ސްރީ ލަންކާގައި އިންޑިއާ ރުޕީސް ބޭނުން ކުރުމުގެ ފުރުސަތު އެބައޮތް ކަމަށާއި، އެއީ ސްރީލަންއަށް ޒިޔާރަތްކުރާ އިންޑިއާގެ ޓޫރިސްޓުންނަށް މެދުކެނޑުމެއްނެތި ވިޔަފާރީގެ މުއާމަލާތްތައް ކުރެވޭނެ ފަސޭހަމަގެއް ކަމަށް ސްރީލަންކާގެ ފޮރިން އެފެއާޒް މިނިސްޓަރު އަލީ ސަބްރީ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ސަބްރީ މިހެން ވިދާޅުވީ ރައީސް ރަނިލް ވިކްރަމަސިންހަ އިންޑިއާއަށް ކުރައްވާ ދެ ދުވަހުގެ ރަސްމީ ދަތުރުފުޅާއި އިންޑިއާ-ސްރީލަންކާ އިކޮނޮމިކް ޕާޓްނާޝިޕްގެ ތަސައްވުރާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް، ޕްރެޒިޑެންޝަލް މީޑިއާ ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
އޭނާ ވިދާޅުވީ ލަންކާގައި އިންޑިއާގެ ފައިސާ ބައިލަގަތުމާޢި ބެހޭ މަޝްވަރާކޮށް ފައިވަނީ ލަންކާގެ ރައީސް ވިކްރަމަސިންހަ އިންޑިއާއަށް ކުރެއްވި ދެ ދުވަހުގެ ރަސްމީ ދަތުރުފުޅުގައެވެ
އޭނާ ވިދާޅުވީ ރައީސް ރަނިލްގެ އެދުމަކީ ދުނިޔޭގެ އެންމެ ބޮޑަށް ކުރިއަރަމުން އަންނަ އިގްތިސާދީ ސަރަހައްދު ކަމަށްވާ އިންޑިއާ ކަނޑުގެ ސަރަހައްދުގެ ތަރައްގީގެ ފުރުސަތުތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް ކަމަށެވެ.
މިއަދު ދުނިޔޭގެ އެއްވެސް ގައުމަކަށް އެކަނި ކުރިއެރުމެއް ނޭރޭނެ ކަމަށާއި ދުނިޔޭގެ ކުރިއަރާފައިވާ ކޮންމެ ގައުމަކަށް ވެސް ސަރަހައްދީ ޕާޓްނާޝިޕްގެ ތެރެއިން ކުރިއެރުން ތަކެއް ލިބިފައިވާ ކަމަށާއި ރައީސްގެ ޕްރޮގްރާމަކީ ދެ ފަރާތަށް ވެސް ފައިދާވާ ގޮތަށް އިންޑިއާ-ސްރީލަންކާގެ ގުޅުން ތަރައްގީކޮށް ސްރީލަންކާގެ ތަރައްގީގެ އުންމީދުތައް ފުއްދައިދިނުން ކަމަށާއި އެ ދެ ފަރާތަށް ވެސް ނުރައްކަލެއް ކުރިމަތި ނުވާނެ ގޮތަށް ތަރައްގީ ކުރުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ގައުމަށް ނުރައްކާވާ ފަދަ އެއްވެސް ކަމެއް ރައީސް ނުވަތަ ސަރުކާރުން ދުވަހަކުވެސް ނުކުރައްވާނެކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ ހުރިހާ ފަރާތްތަކެއްގެ ފުރިހަމަ ވިސްނުމާއި އެއްބަސްވުމާ އެކު އެ ކަންކަން ތަންފީޒު ކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ.