މާދަމާރޭ ބޭއްވުމަށް ނިންމާފައިވާ މާލެ ސިޓީ ކައުންސިލްގެ މިއަހަރުގެ ދެވަނަ ރައްޔިތުންގެ ބައްދަލުވުން ފަސްކޮށްފި އެވެ.
ސިޓީ ކައުންސިލުން ބުނީ އެ ބައްދަލުވުން ފަސްކުރީ މިދުވަސްވަރު ހޮޑުލުމާއި ބޭރަށް ހިންގުން އިތުރުވެ އެކަމަށް ސަމާލުވުމަށް އެޗްޕީއޭ އިން އިލްތިމާސްކޮށްފައިވާތީ، ގިނަ އަދަދެއްގެ މީހުން އެއްތަނަކަށް އެއްވެ އުޅުމަކީ އެދެވިގެންވާ ކަމަކަށް ނުވާތީ ކަމަށެވެ.
ބައްދަލުވުން ފަސްކުރި ތާރީހު ސިޓީ ކައުންސިލުން އަދި ހާމައެއްނުކުރެ އެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ކައުންސިލްތަކުން ކޮންމެ އަހަރަކުވެސް ރައްޔިތުންގެ ބައްދަލުވުން ބާއްވަންޖެހެ އެވެ.
އެގޮތުން މި އަހަރުގެ ކުރިންވެސް ސިޓީ ކައުންސިލުން ވަނީ އެ ބައްދަލުވުން ބާއްވާފަ އެވެ. ކައުންސިލުން ބުނި ގޮތުގައި އެ ކައުންސިލްގެ މަޤްޞަދަކީ ރައްޔިތުންނާއި ކައުންސިލާއި އޮންނަ ގުޅުން ބަދަހި ކުރުމާއި އެކު، މުޅި މާލެ ސިޓީ ތަމްސީލްވާނެހެން މާލޭގެ ކޮންމެ އަވަށަކަށް ނިސްބަތްވާ ރައްޔިތުންނާއި އެކު މި ބައްދަލުވުން ކުރިއަށް ގެންދިއުމެވެ.
އަދި ދެން އޮތް ރައްޔިތުންގެ ބައްދަލުވުންވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މީގެ ކުރީގެ ބައްދަލުވުންތަކެކޭ އެއްގޮތަށް ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދައިގެންކަމަށްވެސް ކައުންސިލުން ބުންޏެވެ.