަގަކޮށްލެވެއެވެ.
އަދި ވަކި ކުންފުންޏެއްގެ ވާހަކަ ރައީސް އިބްރާހިމް މިފަދައިން މީގެ ކުރިން ދައްކަވާފައެއް ނުވެއެވެ.
ބެލެވޭ ގޮތުގައި ސްޓެޓިކް ކުންފުނީގެ ވާހަކަ ވަކިން ރައީސް އިބްރާހިމް ގެންނަވާފައިވަނީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރަކީ އިދިކޮޅު ދަ ޑިމޮކްރެޓްސް އިސް ބޭފުޅަކަށް ވާތީއެވެ. މީގެ ކުރިން އެފަރާތުން އެމްޑީޕީއަށް ތާއީދު ކުރި އިރު ރައީސް އިބްރާހިމް މިފަދަ އެއްވެސް ވާހަކައެއް ދައްކަވާފައެއް ނުވެއެވެ.