Friday 22nd Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ސްޓެލްކޯ

ރައީސް އިބްރާހީމްގެ ކެމްޕެއިން ޖަގަހައަކަށް ސްޓެލްކޯ ބަދަލުކޮށްފި

ދައުލަތުގެ ކަރަންޓު ކުންފުނި ސްޓެލްކޯގެ މުދަލާއި ވަސީލަތްތައް ރައީސް އިބްރާހީމްގެ ކެމްޕެއިނުގައި އިންތިހާ ދަރަޖައަކަށް ބޭނުންކުރަމުން އެބަދެއެވެ.

މީގެ ކުރިން އެއްވެސް ސަރުކާރެއްގައި ސްޓެލްކޯއަކީ ސިޔާސީ މަސައްކަތްތައް ކުރަމުން އައި ކުންފުންޏެއް ނޫނެވެ. އެހެން ނަމަވެސް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ކަމާއި ޝަރީފު ހަވާލުވުމަށްފަހު މިހާރު އެ ކުންފުނިން ދަނީ ރައީސް އިބްރާހީމްގެ ކެމްޕެއިނުގައި ފުޅާ ދާއިރާއެއްގައި ހަރަކާތްތެރިވަމުންނެވެ. މިކަމާއިމެދު ކަންބޮޑުވާ އެ ކުންފުނީގެ ދުވަސްވީ މުވައްޒަފުންވަނީ "ދިޔަރެސް" އާއި އެ ބޭފުޅުންގެ ކަންބޮޑުވުންތައް ހިއްސާކުރައްވާފައެވެ.

ސްޓެލްކޯގެ އޮފީހުގައި ކެމްޕެއިން ބައްދަލުވުންތައް

ރިޔާސީ އިންތިހާބު ބޯމަތިވެފައިވާއިރު ފަހަކަށް އައިސް ސްޓެލްކޯގެ އެމްޑީ ޝަރީފު ދަނީ ސްޓެލްކޯގެ މައި އޮފީހުގައި ކެމްޕެއިން ބައްދަލުވުންތައް ބާއްވަމުންނެވެ.

އޮފީސް ވަގުތުގައި ވެސް މިފަދަ ބައްދަލުވުންތައް ކުރިއަށްދާ ކަމަށް މައުލޫމާތު ލިބެއެވެ. އަދި ސިޔާސީ ބައްދަލުވުންތަކާ ހެދި ކުންފުނީގެ ބައެއް ބައްދަލުވުންތައް ފަސްކުރަން ޖެހިފައިވެއެވެ. މިގޮތުން މިދިޔަ ހަފްތާގެ އާދީއްތަ ދުވަހުގެ ހެނދުނު ސްޓެލްކޯގެ ސީނިއަރ މެނޭޖްމެންޓުން ކުންފުނީގެ ބޯޑްރޫމްގައި ބާއްވަން އޮތް ބައްދަލުވުމެއްވެސް ފަސްކުރަން ޖެހުނެވެ. އެ ވަގުތު ޝަރީފު ދިޔައީ ބޯޑްރޫމްގައި ރައީސް އިބްރާހީމްގެ ކޯލިޝަނުގައި ހިމެނޭ ޕާޓީތަކާއި އެކު ބައްދަލުވުމެއް ބާއްވަމުންނެވެ.

މީގެ އިތުރުން ކުންފުނީގެ އެކިއެކި ޑިޕާޓްމެންޓުތަކުގެ ވެރިންނަށް، ޝަރީފާއި ބައްދަލުކުރުންވެސް ވަނީ ވަރަށް އުނދަގޫ ކަމަކަށްވެފައެވެ. ސަބަބަކީ އޮފީސް ގަޑީގައި ޝަރީފު ގިނައިން އުޅުއްވަނީ ކެމްޕެއިން މަސައްކަތްތަކުގައި ކަމަށްވާތީއެވެ.

ކުންފުނީގެ ސްޕީޑު ބޯޓުތައް އެމްޑީޕީ ކެމްޕެއިނުގައި

ސްޓެލްކޯގެ ދެ ލޯންޗުކަމަށްވާ ހަނދޭގިރި އަދި ހެނދޭގިރި މިހާރު ބޭނުން ކުރަމުން ދަނީ އެމްޑީޕީ ކެމްޕެއިން ދަތުރުގައެވެ. މި ދެ ލޯންޗު މީގެ ކުރިން މާޗު މަހު އޮތް ގުރައިދޫ ދާއިރާގެ ބައިއިލެކްޝަނުގައިވެސް ކެމްޕެއިނަށް ބޭނުން ކުރިއެވެ. އެހެން ނަމަވެސް މިހާރު އެކަންތައް ކުރަނީ މާ ފުޅާ ދާއިރާއެއްގައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ދެ ބޯޓުން މިހާރު ސްޓެލްކޯގެ ކޯޕޮރޭޓް އައިޑެންