Friday 22nd Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ޔާމީން

ރައީސް ޔާމީނު އަދުލުގެ ނިޒާމަށް ދެއްވާ ފުރުސަތާއި، ނިޒާމަށް އޮތް ބުރަ

އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެނޑިޑޭޓު ރައީސް ޢަބްދުﷲ ޔާމީނުގެ ޝަރީޢަތާއި، އެ ޝަރީޢަތުން ނިކުންނާނެ ނަތީޖާއަކީ ރާއްޖޭގެ މުސްތަޤުބަލާ ގުޅިފައިވާ ކަންކަމެވެ. ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ނަތީޖާއާ ގުޅިފައިވާ ކަންކަމެވެ. މިއަދު އެ ޝަރީޢަތް އޮތީ ހުއްޓިފައެވެ. އެ ޝަރީޢަތުގެ ނަތީޖާ އޮތީ ނޭނގުމުގެ ތެރޭގައި ތާށިވެފައެވެ. އެ ތާށިން މިންޖުވެވަޑައިގެން ޝަރީޢަތުން ފައިސަލާއެއް ނެރުއްވަން މަގުފަހިކުރެއްވުމަށް، ރައީސް ޔާމީނު ޓަކިޖައްސަވާފައިވާ ފަހު ދޮރަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓެވެ.

ނިޒާމަށް ކުރެއްވި އިތުބާރާއެކު، ނިޒާމަށް ބުރަ ޒިންމާއެއް

ރައީސް ޔާމީނުގެ މައްޗަށް ދައުވާތައް ފުލުފުލުގައި ކުރެވެން ފެށުނު ދުވަހުން ފެށިގެން މިއަދަށް އެމަނިކުފާނު ދައްކަވައިދެއްވާފައިވަނީ ނިޒާމަށް އިތުބާރުކުރެއްވުމުގެ ސިފައެވެ. އާންމު ނިކަމެތި ދިވެހި މީހާވެސް އިންސާފަށް އެދިގެން ދާން އޮތް ނިޒާމުގެ ތެރެއިން އޭނާއަށްވެސް ލިބޭން އޮތް އިންސާފު ނޫން ތަފާތު މޮޅު އިންސާފަކަށް އެމަނިކުފާނު އެދިވަޑައިނުގަންނަވާ ކަމެވެ.

ގއ.ވޮޑަމުއްލާ މައްސަލާގައި އެމަނިކުފާނު އެދިވަޑައިގެންނެވި އިންސާފު ހާސިލުކުރެއްވީ ޖަލުގައި ދިގު މުއްދަތެއް ހޭދަކުރައްވައިގެން، ރާއްޖޭގެ އަދުލުގެ ނިޒާމުގެ ތިން މަރުހަލާ ކަނޑައްތުކުރައްވައިގެންނެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ވަޑައިގެން އެމަނިކުފާނުގެ މައުސޫމުކަން ސާބިތުކޮށްދެއްވައި، ބަލިކަށި ހެއްކާއި، ބުރަދަނެއް ނެތް އެތައް ވާހަކަތަކެއްގެ ގަތާލައިގެން އަމުނާލާފައި އޮތް ތުހުމަތުތަކުގެ ޗެންޗޭނުތައް މުގުރައިލެއްވީއެވެ.

އެއާއެކު، އަދުލުގެ ނިޒާމުގެ ތެރެއިން އެމަނިކުފާނުގެ ޕާސްޕޯޓު ދޫކޮށް ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ހުރަހެއް ނެތްކަމަށް ނިމި، މިނިވަން ގައިދެއް ނެތް ބޭފުޅެއްގެ ގޮތުގައި ދުވަސްކޮޅެއް ހޭދަކުރައްވަން ލިބިވަޑައިގަތެވެ. އަނެއްކާވެސް ފުލުފުލުގައި ދައުވާތައް އުފުލި ޖަލަށް ވަޑައިގަންނަވަން ޖެހިވަޑައިގެންފާނެކަމުގެ ނިޝާނުތައް ފެންމަތިވިއެވެ. ނަމަވެސް އިޚުތިޔާރުކުރެއްވީ ނިޒާމުގެ ތެރެއިން އިންސާފު ހޯއްދަވާށެވެ.

