އެމެރިކާގައި ރާއްޖެއިން ގާއިމުކުރާ ދިވެހި އެމްބަސީ ހުޅުވުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެ ގައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، އޭނާ އަރިހުގައި، ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު މުހައްމަދު (މައިފޫނާ) ބައިވެރިވެވަޑައިގެން ކުރެއްވި މަޝްވަރާތަކުގެ ތަފްސީލު ހާމަކުރަން ފޮރިން މިނިސްޓްރީން ދެކޮޅު ހަދައިފި އެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން "ދިޔަރެސް" އިން ފޮރިން މިނިސްޓްރީގައި އެދުނީ މިދިޔަ ޖޫން މަހު އެމެރިކާގެ އެމްބަސީ ހުޅުވުމަށް ކުރެއްވި ދަތުރުފުޅުގައި ސައީދު ބައިވެރިވެވަޑައިގެންނެވި ހައިސިއްޔަތާއި އެ ދަތުރުފުޅުގެ ރަސްމީ މަޝްވަރާތަކުގައި ސައީދު ދެއްކެވި ވާހަކަތަކުގެ ތަފްސީލު ހޯދުމަށެވެ.
ފޮރިން މިނިސްޓްރީން ދިން ޖަވާބުގައި ބުނީ އެ ދަތުރުގައި ސައީދު ބައިވެރިވެވަޑައިގެންނެވީ ހަމަ ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ ހައިސިއްޔަތުން ކަމަށެވެ. ނަމަވެސް އެމެރިކާއާއި ދިވެހި ސަރުކާރާ ދެމެދު ދެކެވުނު ވާހަކަތަކަކީ ސިއްރު މައުލޫމާތެއް ކަމުން، އެ މައުލޫމާތުތައް ހިއްސާ ކުރެވެން ނެތް ކަމަށް މިނިސްޓްރީން ބުންޏެވެ.
ފޮރިން މިނިސްޓްރީގެ އިސް އޮފިޝަލަކު "ދިޔަރެސް" އަށް މައުލޫމަތު ދީފައިވާ ގޮތުގައި އެމެރިކާ ދަތުރުގައި ސައީދު ބައިވެރިވެވަޑައިގެންނެވީ ފޮރިން މިނިސްޓްރީގެ ހަރަދުގަ އެވެ. އެގޮތުން އޭނާއަށް އެ ދަތުރުގައި ޓިކެޓު ނަގާފައިވަނީވެސް މިނިސްޓްރީން ކަމަށް އެ އޮފިޝަލު ވިދާޅުވި އެވެ.
ނަމަވެސް އެފަދަ ދަތުރުފުޅެއްގައި ފެނަކަ ކުންފުނީގެ އެމްޑީ ބައިވެރިވެވަޑައިގަތުމަށް ހަމަޖެހުނު ސަބަބަކީ ކޮބައިކަމެއް އަދި އޭނާ އެ ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވާ މަގްސަދަކީ ކޮބައިކަމެއް ސާފުނުވާކަމަށް ވެސް އޮފިޝަލު ވިދާޅުވެފައިވެ އެވެ.
އެ ދަތުރުފުޅުގެ ތެރެއިން މިނިސްޓަރު ޝާހިދާއި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓު އެންޓޮނީ ބްލިންކެން ބައްދަލުކުރެއްވި ރަސްމީ ބައްދަލުވުމުގައި ވެސް ސައީދު ބައިވެރިވެވަޑައިގެންފައިވެ އެވެ. ބްލިންކެން ޓުވިޓާގައި ހިއްސާކުރެއްވި ޓުވީޓުގައި ސައީދާ ސަލާމްކުރައްވާ ފޮޓޯއާއި ރަސްމީ މަޝްވަރާގައި ހާރިޖިއްޔާގެ އޮފިޝަލުންނާއެކު ސައީދު ބައިވެރިވެވަޑައިގެންނެވި ފޮޓޯތައް ވެސް ހުއްޓެވެ.