ރާއްޖޭގެ ދެކުނުގެ އަތޮޅުތަކުގައި ރައީސުލްޖުމުހުރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަށް ތާއީދު ނެތްކަމަށް ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓު ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ވިދާޅުވެއްޖެއެވެ.
އިލްޔާސް މިފަދައިން ވިދާޅުވީ ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ އެކު އޭނާ އެ ޕާޓީގެ ރިޔާސީ ކެމްޕޭނަށް އައްޑޫ ސިޓީއަށް ކުރެއްވި ދަތުރުފުޅު ނިންމާލެއްވުމަށްފަހު އެނބުރި ވަޑައިގެން ދެއްކެވި ވާހަކަފުޅެއްގައެވެ.
އޭނާ ވިދާޅުވީ އައްޑޫ ރައްޔިތުންގެ ތާއީދު ފެނިފައި ޑިމޮކްރެޓްސްއަށް އިންތިހާބު ކާމިޔާބު ކުރެވޭނެކަން ޔަގީންވާ ކަމަށާއި މުޅި އައްޑޫ އޮތީ އެ ޕާޓީއާ އެކީގައި ކަމަށެވެ.
"އައްޑޫ ރައްޔިތުންގެ ތާއީދު ފެނިފައި ޔަގީން ވަނީ ޑިމޮކްރެޓްސްއަށް އިންތިހާބު ކާމިޔާބު ކުރެވޭނެކަންކަމަށް، މުޅި އައްޑޫ އޮތީ ޑިމޮކްރެޓުންނާ އެކީ، ފޭދޫ، މަރަދޫ މަރަދޫ ފޭދޫގެ ރައްޔިތުންނާ ބައްދަލުކުރިން އަދި ހިތަދޫގެ ތިން ދާއިރާގެ ރައްޔިތުންނާ ހުޅުދޫ މީދޫގެ ރައްޔިތުންނާވެސް ބައްދަލުކުރިން" އިލްޔާސް ވިދާޅުވިއެވެ.
"އެތައް މަސައްކަތުން އައްޑޫގެ ޑިވެލޮޕްމަންޓް ޕްލޭންއެއް ހަދާ ތަރައްގީ ކުރެވޭނެ ގޮތްތައް ކަނޑައަޅާ އެކަންތައްތައް ތަންފީޒު ކުރުމަށް ސަރުކާރާ ހަވާލުކުރީ، އިންޑިއަން އެގްޒިމް ބޭކުން 800 މިލިއަން ޑޮލަރުގެ ފެސިލިޓީއެއް ހޯދާ ސަރުކާރަށް އެ ޖާގަ ހޯދައިދިނުމަށް އަޅުގަނޑުމެން އެމްޑީޕީގައި ތިބިއިރު އަލުގަނޑުމެން މަސައްކަތްކޮށްގެން އެކަން ކުރެވިފައި އޮތީ" އިލްޔާސް ވިދާޅުވިއެވެ.
"އައްޑޫގައި އެއާޕޯޓެއް ހެދިފައެއް ނެތް، އެ ސިޓީގައި ބައިނަލް އަގްވާމީ ބަނދަރު ސީޕޯޓް ތަރައްގީ ކުރެވިފައެއް ނެތް އެ ނޫންވެސް އެތައް މައްސަލައެއް އައްޑޫ ރައްޔިތުން ފާހަގަކޮށްފައިވޭ" އިލްޔާސް ވިދާޅުވިއެވެ.
އެކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ މުޅި އައްޑޫގައިވެސް އަދި މުޅި ދެކުނުގައިވެސް ރައީސް އިބްރާހިމްއަކަށް އެއްވެސް ތާއީދެއް ނެތްކަމަށެވެ.