މަރުކަޒީ ބޭންކް އެމްއެމްއޭގެ އާ އޮފީސް އިމާރާތް ހެދުމަށް ހުޅުމާލެއިން 211 މިލިއަން ރުފިޔާއަށް ބިމެއް ގަނެފިއެވެ.
އާ އިމާރާތް ހެދުމަށް އެމްއެމްއޭއިން ގަތީ 43،400 އަކަފޫޓުގެ ބިމެކެވެ.
އެމްއެމްއޭގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހުޅުމާލޭގައި އާ އިމާރާތެއް ހަދަން ނިންމީ، ދައުލަތުގެ ހަޒާނާގެ ރައްކާތެރިކަމާއި އެ އޮތޯރިޓީއަށް ބޭންކުތަކުން ފައިސާ ގެނައުމުގައި ރައްކާތެރިކަމާ އެކު ބެލެހެއްޓުމަށް ބޭނުންވާ ސަލާމަތީ ކަންތައްތައް އިންތިޒާމު ކުރުމަށް ޖާގަ ތަނަވަސް ތަނެއް ހޯދުމުގެ ބޭނުމުގައި ކަމަށެވެ.
އަދި އޮތޯރިޓީގެ މިހާރުގެ އިމާރާތް ހުރީ ކާރުބާރު ބޮޑު ސަރަހައްދެއްގައި ކަމުން ސެކިއުރިޓީ އިންތިޒާމްތައް ކުރުމަށް އެކަށީގެންވާ ޖާގައެއް ނެތްކަންވެސް އޭނާ ފާހަގަކުރައްވާފައިވެއެވެ.
އޮފިޝަލު ވިދާޅުވެފައިވަނީ އެމްއެމްއޭގެ އިމާރާތާ އިން ވެގެން އެހެން އިމާރާތްތައް ހުރުމުން އިމާރާތުގެ ރައްކާތެރިކަން ކަށަވަރު ނުވާތީ ވަށައިގެން ޖާގަ އޮތް އެހެން ސަރަހައްދަކަށް އެ އިމާރާތް ބަދަލުކުރަން ބޭނުންވާކަމަށެވެ.
އޭނާ ވިދާޅުވިގޮތުގައި ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ފެރީ ޓާމިނަލް ސަރަހައްދުން ގަތް އެ ބިމުގައި މިވަގުތު ކުރަނީ އެ ތަނުގައި ބިލްޑިން ޑިޒައިން ކުރުމުގެ މަސައްކަތެވެ.