ހުޅުމާލެ ނިރޮޅުމަގުން ދިޔަ ޕިކަޕެއް ހުއްޓުވައި ބަލައިފާސްކޮށް 70 ފުޅި ބަނގުރަލާއެކު ތިން ބިދޭސީން ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މިދިޔަ އިއްޔެ ހިންގި އޮޕަރޭޝަންގައި އެ މީހުން ހައްޔަރުކޮށްފައިވަނީ އިންޓެލިޖެންސަށް ލިބުނު މައުލޫމާތުތަކަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.
އެގޮތުން އެ އޮޕަރޭޝަނުގައި ހުޅުމާލެ ނިރޮޅުމަގުން ދިޔަ ޕިކަޕެއް ހުއްޓުވައި ބަލައިފާސްކުރި އިރު 70 ބަނގުރާފުޅި ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ތިން ބިދޭސީ ފިރިހެނުންނެވެ. އެއީ 26 އަހަރުގެ މީހަކާއި 37 އަހަރުގެ މީހެއްގެ އިތުރުން 41 އަހަރުގެ މީހެކެވެ.
މި ތިން މީހުން ބަންދަށް ހަތް ދުވަސް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން ވަނީ ޖަހާފަ އެވެ.
އިންޓެލިޖެންސް އަށް ލިބުނު މައުލޫމާތާ ގުޅުގެން މިދިޔަ އަންގާރަ ދުވަހު ވެސް ފުލުހުން ވަނީ ހުޅުމާލޭގެ ފޭސް 1 ގައި އޮޕަރޭޝަން ހިންގާ އެވެ.
އެދުވަހު ހިންގި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން ހުޅުމާލެ ފްލެޓެއް ބަލައިފާސްކުރުމުގެ ތެރެއިން، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 39 ރަބަރު ޕެކެޓަކާއި ހަތް ސެލޯފިންކޮޅާއި، ފިލްމު ހުސްކުރި ދަޅެއްގެ އިތުރުން ޖޫސްޕެޓީ ކޮތަޅެއް އަދި މޯބައިލް ފޯނުތަކެއްގެ އިތުރުން ފައިސާ ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 18 އަހަރުން ދަށުގެ ކުއްޖަކާއި 23 އަހަރުގެ ދިވެހި ފިރިހެނެކެވެ.
މި ދެ މީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 18 އަހަރުން ދަށުގެ ކުއްޖާ ޖުވެނައިލް ކޯޓުން ޝަރުތުކުރުމަށްފަހު ވަނީ ދޫކޮށްލާފަ އެވެ. އަދި 23 އަހަރުގެ މީހާގެ ބަންދަށް ހަތް ދުވަސް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން ވަނީ ދީފަ އެވެ.