ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓު ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު އެ ޕާޓީގެ ރިޔާސީ ކެމްޕޭނަށް މިއަދު އައްޑޫ ސިޓީއަށް ވަޑައިގެންނެވުމަށް ހަމަޖެހިއްޖެއެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި ރައީސް ނަޝީދާއި އިލްޔާސް އެ ސިޓީއަށް ވަޑައިގަންނަވާނީ މިއަދު އިރު އޮއްސި 6:00 ޖަހާހާއިރެވެ.
އިލްޔާސް ލަބީބަށް އެ ޕާޓީގެ ރިޔާސީ ޓިކެޓު ޔަގީން ވެފައި ވަނީ އޮންލައިންކޮށާއި، އަދި ވޯޓު ފޮށި ބަހައްޓާފައި ހުރި ތަންތަނަށް ހާޒިރުވެގެން ވެސް ވޯޓުލެވޭ ގޮތަށް އިއްޔެ ބޭއްވި ޕްރައިމަރީ ކާމިޔާބު ކުރެއްވުމުންނެވެ.
އިއްޔެ މެންދުރުފަހު 2:00 އިން ހަވީރު 6:00 އަށް ކުރިއަށް ގެންދިޔަ ޕްރައިމަރީގައި ޖުމްލަ 3،203 މީހުން ވޯޓު ލާފައިވާއިރު، އޭގެ ތެރެއިން އިލްޔާސަށް ރިޔާސީ ޓިކެޓު ދޭން ފެންނަ ކަމަށް 3،041 މީހުން ވޯޓު ދީފައިވެއެވެ.
އަދި އޭނާއަށް ޓިކެޓް ދޭން ނުފެންނަ ކަމަށް 153 މީހަކު ވޯޓު ދީފައިވާއިރު، މި ޕްރައިމަރީގައި ބާތިލް ނުވަ ވޯޓު ވެސް ލާފައިވެއެވެ. އެހެންކަމުން އިލްޔާސްއަށް ރިޔާސީ ޓިކެޓު ލިބިވަޑައިގަތީ ވޯޓު ދިން މީހުންގެ ތެރެއިން 94 އިންސައްތަ މީހުންގެ ތާއީދާއެކުއެވެ.
ރާއްޖޭގައި އެންމެ ފަހުން ރަޖިސްޓްރީކުރި ސިޔާސީ ޕާޓީ ދަ ޑިމޮކްރެޓިކްސް ގައި ޖުމުލަ 4100 މެންބަރުން ރެޖިސްޓްރީ ކޮށްފައިވާއިރު، އެޕާޓީ އިލެކްޝަންސް ކޮމިޝަނުގައި ރަޖިސްޓްރީ ކޮށްފައިވަނީ މި ހިނގާ ޖުލައި 2، ގައެވެ.
ރައްޔިތުން މަޖްލިސްގެ ރައީސް މުހައްމަދު ނަޝީދު އިސްކޮށް ހުންނަވައިގެން އުފެއްދެވި ދަ ޑިމޮކްރެޓްސް އަށް އިއްޔެވެސް ގިނަބަޔަކު ސޮއިކޮށްފައިވާއިރު، އެމީހުންނަށްވެސް ވަނީ އިއްޔެ ބޭއްވި އިންތިހާބުގައި ވޯޓުލުމުގެ ފުރުސަތު ދީފައެވެ.
ދަޑިމޮކްރެޓްސްގެ ރިޔާސީ ޓިކެޓް އިލްޔާސް އަށް ލިބިފައިވާއިރު، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަމަށް މިހާތަނަށް ސިޔާސީ ޕާޓީތަކުން އިއުލާންކުރި ކެންޑިޑޭޓުންނަކީ އިލްޔާސްގެ އިތުރުން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ޞާލިހާއި އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓު މުހައްމަދު ނާޒިމާއި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމްގެ އިތުރުން، ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނެވެ.
ރައީސް ޔާމީނަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމް އިސްތިއުނާފް ކޮށްފައިވާއިރު، އެމައްސަލަ އޮތީ ހައި ކޯޓުގައި މަޑުޖެހިފައެވެ. އެ މައްސަލައިގެ އަޑުއެހުންތައް ތާވަލު ކުރިނަމަވެސް އެކިއެކި ސަބަބު ތަކާހެދި ގިނަ އަޑުއެހުންތައްވަނީ ކެންސަލް ކޮށްފައެވެ.