ބޭރު ޤައުމެއްގެ ހިމާޔަތުގައި، އެ ޤައުމުގައި ހުންނަވައިގެން ސިޔާސީ ހަރަކާތްތައް ހިންގެވުމަށްފަހު، ޖިނާއީ ހުކުމެއްގެ ބަދެވުމެއް ނެތި ރިޔާސީ އިންތިޚާބަށް ކުރިމަތިލައްވަން ވަޑައިގަތުމުގެ ފުރުސަތު އޮވެމެ، އިޚުތިޔާރުކުރެއްވީ ނިޒާމަށް އިތުބާރުކުރައްވައި، އެ އިތުބާރު އާންމުންގެ ކިނބައިން ހޯދުމުގެ ފުރުސަތު ނިޒާމު ހިންގަވަން ތިއްބެވި ބޭފުޅުންނަށް ދެއްވާށެވެ. އެހެންނޫންނަމަ، ޣައިރު ހާޒިރުގައި ޖިނާއީ ކުށްތަކުގެ ޝަރީޢަތް ނުކުރެވޭ ގޮތަށް އޮތް އޮތުމުގެ މަންފާ ހޯއްދަވައި، ބޭރު ޤައުމެއްގައި ހުންނެވުމަށްފަހު، އިންތިޚާބު ކުޑަތަންވުމުން ރާއްޖެއަށް ވަޑައިގެން އިންތިޚާބުގައި ވާދަކުރެއްވިނަމަހީ، މީހަކު ކުރާނެކަމެއް ބުނާނެ ބަހެއް ނެތީހެވެ. ވޯޓު ކަރުދާހުގައި އެމަނިކުފާނުގެ ނަންފުޅު ބޭއްވެވުނީހެވެ. ދަތިކަމެއް ނެތި އިންތިޚާބުގައި ވާދަކުރެއްވުނީހެވެ.

އެމަނިކުފާނާއި އެމަނިކުފާނުގެ ވަކީލުންނާއި، ޕާޓީއާއި ސަޕޯޓަރުންގެ ވިސްނުންފުޅުގައި އިންސާފުން އެއް ކިނބާވެފައިވާ ހުކުމެއް ކުރިމަތިވެވަޑައިގަތުމުންވެސް އެދިވަޑައިގަތީ ނިޒާމުގެ ތެރެއިން ލިބިވަޑައިގަންނަވާން އޮތް ހައްލަށެވެ. އެމަނިކުފާނުގެ ވެރިކަމުގައި ގާތް ގުޅުންތައް އޮތް ޤައުމުތަކުގެ ވެރިންގެ ތަދައްޚުލުވުމަށް އުންމީދުކުރައްވައިގެން އެ މަސައްކަތްޕުޅުނުކުރައްވައެވެ. ތެދެކެވެ. ބައިނަލްއަޤުވާމީ މުޖުތަމަޢަށް އެމަނިކުފާނުގެ ހާލަތާއި ޝަރީޢަތް ކުރިއަށްދާ ގޮތުގެ މައުލޫމާތު، ޕީޕީއެމުން ހިއްސާކުރިއެވެ. ނަމަވެސް އެ ފަރާތްތަކުން އެމަނިކުފާނަށް އިންސާފު ހޯދައިދިނުމަށް އެމަނިކުފާނު އެދިވަޑައިނުގަންނަވައެވެ. އަދި ޕީޕީއެމުންވެސް އެކަމަށް ނޭދެއެވެ. އިންސާފަށް އެދިވަޑައިގަތީ ދިވެހި ދައުލަތުގެ އަދުލުގެ ނިޒާމުންނެވެ.

ރާއްޖާގެ ރައްޔިތުންގެ ވަރަށް ގިނަ ބަޔަކު ތާއީދުކުރައްވާ ލީޑަރަކު އެހެން ބައެއްގެ އެހީއެއް ތަދައްޚުލުވުމަކަށް އެދިވަޑައިނުގެން، ނިޒާމުގެ މައްޗަށް އެ އިސްކުރެއްވީ ބޮޑު ބުރަ ޒިންމާއެކެވެ. އިންސާފު ޤާއިމުކުރުމުގެ ޒިންމާއެވެ.

