މީހުން ހިފައި ހައްޔަރު ކުރުމުގައި ވަކި ޤާނޫނުތަކަކާއި، އުޞޫލުތަކެއް ހެދިފައި ހުންނައިރު، ޚާއްޞަކޮށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހައްޔަރު ކުރުމުގައި އަމަލުކުރަންޖެހޭ ހަމަތަކަކާއި އުސޫލުތަކާއި އަދި އިޖުރާއަތުތައް ފުރިހަމަ ކުރުމެއް ނެތި މަގުމަތިން ހުއްޓުވާ އަނިޔާ ކުރުމަކީ ބަލައިގަނެވޭ ކަމެއް ނޫން ކަމަށް ޕީޕީއެމް އިން ބުނެފިއެވެ.
ޕީޕީއެމުން މިހެން ބުނެފައިވަނީ އެޕާޓީން ނެރުނު ބަޔާނެއްގައެވެ. އެބަޔާނުގައި ބުނެފައިވަނީ ކުޑަހުވަދޫ ދައިރާގެ މެންބަރު އަހްމަދު އާމިރު މަގުމަތިން ހުއްޓުވާ އޭނާއަށް ފުލުހުން އަނިޔާކޮށް ހައްޔަރުކުރުން ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހައްޔަރު ކުރުމުގައި އަމަލުކުރަންޖެހޭ ހަމަތަކަކާއި އުސޫލުތަކެއް ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުގެ ގާނޫނުގައި ބަޔާންކޮށްފައިވާއިރު، އެ ގާނޫނުގައި ބުނާ އިޖުރާއަތުތައް ފުރިހަމަ ކުރުމެއް ނެތި މަގުމަތިން މަޖިލީހުގެ މެންބަރުން ހުއްޓުވާ އަނިޔާ ކުރުމަކީ ބަލައިގަނެވޭ ކަމެއް ނޫން ކަމަށްވެސް އެބަޔާނުގައި ބުނެފައިވެއެވެ.
މަޖްލިސް މެމްބަރުންނަކީ އިމްތިޔާޒު ލިބިވަޑައިން ތިއްބެވި ޢިއްޒަތްތެރި ބޭފުޅުން ކަމަށާއި، މަޖިލީހުގެ މެންބަރުންނަށް އަނިޔާކުރުމަށް ސަރުކާރުން ފުލުހުން ފޮނުވާއިރު، އާންމު ރައްޔިތުންނާމެދު އެއަށްވުރެ ދަށު ދަރަޖައިގައި ފުލުހުން މެދުވެރިކޮށް އަނިޔާކުރާކަމީ މިހާރު ފެންނާން އޮތް ހަގީގަތް ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.
އެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ ރައްޔިތުންނަށް އަނިޔާކުރުމަށް ސަރުކާރުން ފުލުހުންނަށް އެންގިނަމަވެސް، އެފަދަ އަމުރުތަކަކީ ޣައިރު ގާނޫނީ އަމުރެއް ކަމަށެވެ. އެހެންކަމުން އެފަދަ އަމުރުތަކަށް ތަބާނުވުމަށް ފުލުހުންނަށް ވަނީ ގޮވާލާފައެވެ.
މެންބަރު އާމިރަށް އަނިޔާކުރިކަމަށް ބައެއް ނޫސްތަކުން އާމިރުއާއި ހަވާލާދީ ބުނެފައިވާއިރު، އޭނާއާއި މެދު ފުލުހުން އަމަލު ކުރި ގޮތް ތަޙުޤީޤުކޮށް ފިޔަވަޅު އެޅުމަށްވެސް ޕޮލިސް ކޮމިޝަނަރާއި، އިންޓެގްރިޓީ ކޮމިޝަނާއި، އަދި ހިޔުމަންރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އަށް ވަނީ އެބަޔާނުގައި ގޮވާލާފައެވެ.
ފުލުހުން އާމިރުއަށް އަނިޔާކުރިކަމަށްބުނާ ވީޑިއޯއެއް މިހާރު މީސް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. އެވީޑިއޯއިން ފެންނަ ގޮތުގައި އާމިރު ސައިކަލު މަތީގައި އިންދާ ދެ ފުލުހުން އައިސް އޭނާގެ އަތުގައި ހިފާ ގަދަކަމުން ސައިކަލުން ބޭލުމަށް މަސައްކަތް ކުރާ ތަން ފެންނެއެވެ. އެ ވީޑިއޯގައި އޭނާ އަނިޔާ ނުކުރުމަށް ތަކުރާރުކޮށް ގޮވާ އަޑުވެސް އިވެއެވެ.