Wednesday 29th May 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ސޯލިހް

މޭޒުތައް ވަށާ ގޮނޑި އަތުރައިގެން ވެސް ތާއީދެއް ނުދެއްކުނު!

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިޙު ރިޔާސީ އިންތިޚާބުގެ ކެމްޕެއިނަށް ރޭ ފުވައްމުލަކު ސިޓީއަށް ވަޑައިގެންނެވުމާއި އެކު ސޯޝަލް މީޑިޔާގައ ދައުރުވާން ފެށީ ރަޔަޓް ގިޔަރުގައި ފުލުހުންނާއި ސިފައިން ނިކުމެ އަނިޔާވެރިކަމާއި އެކު މުޒާހަރާ ރޫޅާލުމަށް މަސައްކަތް ކުރަމުން ގެންދިޔަ މަންޒަރެވެ. އެހެން ނަމަވެސް ސަރުކާރަށް ތާއީދުކުރާ ފަރާތްތަކާއި ޚުދު ރައީސް އިބްރާހިމް ވެސް ވިދާޅުވީ އެ ސިޓީ އިން ކިޔައިފައި ވަނީ ހޫނު މަރުޚަބާއެއް ކަމަށެވެ.

ފުވައްމުލަކަށް ނިސްބަތްވެވަޑައިގަންނަވާ ނައިބު ރައީސް ފައިސަލް ނަސީމު އާއި އެކު ރައީސް އިބްރާހިމް އެ ސިޓީއަށް ވަޑައިގެން ބޭއްވި ޖަލްސާއިން ހަމަގައިމުވެސް ރައީސް އިބްރާހިމަށް އޮތް ތާއީދެއް ފެނިގެން ގޮސްފައެއް ނުވެއެވެ. ފުވައްމުލަކަށް ބަލާއިރު ނިސްބަތުން މަދު އަދަދެއްގެ ބަޔަކު ބައިވެރިވި ޖަލްސާގައި މީހުން ގިނަ ކަން ދެއްކުމަށްޓަކައި ވަރަށް އާދަޔާ ޚިލާފު "ޓެކްނިކެއް" ރައީސް އިބްރާހިމްގެ ކެމްޕެއިން ޓީމުން ބޭނުންކޮށްފައިވެއެވެ. ފަހަރުގައި މިއީ އަހަރު ދިވެހިރާއްޖޭގައި ސިޔާސީ ޕާޓީ އުފެއްދުމުގެ ހުއްދަ ދިން ހިސާބުން ފެށިގެން ސިޔާސީ ޕާޓީއަކުން އެ ޕާޓީއަކަށް އޮތް ތާއީދު ދައްކާލުމަށް މިފަދަ "ޓެކްނިކެއް" ބޭނުންކުރި ފުރަތަމަ ފަހަރު ކަމުގައި ވެސް ވެދާނެއެވެ.

އާއްމުގޮތެއްގައި ސިޔާސީ ޕާޓީތަކުގެ ޖަލްސާތަކުގެ ބައިވެރިން އިށީނުމަށް ގޮނޑި އަތުރާ އުސޫލާއި ޚިލާފަށް ރޭ ފުވައްމުލަކުގައި ބޭއްވި ޖަލްސާ އޮތް ސަރަހައްދުގައި ގޮނޑި އަތުރާފައި ވަނީ އެ ސަރަހައްދުގައި މޭޒުތައް ޖަހައި އެ މޭޒުތަކުގެ ވަށައިގެން ގޮނޑިތައް ބަހައްޓާގޮތަށެވެ. ޖަލްސާގެ ފޮޓޯތަކާއި ޓީވީން ދެއްކި މަންޒަރުތަކަށް ބަލާއިރު ކޮންމެ މޭޒެއްގެ ވަށައިގެން 6 ގޮނޑި އައި 7 ގޮނޑީގެ އަދަދަކަށް ގޮނޑި ޖަހައިފައިވާކަން ފާހަގަކުރެވެއެވެ.

