މާލޭގައި ބޭރަށް ހިންގުމާއި ހޮޑުލުމުގެ ރޯގާ ވަރަށް ބޮޑަށް ފެތުރެމުންދިޔަ ނަމަވެސް، މިނިވަން ދުވަހާ ގުޅިގެން ބާއްވާ ކުޅިވަރުތައް އޮންނާނެ ކަމަށް އެކަން އިންތިޒާމު ކުރާ ހޯމް މިނިސްޓްރީން ބުނެފި އެވެ.
ހޯމް މިނިސްޓްރީން ބުނީ މިނިވަންދުވަހުގެ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ފުޅަނދުތައް އާންމުންނަށް ދައްކާލުން މިރޭ 8:30 އިން ފެށިގެން ހުޅުމާލެ ސެންޓްރަލް ޕާކުގައި އޮންނާނެ ކަމަށެވެ. އަދި މިނިވަންއުފާ ކާނިވާ މިރޭ 8:30 ގައި ހުޅުވުމަށްވެސް ވަނީ ހަމަޖެހިފަ އެވެ.
ކާނިވާ ހުޅުއްވައި ދެއްވާނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އެވެ.
މީގެ އިތުރުން މާދަމާ ހަވީރާއި ރޭނގަނޑުވެސް ފުޅަނދުތައް ދައްކާލުން އޮންނާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިވަން ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށް ގިނަ ކުޅިވަރު ހަރަކާތް ބޭއްވުމަށް ނިންމާފައިވާއިރު، މާލޭ ސަރަހައްދުގައި ބޭރަށް ހިންގުމާއި ހޮޑުލުމުގެ ރޯގާ ދަނީ ފެތުރެމުންނެވެ.
އެގޮތުން ބޭރަށް ހިންގައި ހޮޑުލެވޭތީ ގިނަ އަދަދެއްގެ ކުޑަކުދިންނާއި ޅައުމުރުގެ މީހުން ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން މިވަގުތު ވެސް އަންނަނީ ފަރުވާ ދެމުންނެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ރެއިން ފެށިގެން ބޭރަށް ހިންގުމާއި ހޮޑުލުން މާލެ ސަރަހައްދުން ކުއްލިއަކަށް އިތުރުވެފައިވާ ކަމަށެވެ. އެހެންވެ، ކަމާބެހޭ ފަރާތްތަކާ ގުޅިގެން ބަލި ފެތުރުނު ސަބަބު ދެނެގަތުމުގެ މަސައްކަތް މިހާރު ވަނީ ފަށާފަ އެވެ.