އެމްސްޓަޑަމް (ޖުލައި 26) - ގާތްގަނޑަކަށް 3،000 އެއްހާ ވެހިކަލް ބަރުކޮށްގެން ދަތުރު ކުރަމުން ދިޔަ އާގުބޯޓެއް ނެދަލެންޑްސްގެ އައްސޭރިފަށުގައި ހުއްޓައި އަލިފާން ރޯވެ ފަޅުވެރިންގެ ތެރެއިން އެކަކު މަރުވެ އެތައް ބަޔަކު ޒަހަމްވެއްޖެ އެވެ.
ޖަރުމަނުވިލާތުން މިސްރަށް ދަތުރުކުރަމުންދިޔަ، ޕެނަމާގައި ރަޖިސްޓްރީކޮށްފައިވާ 199 މީޓަރުގެ "ފްރެމެންޓަލް ހައިވޭ"ގައި އަލިފާން ރޯވާން ފެށީ އަންގާރަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. ނެދަލެންޑްސްގެ ބްރޯޑްކާސްޓަރު އެންއޯއެސް އިން ބުނީ އެ ބޯޓްގައި ދަތުރުކުރަމުންދިޔަ ހުރިހާ ފަޅުވެރިންނަކީ ވެސް އިންޑިއާ މީހުން ކަމަށެވެ.
އަނދަމުން ދިޔަ ބޯޓުގައި ހިފާފައިވާ އަލިފާންގަނޑު ކޮންޓްރޯލް ކުރެވޭތޯ ރެސްކިއު އުޅަނދުތަކުން ބޯޓަށް ފެން ޖެހި ނަމަވެސް އަލިފާންގަނޑު ކޮންޓްރޯލް ވެފައެއް ނުވެއެވެ. އަދި މާ ގިނައިން ފެން ބޭނުންކުރުމުން ބޯޓު އަޑިއަށް ދިއުމުގެ ނުރައްކާ އޮތް ކަމަށް ނެދަލެންޑްސްގެ ކޯސްޓްގާޑުން ބުންޏެވެ.
ކޯސްޓްގާޑާ ހަވާލާދީ ނެދަލެންޑްސްގެ ނިއުސް އެޖެންސީ އޭއެންޕީން ބުނީ އަލިފާންގަނޑު އެތައް ދުވަހަކަށް ދެމިގެން ހިނގައިދާނެ ކަމަށެވެ. ނެދަލޭންޑްސްގެ އުތުރުގެ ރަށެއް ކަމަށްވާ އެމެލޭންޑް ކައިރީގައި އޮތް އެ ބޯޓުން ވަރަށް ބޮޑަށް ދުން އަރަމުން ދާކަމަށް ރިޕޯޓްތައް ބުނެއެވެ.
"އަލިފާންގަނޑު އަދިވެސް ކޮންޓްރޯލް ނުކުރެވޭކަން ޔަގީން، މިއީ ނިއްވާލަން ވަރަށް އުނދަގޫ އަލިފާންގަނޑެއް، ބޯޓަށް ބަރުކޮށްފައިވާ މުދަލުގެ ސަބަބުން ކަމަށް ވެދާނެ،" ނެދަލެންޑްސްގެ ޑިޕާޓްމަންޓް އޮފް ވޯޓާވޭސް އެންޑް ޕަބްލިކް ވޯކްސްގެ ތަރުޖަމާނު އެޑްވިން ވާސްޓިގް ވިދާޅުވި އެވެ.
އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ނޭނގޭ ކަމަށް ކޯސްޓްގާޑުގެ ވެބްސައިޓުގައި ބުނެފައިވީ ނަމަވެސް ކޯސްޓްގާޑުގެ ތަރުޖަމާނަކު މީގެ ކުރިން ރޮއިޓާސްއަށް މައުލޫމާތު ދިން ގޮތުގައި އަލިފާން ރޯވާން ފެށީ އިލެކްޓްރިކް ކާރެއް ކައިރިންނެވެ. އެ ބޯޓުގައި ހުރި 2،857 އުޅަނދުގެ ތެރެއިން ގާތްގަނޑަކަށް 25 އުޅަނދަކީ އިލެކްޓްރިކް އުޅަނދުތަކެވެ.
ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ޓަކައި ގަވާއިދުތައް އެކުލަވާލާ އިންޓަނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަނުން އަންނަ އަހަރު އިލެކްޓްރިކް އުޅަނދުތައް އުފުލާ އުޅަނދުތަކަށް އާ ފިޔަވަޅުތައް އިވެލުއޭޓް ކުރަން ނިންމާފައިވާ ކަމަށް އެ ޖަމިއްޔާގެ ތަރުޖަމާނު މިހާދިސާއާއި ގުޅިގެން ވަނީ ވިދާޅުވެފަ އެވެ.
އަނދަމުންދަނީ ކޮން ބްރޭންޑެއްގެ ނުވަތަ ކޮން ކުންފުންޏެއްގެ ކާރުތަކެއް ކަމެއް އަދި ނޭންގެއެވެ.