ފައިސާ ނެތިގެން ކޮމަންވެލްތު ޔޫތު ގޭމްސްގައި ވާދަ ނުކުރަން ރާއްޖޭން ނިންމުމާ ގުޅިގެން އެފްއޭއެމްގެ ކުރީގެ ރައީސް އަދި މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ސަރުކާރަށް ފާޑުވިދާޅުވެއްޖެ އެވެ.
އަންނަ މަހުގެ 4-11 އަށް ޓްރިނަޑާޑް އެންޑް ޓޮބޭގޯގައި ބާއްވާ ކޮމަންވެލްތު ޔޫތު ގޭމްސްގައި ވާދަ ކުރަން އޮލިމްޕިކް ކޮމިޓީން ކުރިން ނިންމި އެވެ. އެކަމަކު ފަހުން އެ ނިންމުން ބަދަލުކޮށް، ގޭމްސްގައި ވާދަނުކުރަން މިހާރު ވަނީ ނިންމާފަ އެވެ.
އެނގިފައިވާ ގޮތުގައި އެ ގޭމްސްގައި ވާދަ ނުކުރަން ނިންމީ އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އާއި ސްޕޯޓްސް މިނިސްޓްރީ އަށް ވެސް ބަޖެޓްގެ ތާށިކަން އުޅޭތީ އެވެ.
އެކަމާ ގުޅިގެން އާޒިމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މި ސަރުކާރުގެ ދައުރު ނިމެން 43 ދުވަހަށް ވެފައިވާއިރު، ކުޅިވަރު ކުޅޭ ޒުވާނުންނަށް އެ ދިނީ "ރަނގަޅު މެސެޖެއް" ކަމަށެވެ.
"އިންތިހާބަށް ހަރަދު ކުރުމަށް 100 މިިލިޔަން ރުފިޔާ. ކުޅިވަރު ކުޅުންތެރިން ދާމުބާރާތައް މާބޮޑު ހަރަދުކުރަން ޖެހޭތީ އެމުބާރާތުގައި ބައިވެރިވެވޭކަށް ނެތް. ޝުކުރިއްރާ ރައީސް އިބްރާހިމް،" އާޒިމް ވިދާޅުވި އެވެ.
ސާދަ އަހަރާއި 18 އަހަރާ ދެމެދުގެ އެތުލީޓުންނަށް ހާއްސަކޮށްގެން ބާއްވާ ކޮމަންވެލްތު ޔޫތު ގޭމްސްގައި ވާދަ ކުރުމުގެ ފުރުސަތު ދޫކޮށްލިކަން ހާމަކުރީ އޮލިމްޕިކް ކޮމިޓީ އިން މިދިޔަ އަންގާރަ ދުވަހުގެ ރޭ ނެރުނު ބަޔާނެއްގަ އެވެ.
އެ ބަޔާނުގައި ބުނީ، ޔޫތު ގޭމްސްގެ ބަދަލުގައި މިހާރު ފޯކަސް އޮތީ، އަންނަ މަހު ފަށާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށް ރަނގަޅަށް ތައްޔާރުވެ، ގައުމަށް ޝަރަފްވެރި ކާމިޔާބެއް ހޯދުން ކަމަށެވެ.