އިންސާފު ޤާއިމުކުރެވޭތަން ނުފެންނަނަމަ؟

އިނގިރޭސިވިލާތުގެ ކުރީގެ ލޯޑް ޗީފް ޖަސްޓިސް ގޯޑަން ހިވާޓް ވިދާޅުވެފައިވެއެވެ. "އިންސާފު ޤާއިމުކުރުމުން ނުފުދެއެވެ. އިންސާފު ޤާއިމުކުރާ ތަން ސާފުކޮށް ޝައްކެއް ނެތް މިންވަރަށް ފެންނާންވާނެއެވެ." މި ބަސްފުޅަކީ ޤާނޫނީ މަބްދައެއް ކަމުގައިވާ އިންސާފު ޤާއިމުކުރެވޭ ތަން ފެނި އިހުސާސްވާންޖެހުމުގެ މަބްދައު އެ ބަސްފުޅަކުން ނެގޭ ބަސްފުޅެވެ.

މި މަބްދައުގެ މުރާދަކީ ސަލާމަތް ބުއްދިހުރި، ވަކި ފަރާތަކަށް ބުރަނުވާ މީހަކު ދުރުން މައްސަލައެއް ބަލާއިރު އެ މައްސަލައެއް އިންސާފުގެ ބޭރުން ހިނގާކަމަށް ފެނިގެންނުވާނެ ކަމުގެ މަބްދައެވެ. އިންސާފު ޤާއިމުނުކުރެވޭކަމަށް ދުރުން ބަލާން ތިބި ބަޔަކަށް އިހުސާސްވާނަމަ، އެއީ އިންސާފުގެ ނިޒާމުގެ އިތުބާރު ގެއްލިގެންދާނެ ކަމެއްކަމަށްވާތީއެވެ. އިންސާފުގެ ނިޒާމުގެ އަސާސަކީ އިތުބާރުކަމުގައިވާތީއެވެ.

މިއަދުގެ ޙާލަތަކީ ރައީސް ޢަބްދުﷲ ޔާމީނުގެ ފަރާތްޕުޅުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅުއްވާފައިވާ އިސްތިއުނާފީ މައްސަލަ ލަސްވެ، އިންސާފު ލިބިވަޑައިގަތުމަށް ހުރަސްއެޅިފައިވާކަމަށް މަންޒަރު ދުރުން ބަލާ މީހުންނަށް ޤަބޫލުކުރެވޭނެ ހާލަތެއް ވުޖޫދުވުމެވެ. ޚާއްޞަކޮށް އެމަނިކުފާނަށް ތާއީދުކުރާ މީހުންނަށް އިންސާފު ނުލިބުމުގެ އިހުސާސު ވަރަށް ބޮޑަށް ކުރެވޭނެ ހާލަތެއް މެދުވެރިވުމެވެ.

އިސްތިއުނާފު މައްސަލަ ބަލައިގަތުން ލަސްވުމާއި، މައްސަލަ ފެށުން ދިގުލައިގެން ދިއުމާއި، މައްސަލަ ފެށި އަޑުއެހުންތައް ނިންމައި ނުލެވެނީސް ފަނޑިޔާރުން ޗުއްޓީއަށް ވަޑައިގެން މައްސަލަ މަޑުޖެހިގެން ދިއުމަކީ، އިންސާފު ޤާއިމުކުރެވޭ ތަން ނުފެނި ބޭއިންސާފުން ވަކި ނަތީޖާއެއް ހާސިލުވާނެ ގޮތަށް ކަންކަން ކުރެވޭކަމުގެ ތުހުމަތާއި، އެ ޝުޢޫރު އުފެދުމަށް ފުރުސަތު ފަހިވާ ބައެއް ކަންކަމެވެ. ދަށު ކޯޓުގެ މައްސަލަ ފުލުފުލުގައި ތާވަލުކުރެވިގެން، މައްސަލަ ބައްލަވާ ޤާޟީއަށް ޝަރީޢަތް ކުރެއްވުމަށް ލިބިވަޑައިގަންނަވާ މަދު ވަގުތުތައް އެ މައްސަލައަށް އެކަނި ޚާއްޞަކުރެވި، އެހެނިހެން ބޮޑެތި މައްސަލަ ބޮޑު ފޮށީގައި ހިރަފުހާ ތަތްތެޅޭން ދޫވެފައި ހުރުމަކީ އެ ތުހުމަތާއި ޝުޢޫރަށް އިތުރަށް ބާރުދޭ ކަންކަމެވެ.

އިންސާފު ޤާއިމުވުން

އިންސާފު ޤާއިމުވާ ތަން ފެނުމަށްވުރެ މުހިއްމީ އިންސާފު ޤާއިމުވުމެވެ. އިންސާފު ޤާއިމުވުން ލަސްވެ ދިގުލައިގެން ދިއުމަކީ އިންސާފު ޤާއިމުނުވުންކަމުގައިވެސް މާނަކުރެވިދާނެއެވެ. "Justice delayed is justice denied" ނުވަތަ "ލަސްވެފައިވާ އަދުލަކީ، ޤާއިމުނުކުރެވުނު އަދުލެއް" ކަމުގައި ބުނާ އުސޫލަކީ ޤާނޫނީ މުހިއްމު އުސޫލެކެވެ. މި އުސޫލުގެ މުރާދަކީ ޤާނޫނީ ފަރުވާއެއް ލިބެން އޮވެ، އެ ފަރުވާއެއް ލިބުން ލަސްވުމަކީ އެ ފަރުވާއެއް ނުލިބުން ފަދަ ކަމެއް ކަމަށްވުމެވެ.

ދަށު ކޯޓަކުން މީހަކަށް އިއްވާ ހުކުމަކީ އިންސާފުގެ ތަރާދުން ބޭއިންސާފެއްކަމަށް ހުކުމް ރައްދުވާ މީހާއަށް ފެންނަ ހާލަތުގައި އޭނާއަށް ޤާނޫނު އަސާސީއާއި ޤާނޫނުތަކުން ދޭ ހަމައެކަނި ފަރުވާއަކީ އިސްތިއުނާފެވެ. އިސްތިއުނާފީ މަރުހަލާގައި އޭނާއަށް އިންސާފު ލިބުގެ ޙައްޤެވެ. އެ ޙައްޤު ލިބުން ލަސްވެ، އެ ލަސްވުމުގެ ސަބަބުން އިތުރު އެތައް ޙައްޤެއް ނޭނގުމެއްގެ ތެރޭގައި ތާށިވުމަކީ އެ ޙައްލުން މަހުރޫމުވުންކަމުގައި މެނުވީ ނުވާނެއެވެ.

ރައީސް ޔާމީނުގެ މައްސަލަ މިއަދު މިއޮތީ އެފަދަ ހާލަތެއްގައެވެ. އިސްތިއުނާފު މައްސަލަ ފެބްރުއަރީ މަހުގައި ހުށަހެޅުމުން ކުރިން ދުވަހަކުވެސް މައްސަލަ ހުށަހަޅަންނުޖެހޭ ގޮތަކަށް އަލުން މައްސަލަ ހުށަހަޅަން ޖެއްސީއެވެ. އެ ބަދަލާއެކު މައްސަލަ ހުށަހެޅުމުންވެސް މައްސަލަ ފަށައިގަނެވުނީ މައްސަލަ ހުށަހެޅިތާ އެތައް މަހެއް ފެހުންނެވެ. މިހާރު މައްސަލަ އެއޮތީ ފަނޑިޔާރުންގެ ޗުއްޓީގައި ތާށިވެފައެވެ.

އިތުރު 2، 3 އަޑުއެހުމުން ނިންމައިލެވެން އޮތް މައްސަލަ މަޑުޖެހިފައި އޮތްއިރު، ގިނަ އަޑުއެހުންތަކެއް އޮތް ދަށު ކޯޓުގައި ހިނގާ ފުއްގިރި މައްސަލާގައި އަޑުއެހުންތައް ބާއްވަން އޮތް ހުރަހެއްނަމަ ކޯޓާއި ދައުލަތުން އެކުވެގެން ނައްތާލައި، މައްސަލަ އަވަސްކުރަނީއެވެ. ހެކިވެރިން ވަގުތުން ޓިކެޓު ނަގައިގެން އެއް ސިޓީން އަނެއް ސިޓީއަށް ގެންދަނީއެވެ. އަނެއްބައި ހެކިވެރިން ބޭރުން ރާއްޖެއަށް ދެތިން ދުވަސްތެރޭ ގެންނަނީއެވެ. އެކީ ހުށަހެޅި ދައުވާތަކުން ވަކި މީހަކަށް ރައްުދުވާ ދައުވާތައް އޭނާ ބަލިވެ ޝަރީޢަތް މަޑުޖައްސައިލަން ޖެހުމުން އަނބުރާވެސް ގެންދަނީއެވެ. އެ މައްސަލަ މަޑުޖެހޭނެ ސަބަބެއް މެދުވެރިވެއްޖެނަމަ އެކަމެއް ދައުލަތަށް އަދި އަދުލުގެ ނިޒާމަށް ގިރާކުރަން ވަރަށް ފަސޭހައެވެ.

މި ޙަޤީޤަތްތަކާއެކު، މިއޮތީ އިންސާފު ޤާއިމުކުރުން ލަސްވެ، އިންސާފު ޤާއިމުކުރާ ތަން ނުފެންނަ ހާލަތު އައިސްފައެވެ. ސުވާލަކީ އިންސާފު ޤާއިމުކުރާނީ އެ ޒިންމާ އަދާކުރާނީ ކޮން ތަނަކުން ކާކުތޯއެވެ؟

ޤާނޫނު އަސާސީގެ 141 ވަނަ މާއްދާގެ (ހ)ގައި ބުނަނީ އަދުލު އިންސާފު ޤާއިމުކުރުމުގެ އެންމެހައި ބާރުތައް ލިބިގެންވަނީ ސުޕްރީމްކޯޓަށާއި، ހައިކޯޓަށާއި، އަދި ޤާނޫނަކުން ކަނޑައަޅާފައިވާ ދަށު ކޯޓުތަކަށެވެ. އެ މާއްދާގެ (ށ)ގައި ބުނަނީ "އަލުދު އިންސާފު ޤާއިމުކުރުމުގެ އެންމެ އިސް ފަރާތަކީ ސުޕްރީމްކޯޓު" ކަމަށެވެ.

ސުޕްރީމް ކޯޓަކީ އަދުލު އިންސާފު ޤާއިމުކުރުމުގެ ބާރުގެ އެންމެ އިސްފަރާތެއް ނޫނެވެ. އެއީ އަދުލު އިންސާފު "ޤާއިމުކުރުމުގެ" އެންމެ އިސް ފަރާތެވެ. ޢަދުލުވެރި ޙައްލުތައް ލިބޭކަން ކަށަވަރުކުރުމަކީ ސުޕްރީމް ކޯޓުގެ ޒިންމާއެކެވެ. އަދުލު އިންސާފު ޤާއިމުނުކުރެވި، އަދުލުވެރި ހައްލެއް ލިބުން ލަސްވެ، އެތައް ޙައްޤެއް ގެއްލިގެން ދިއުމުން އަދުލު އިންސާފު ޤާއިމުކުރުމުގެ އެންމެ އިސް ފަރާތުގެ ޒިންމާއެއް އޮންނާނެއެވެ. އަދުލު އިންސާފު ޤާއިމުކުރެވޭކަން ކަށަވަރުކުރުމުގެ ޒިންމާއެވެ.

އަދުލުގެ ނިޒާމަށް އިތުބާރުކުރައްވައި، އެ ނިޒާމުގެ ތެރެއިން ހައްލާއި ފަރުވާ ލިބިވަޑައިގަންނަވާނެކަމުގެ ޔަގީންކަމުގައި ރައީސް ޔާމީނު ކުރައްވާ މަސައްކަތްޕުޅުން އުފެދިފައިވާ ބުރަ ބޮޑު ޒިންމާ އެންމެ ފަހުން، އަދުލު އިންސާފު ޤާއިމުކުރުމުގެ އެންމެ އިސް ފަރާތާ ހަމައަށްވެސް އަނެއްކާވެސް މިއޮތީ ވާސިލުވެފައެވެ. ޠަބީޢީ ޢަދުލާއި ދުނިޔެވީ އަޚުލާޤުގެ ހަމަތަކުން ބަލާއިރު އިންސާފު ޤާއިމުވާކަން، އިންސާފު ޤާއިމުވާތަން ފެންނަކަން ކަށަވަރުކުރުމުގެ ބުރަ އޮތީ އެ ކޯޓާއި އެ ކޯޓުގެ ފަނޑިޔާރުންގެ މައްޗަށެވެ. އެ ބުރަ އުފުއްލަވާ ގޮތް ބަލާން އެންމެން އެބަތިބީމެވެ.

މި ލިއުމާއި ގުޅޭ