އަންނަ ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިހާބުގައި އެމްޑީޕީއާއެކު ކޯލިޝަން ހެދުމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ދެއްވި ދައުވަތު ގަބޫލު ނުކުރަން، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އެމްއާރުއެމް އިން ނިންމައިފި އެވެ.
އެ ޕާޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ކޯލިޝަން މަޝްވަރާއަށް އެމްޑީޕީގެ އިސްވެރިންނާއެކު ބޭއްވުނު ބައްދަލުވުންތަކަށް ފަހު، އެމްޑީޕީގެ ބައެއް ސިޔާސަތު ތަކަށް އެމްއާރުއެމް އަށް އެއްބަސް ނުވެވޭތީ ކޯލިޝަން ނުހަދަން ނިންމާފައިވާ ކަމަށެވެ.
".. އެމްޑީޕިން ހުށަހަޅާފައިވާ ބައެއް ސިޔާސަތުތަކަށް އެމްއައާރުއެމް އަށް އެއްބަސް ނުވެވޭތީ، މި ޕާޓީގެ އެގްޒެކެޓިވް ކޮމިޓީގެ މިއަހަރުގެ 10 ވަނަ ބައްދަލުވުމުގައި ނިންމާފައިވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެމްޑީޕީއާއެކު މަސައްކަތް ކުރަން ނުފެންނަ ކަމަށެވެ،" މިހާރު ސަރުކާރު ކޯލިޝަންގައި އޮތް އެމްއާރުއެމްގެ ބަޔާނުގައި ބުނެފައިވެ އެވެ.
އެމްއާރުއެމް އިން ބުނިގޮތުގައި ކޯލިޝަން ހެދުމާ ގުޅޭ ގޮތުން އެމްޑީޕީގެ އުސްވެރިންނާއެކު މިދިޔަ މެއި މަހު ބޭއްވި ބައްދަލުވުމުގެ އިތުރުން، ނުރަސްމީ ގިނަ ބައްދަލުވުންތަކެއް ވެސް އެ ޕާޓީއާއެކު ވަނީ ބާއްވާފަ އެވެ.
އެކަމަކު ސިޔާސަތު ތަކަށް އެއްބަސް ނުވެވޭތީ ކޯލިޝަން ހަދަން ބޭނުން ނުވާކަން ހާމަކޮށް އެމްއާރުއެމް އިން ވަނީ އެކުގައި މަސައްކަތް ކުރުމަށް ރައީސް އިބްރާހީމް ދެއްވި ދައުވަތަށް ޝުކުރު ދަންނަވާފަ އެވެ.
ރައީސް އިބްރާހީމް ދައުރެއް ހޯއްދެވުމަށް ކެމްޕެއިން ކުރައްވަމުން ގެންދަވާއިރު، މިހާރު ސަރުކާރު ކޯލިޝަންގައި އޮތް ޕާޓީތަކުގެ ތެރެއިން، މިއަހަރު އިންތިހާބުގައި އެމަނިކުފާނާއެކު ކޯލިޝަން ހަދަން އެއްބަސްވީ އަދާލަތު ޕާޓީން އެކަންޏެވެ. ދެން އެމަނިކުފާނާއެކު ކޯލިޝަން ހެއްދެވީ މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމްގެ އެމްޑީއޭ އެވެ.
ރިޔާސީ އިންތިހާބުގައި ވަކިން ވާދަކުރުމަށް ނިންމައި އެމްއާރުއެމުން ވަނީ ޕްރައިމަރީ ވެސް އިއުލާނުކޮށްފަ އެވެ. ޕާޓީގެ ޕްރައިމަރީ މި މަހުގެ 30 ގައި ބާއްވާއިރު، ގާނޫން ލާޒިމުކުރާ މެންބަރުންގެ އަދަދު ހަމަނުވެގެން އީސީއިން އެ ޕާޓީ އުވާލަން ނިންމި ނިންމުން މިހާރު އޮތީ ކޯޓުގަ އެވެ. އެމްއާރުއެމުން ބުނާ ގޮތުގައި އީސީން އެ ޕާޓީ އުވާލީ އެ ޕާޓީއަށް ގާނޫނުގައި ބުނާ އަދަދަށް މެންބަރުން ހަމަކުރުމަށް ފޯމުތައް ހުށަހަޅާފައި ވަނިކޮށް އެ ފޯމުތަކުގެ ސައްހަކަން ކަށަވަރު ނުކޮށެވެ.
ކޯލިޝަން ހަދަން އެމްއާރުއެމްގެ އިތުރުން ޖޭޕީ އަށް ވެސް ރައީސް އިބްރާހީމް ދައުވަތު ދެއްވި ނަމަވެސް ޖޭޕީން ވެސް ނިންމީ އިންތިހާބުގައި ވަކިން ވާދަކުރާށެވެ. އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް އެވެ.