ފުވައްމުލައް ސިޓީގައި ރައީސް އިބްރާހިމްގެ "މޭޒު ވަށައިގެން ގޮނޑި އަތުރައިގެން" ޖަލްސާއެއް ބޭއްވި ބޭއްވި އިރު، ސިޔާސީ ފަރާތްތަކުން ބާއްވާ އެއްވުންތަކާއި ޖަލްސާތަކުގައި މިފަދައިން މޭޒު ޖެހުމަށްފަހު ގޮނޑި އެތުރުމަކީ އެމީހުންނަށް އޮންނަ ތާއީދު ބޮޑުކަން ދެއްކުމަށް ބޭނުންކުރާ އުކުޅެއް ގޮތުގައި ސައިކޮލޮޖިސްޓުން ފާހަގަކުރައްވައެވެ. އެ އުކުޅަށް ސައިކޮލޮޖިސްޓުން ދެއްވާފައިވާ ނަމަކީ، "ގްރޫޕިން އިލޫޝަން" ނުވަތަ "ޕަރސެޕްޝުއަލް ގްރޫޕިން" ޓެކްނިކެވެ. ސައިކޮލޮޖިސްޓުން ވިދާޅުވާ ގޮތުގައި އެގޮތަށް އަމަލުކުރަނީ ޖަލްސާ ނުވަތަ އެއްވުމުގައި ބައިވެރިވާ ފަރާތްތަކުގެ އަދަދު ގިނަކަން މީޑިޔާތަކަށް ނުވަތަ އެ ޖަލްސާ ބަލާ ފަރާތްތަކަށް ދެއްކުމުގެ ބޭނުމުގައެވެ.

ރައީސް އިބްރާހިމްގެ ކެމްޕެއިން ހަރަކާތްތަކަށް ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުން ދިއުމަށް މަޖުބޫރުކުރަމުން ގެންދާކަމުގެ ޝަކުވާ ބޮޑުވެފައިވަނިކޮށް، "މޭޒު ވަށައިގެން ގޮނޑި އަތުރައިގެން" ޖަލްސާ ބާއްވަނީ މުވައްޒަފުން ޖަލްސާގައި ބައިވެރިވާކަން ކަށަވަރު ކުރުމަށް ފަސޭހަ ގޮތެއް ކަމަށް ވެސް ސޯޝަލް މީޑިޔާގައި ބައެއް ފަރާތްތަކުން ވަނީ ފާހަގަކޮށްފައެވެ.

މާލެ ފިޔަވައި ރާއްޖޭގެ އެންމެ ބޮޑު އެއް އާބާދީގެ ގޮތުގައި ހިމެނޭ ފުވައްމުލައް ސިޓީގައި ތާއީދު އޮތްކަން ދެއްކުމަށްޓަކައި "ޕަރސެޕްޝުއަލް ގްރޫޕިން" ޓެކްނިކު ބޭނުންކުރެއްވި ނަމަވެސް، ރޭ އެރަށުގެ ގިނަބަޔަކު ނިކުމެ ރައީސް އިބްރާހިމް އާއި ދެކޮޅަށް މުޒާހަރާކޮށްފައިވުމުން އެ ސިޓީން ރައީސް އިބްރާހިމަށް ތާއީދު އޮތް މިންވަރު ވަނީ ހާމަވެގެން ގޮސްފައެވެ.

ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން މުޒާހަރާ ކުރީ މަދު ބަޔަކު ކަމަށް ބުނި ނަމަވެސް ފުވައްމުލައް ސިޓީގައި އިދިކޮޅު ފަރާތްތަކުން ކުރިއަށް ގެންދިޔަ މުޒާހަރާ ރޫޅާލުމާށް ގިނަ އަދަދެއްގެ ސިފައިންނާއި ފުލުހުން ހަރަކާތްތެރިވެފައިވެއެވެ. މީގެ ތެރޭގައި އައްޑޫ ސިޓީން ފޮނުވައިފައިވާ ފުލުހުންނާއި ސިފައިންގެ ޓީމުތައް ވެސް ހިމެނޭކަން ފާހަގަކޮށްލެވެއެވެ.

މި ލިއުމާއި ގުޅޭ