މާލެ ސަރަހައްދުގައި މިވަގުތު ފެތުރެމުންދާ ހޮޑުލުމާއި ބޭރަށް ހިންގުމަކީ ނޯރޯވައިރަސްގެ ރޯގާއެއް ކަމަަށާއި އެއީ ހަލުވިކަމާއެކު ފެތުރެމުންދާ ވައިރަސްއެއްކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.
އެޗްޕީއޭއިން މިއަދު ބުނީ މާލެ ސަރަހައްދުގައި މިވަގުތު ފެތުރެމުންދާ ހޮޑުލުމާއި ބޭރަށް ހިންގުމަކީ ނޯރޯވައިރަސްގެ ރޯގާއެއް ކަމަަށެވެ. އަދި މިއީ ހަލުވިކަމާއެކު ފެތުރޭ ވައިރަސްއެއް ކަމަަށާއި ހާއްސަ ކޮށް ބަންދު ތަންތަނުގައި ނުވަތަ ގިނަ މީހުން އެއްވެ ތިބޭ ތަންތަނުގައި ވަރަށް ފަސޭހައިން ފެތުރޭ ކަމަށް ފާހަގަކުރެވޭ ކަމަށް ވެސް އެ އެޖެންސީން ބުނެފައިވެއެވެ.
އެ އެޖެންސީން ވަނީ އެ ރޯގާއިން ރައްކާތެރިވުމަށް ގިނަ ގިނައިން އަތް ދޮވުމަށް އިލްތިމާސް ކޮށްފައެވެ.
އޭގެއިތުރަށް ހޭންޑް ސެނިޓައިޒާ އެކަނި ބޭނުންކުރުމުން ނޯރޯވައިރަސްއިން ރައްކާތެރި ނުކޮށްދޭ ކަމަށާއި މުހިންމީ ރަނގަޅަށް ސައިބޯނިލައިގެން އަތްދޮވުން ކަމަަށްވެސް އެޗްޕީއޭއިން ބުނެފައިވެއެވެ. އަދި ހޮޑު ނުވަތަ ބޮޑުކަމުދާ ތަކެތި އެޅިފައިވާ ތަންތަން ސާފުކުރާއިރު ސަމާލުވުމަށް ވެސް އެ އެޖެންސީން އެދިފައިވެއެވެ.
އެގޮތުން ޓިޝޫ /ޕޭޕާ ޓަވަލް އިން ސާފުކޮށް ރައްކާތެރި ގޮތުގައި އުކާލުމަށްފަހު ބްލީޗް އަޅާފައި ފަސް މިނެޓް ބެހެއްޓުމަށް ފަހު ބްލީޗް ސާފުކޮށް ސައިބޯނި/ދޮންނަ ސޮލިއުޝަން ލައިގެން ސާފުކުރުމަަށް އެޗްޕީއޭއިން ވަނީ އިލްތިމާސް ކޮށްފައެވެ.
މީގެއިތުރުން ބަލީގެ އެއްވެސް އަލާމާތެއް ހުރިނަމަ ބަލީގެ އަލާމާތްތައް ފިލާތާ 24 ގަޑިއިރު ވަންދެން ކާބޯތަކެތި ތައްޔާރުކުރުމުގައި ބައިވެރިނުވުމާއި މީހުން ގިނަ ތަންތަނަށް ނުދިއުމަށްވެސް އެ އެޖެންސީން ވަނީ އިލްތިމާސްކޮށްފައެވެ.