ގިނަ ދީނީ އިލްމުވެރިންގެ މައްޗަށް އެކުލެވޭ ސަލަފް ޖަމިއްޔާ ހިމެނޭހެން، އިސްލާމްދީނަށް ނަސްރުދޭ ކޮންމެ ބައެއް "ދުއްވާލަން" މި ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް އޭދަފުށީ ދާއިރާގެ މެންބަރު އަދި މައިނޯރިޓީ ލީޑަރު އަހްމަދު ސަލީމް ވިދާޅުވެއްޖެ އެވެ.
އޭނާ މިފަދައިން ވިދާޅުވީ ގިނަ ޖަމިއްޔާތަކެއް އުވާލަން ޔޫތު މިނިސްޓްރީން އިއްޔެ ކުރި އިއުލާނުގައި ސަލަފް ހިމެނުމާ ގުޅިގެންނެވެ.
ސަލީމް ކުރެއްވި ޓުވީޓުގައި ވިދާޅުވީ އިސްލާމް ދީނަށް ނަސްރުދޭ ކޮންމެ ބަޔަކު ދުއްވާލަން މި ސަރުކާރުން މަސައްކަތް ކުރާނެ ކަމަށާއި، ނަމަވެސް ދީނަށް ނަސްރު ދިނުމަކީ ހުއްޓުވޭނެ ކަމެއް ނޫން ކަމަށެވެ. އޭގެ ބަދަލުގައި ހަލާކުވެގެން ދާނީ އެކަން ކުރަން އުޅޭ ބައެއް ކަމަށެވެ.
އެގޮތުން ސަލަފް އުވާލަން މި ސަރުކާރު ފެށުނީއްސުރެ ސަރުކާރުން މަސައްކަތް ކުރަމުންދާކަން ސަލީމް ފާހަގަކުރެއްވި އެވެ.
މި އަހަރުގެ ނިޔަލަށް ވިދިވިދިގެން ދެ އަހަރުގެ އަހަރީ ރިޕޯޓް ހުށަހަޅާފައި ނުވާ، ނުވަތަ ހިންގާ ކޮމެޓީ ރަޖިސްޓްރީކޮށްފައި ނުވާތީ 1989 ޖަމިއްޔާއެއް އުވާލަން ޔޫތު މިނިސްޓްރީން އިއްޔެ އިއުލާންކުރި އެވެ. އޭގެ ތެރޭގައި ސަލަފު ޖަމިއްޔާ އޮތީ ހިމެނިފަ އެވެ.
އެކަމަކު ސަލަފުން ބުނި ގޮތުގައި މިދިޔަ އަހަރުގެ މެއި މަހު އެންމެ ފަހުން ޔޫތު މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ އެ ޖަމިއްޔާގެ ހިންގާ ކޮމިޓީގެ މުއްދަތު ހަމަވަނީ މެއި 31، 2024 އަށެވެ. އަދި ފާއިތުވި ދެ އަހަރުގެ ތެރޭގައި ހުށަހަޅަންޖެހޭ އަހަރީ ރިޕޯޓު ވެސް ހުށަހަޅާފައިވާ ކަމަށެވެ.
އެކަމާ ގުޅިގެން ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާއު ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އޭނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސަލަފްގެ އިލްމުވެރިންނަކީ ރައްޔިތުންގެ ލޯތްބާއި އިހްތިރާމް ހޯއްދަވާފައިވާ އިލްމުވެރިން ކަމަށް ވުމުން ސަރުކާރު ކޯލިޝަންގެ އަދާލަތު ޕާޓީއަށް އެކަން ހަޖަމްކުރަން ދަތިވެގެން އުޅޭ ކަމަށެވެ.
"މިކަން ކުރަން [ސަލަފް އުވާލަން] ސަރުކާރުން އުޅޭތާ ލައްކަ ދުވަސްވެއްޖެ. ރައީސް ސޯލިހު ވެރިކަމަށް އައިދުވަހުން ފެށިގެން މިކަން ކުރެވޭތޯ އެކި ގޮތްގޮތުން މަސައްކަތް އަންނަނީ ކުރަމުން. އަދާލަތު ރުއްސުމަށް ޓަކައި ރައީސް ސޯލިހު ކުރައްވާ މިފަދަ ދަށުދަރަޖައިގެ ޢަމަލުތައް އަޅުގަނޑު ހަރުކަށި އިބާރާތުން ކުއްވެރި ކުރަން،" ޝުޖާއު ވިދާޅުވި އެވެ.
ރާއްޖޭގެ އެންމެ ބޮޑު ދީނީ ޖަމްއިއްޔާކަމަށްވާ ޖަމްއިއްޔަތުއް ސަލަފުގެ އިތުރުން، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިލްމީ މަސައްކަތްޕުޅުތައް ކުރެއްވުމަށް އުފައްދަވާފައިވާ މައުމޫން ފައުންޑޭޝަން ފަދަ ބައެއް ޖަމްއިއްޔާތައް ވެސް އުވާލަން ނިންމި ޖަމިއްޔާތަކުގެ ލިސްޓުގައި ހިމެނުނެވެ. އަދި ކުޅިވަރު އެސޯސިއޭޝަންތަކާއި ކުލަބުތަކުގެ އިތުރަށް، ހަރަކާތްތެރިކޮށް ފެންނަ ބައެއް ޖަމްއިއްޔާތައްވެސް ލިސްޓުގައި ހިމެނުނެވެ.
އެއާއެކު އާންމުންގެ ކަންބޮޑުވުމާއި ފާޑުކިޔުން އަމާޒުވުމުން، އިތުރަށް އިދާރީ ގޮތުން ބަލަންޖެހޭ ކަންކަން ހުރުމުން ކަމަށް ބުނެ ޖަމިއްޔާތައް އުވާލަން ޔޫތު މިނިސްޓްރީން ކުރި އިއުލާން މިހާރު ވަނީ ބާތިލްކޮށްފަ އެވެ.