މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރިޔާސީ ކެންޑިޑޭޓް މުޙަންމަދު ނާޒިމްގެ އިންތިހާބީ އެޖެންޓަކަށް އެ ޕާޓީގެ ނައިބް ރައީސް، ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެންބަރު އަހްމަދު އުޝާމް ހަމަޖައްސައިފިއެވެ.
ނާޒިމްގެ އިންތިހާބީ އެޖެންޓަކަށް އުޝާމް ހަމަޖައްސާފައިވާކަން ހާމަކޮށްފައިވަނީ އެ ޕާޓީން ކުރި ޓްވީޓެއްގައެވެ.
އެމްއެންޕީގެ އިތުރުން ވެރިކަން ކުރާ އެމްޑީޕީއާއި އިދިކޮޅު ޕީޕީއެމްއިންވެސް ވަނީ ރިޔާސީ ކެންޑިޑޭޓްގެ އިންތިހާބީ އެޖެންޓު ކަނޑައަޅާފައެވެ. އެގޮތުން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ އިންތިހާބީ އެޖެންޓަކަށް ރައްޔިތުން މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒް ހަމަޖައްސާފައިވާއިރު ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިންތިހާބީ އެޖެންޓަކަށް ހަމަޖެއްސީ ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލްއެވެ.