މިނިވަން ދުވަހާއި ގުޅިގެން ރޭ މާލޭގައި ސަރުކާރުން ބޭއްވި ފުޅަނދުބުރުގެ ތެރެއިން ކުޑަކުދިންނަށް ބެހި މެޓާތަކެއް ކައިގެން ގިނަ އަދަދެއްގެ ކުޑަކުދިން ފުޑް ޕޮއިޒަން ވެގެން ހާލުދެރަވެ ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްފިއެވެ.
ފުޅަނދުތަކުން ބެހި ވިހަ މެޓާތައް ކައިގެން ހާލުދެރަވި ކުޑަކުދިންނަށް ފަރުވާ ދިނުމަށްޓަކައި އެޑްމިޓް ކުރަން ޖެހުމުގެ ސަބަބުން މާލެ ސަރަހައްދުގެ ހުރިހާ ހޮސްޕިޓަލްތަކެއްގެ އެމެޖެންސީ ރޫމްތައް ވަނީ ފުރިފައެވެ. އަދި ގިނަ ފަރާތްތަކަށް ފަރުވާ ނުލިބި ރޭ ދަންވަރުން ފެށިގެން ހޮސްޕިޓަލްތަކުގައި އެތައް ކުދިންނެއް ތިބިކަމަށް "ދިޔަރެސް"އާ ވާހަކަ ދެއްކި ބެލެނިވެރިން މައުލޫމާތު ދިނެވެ.
ރޭ މާލޭގައި ބޭއްވި ފުޅަނދުބުރުގައި ސަރުކާރުގެ އިދާރާތަކުންނާއި ސަރުކާރުގެ ކުންފުނިތަކުން ފުޅަނދުތައް ބައިވެރިކޮށްފައިވެއެވެ. އެ ފުޅަނދުބުރު ބަލަން މާލޭގެ މަގުތަކަށް އެއްވި ކުޑަކުދިންނަށް ފުޅަނދުތަކުން ވަނީ މެޓާ ބަހައިފައެވެ.
އޭޑީކޭ ހޮސްޕިޓަލްގެ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަބްދުﷲ ނިޔާފްވެސް ދާދި ދެންމެއަކު ވަނީ އެ ހޮސްޕިޓަލްގެ އެމެޖެންސީ ރޫމަށް ކުޑަކުދިންނާއި ފުރާވަރު ޒުވާނުން ބަލިވެގެން ގެނައި އަދަދު ވަރަށް ބޮޑަށް އިތުރު ވެފައިވާކަމަށް ބުނެ ޓްވީޓް ކޮށްފައެވެ.
ސޯޝަލް މީޑިއާގައި ބައެއް ބެލެނިވެެރިންވެސް ދަނީ މިކަމާ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން ކުރީގެ ބިލެތްދޫ ދާއިރާގެ މެމްބަރު އަހްމަދު މުބީން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެކުގައި ފުޅަނދުބުރަށް ދިޔަ ކުދިންގެ ތެރެއިން ފުޅަނދުން ބެހި މެޓާ ކެއި ހަމައެކަނި ކުއްޖާ ފުޑް ޕޮއިޒަންވެ ހޮސްޕިޓަލަށް ގެންދަން ޖެހުނުކަމަށެވެ.
ޑރ.ނިޔާފްގެ އިތުރުން އައިޖީއެމްއެޗްގެ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަހްމަދު ފައިސަލްވެސް ވަނީ މުޅި މާލެ ހޮޑުލުމުގައި އޮތްކަމަށާއި އަދި ހޮސްޕިޓަލްގެ އީއާރު އެއްކޮށް ފުރިފައިވާކަމަށް ވިދާޅުވެ ޓްވީޓް ކުރައްވާފައެވެ.
"ދިޔަރެސް"އާ ވާހަކަ ދެއްކި ބައެއް ބެލެނިވެރިން ފާހަގަކުރިގޮތުގައި، ގިނަ ކުދިން ބޭރަށް ހިންގާ ހޮޑުލެވުމުގެ ސަބަބުން ގައިން ވަރުދެރަވެ ސީރިއަސް ހާލަތުގައިވެސް ފަރުވާދެމުން އެބަ ގެންދެއެވެ. އެކުދިން ބަލައި ފަރުވާދެމުންދާ ޑޮކްޓަރުންނާ ހަވާލާދީ ބެލެނިވެރިން ހާމަކުރި ގޮތުގައި އެކުދިން ބަލިވެފައިވަނީ ކެވުނު އެއްޗެއްގެ ސަބަބުން ވިހަ ވެގެންނެވެ.
"ދަރިފުޅު އިއްޔެ އިތުރު އެހެން ތަފާތު ކާއެއްޗެއް ނުކައި. އާއިލާގެ ކުދިވެރިންނާއެކު ފުޅަނދުބުރު ބަލަން ނިކުމެ އޭގެން ބެހި މެޓާ ކެއިފަހުން މިކަމެއްވީ. ދަރިފުޅުގެ އިތުރުން މެޓާ ކެއި ދައްތަގެ ދެ ދަރިންވެސް މިވަގުތު އޭޑީކޭ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފަ އެބައޮތް" އައިޖީއެމްއެޗްގައި ފަރުވާދެމުންދާ ކުއްޖެއްގެ މަންމަ "ދިޔަރެސް"އަށް މައުލޫމާތު ދިނެވެ.
ކުޑަކުދިން ކާނާ ވިހަވި މެޓާތައް ބެހީ ފުޅަނދުބުރުގައި ބައިވެރިވި ސަރުކާރުގެ ކޮން އިދާރާއެއްގެ ފުޅަނދަކުން ކަމެއް އަދި ބަހާފައިވަނީ ކޮން ބްރޭންޑެއްގެ މެޓާތަކެއް ކަމެއް މިހާތަނަށް އަދި ކަށަވަރުވެފައި ނުވެއެވެ.