މި އަހަރުގެ މިނިވަންދުވަސް އައިއިރު ދިވެހި ފަސްގަނޑު ރޮއި އާދޭސްކުރަނީ އަޅުވެތިނުވުމަށް ކަމުގައި ރާއްޖޭގެ ކުރީގެ ނައިބުރައީސް ޑރ.މުޙައްމަދު ޖަމީލު އަޙްމަދު ވިދާޅުވެއްޖެއެވެ.
މި އަހަރުގެ މިނިވަންދުވަހުގެ މުނާސަބަތުގައި ޑރ.ޖަމީލު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެދެއްވީ މި އަހަރުގެ މިނިވަންދުވަސް ފާހަގަކުރާއިރު، ރާއްޖެއިން ފެންނަ މިނިވަންކަމާ ފުށުއަރާ ކަންކަމެވެ.
އެގޮތުން އެއްކަމެއްގެ ގޮތުގައި ޑރ.ޖަމީލު ފާހަގަކުރެއްވީ ރާއްޖޭގެ އެކި ކަންކޮޅުގައި ގިނަ އަދަދަކަށް ބޭރު ސިފައިން ޤާއިމުވެގެން ތިބޭ ތިބުމެވެ. ރާއްޖޭގައި ގިނަ އަދަދަކަށް އިންޑިއާ ސިފައިން ޤާއިމުވެ ތިބޭއިރު، އެމީހުންގެ އަދަދަކީ ޤައުމީ ސަލާމަތަށް ނުރައްކާވެދާނަތީ ހާމަނުކޮށް ސިއްރުކުރަންޖެހޭ މައުލޫމާތުކަމަށް ދައުލަތުން ބުނެއެވެ.
މިނިވަން ދުވަސް ފާހަގަކުރާއިރު ކުރިމަތިވެފައިވާ ބޮޑު މައްސަލައެއްގެ ގޮތުގައި ޑރ.ޖަމީލު ފާހަގަކުރެއްވި އަނެއްކަމަކީ އެތަކެއް ގޮތް ނޭނގޭ އެގުރިމެންޓުތަކެއް ހަދައި ބޭރުގެ ޤައުމުތަކަށް ބޮޑެތި ޙައްޤުތަކެއް ދީފައި އޮތުމެވެ.
ޑރ.ޖަމީލު އިޝާރާތްކުރެއްވި އެއްބަސްވުންތަކުގެ ތެރޭގައި ރާއްޖޭގައި ޤާއިމުވެ ތިބޭ އިންޑިއާ ސިފައިންނަށް ޚާއްޞަ ޑިޕްލޮމެޓިކް އިމްތިޔާޒުތަކެއް ލިބޭ ގޮތަށް ހަދާފައިވާ ހެލިކޮޕްޓަރު އެއްބަސްވުމާއި ޑޯނިއާ އެއްބަސްވުމުގެ އިތުރަށް އުތުރު ތިލަފަޅު ތަރައްޤީކުރުމުގެ އެއްބަސްވުމަށާއި، ރާއްޖޭގެ ކަނޑުތަކުގެ ޚާއްޞަ މައުލޫމާތުތައް އެއްކުރުމުގެ ހައްގު އިންޑިއާއަށް ލިބޭ ގޮތަށް ހަދާފައިވާ، ހައިޑްރޮގްރަފީ އެއްބަސްވުން ހިމެނެއެވެ.
އިތުރު ހިތާމައެއްގެ ގޮތުގައި ޑރ.ޖަމީލުގެ ޓުވީޓުގައި ފާހަގަކުރައްވާފައިވަނީ، ރާއްޖޭގެ ދެކުނުން އޮންނަ ޗާގޯސްގެ ޖަޒީރާތަކާއި ރާއްޖެއާ ދެމެދުގައި އޮތް ކަނޑުގެ ސަރަހައްދުގެ އިންވަކިކުރިއިރު ސަރުކާރުން އަމަލުކުރި ގޮތުން ރާއްޖޭގެ ދެކުނުގެ އިޤުތިޞާދީ ޚާއްޞަ ސަރަހައްދުން ބޮޑު ބައެއް ބީވުމެވެ.
ޑރ.ޖަމީލު ވިދާޅުވެފައިވަނީ މިކަންކަމުގެ އިތުރަށްވެސް ހިތްދަތިވާފަދަ އެތައް ކަމެއް މި ވެރިކަމުގައި ހިނގަމުންދާ ކަމަށެވެ. އަދި އަޑުއިވެނީ މުޅިންވެސް ބިރުވެރި ވާހަކަތައް ކަމަށެވެ. "މިފަސްގަނޑު ރޮއި އާދޭސްކުރަނީ އަޅުވެތި ނުވުމަށް،" ޑރ.ޖަމީލު ވިދާޅުވިއެވެ.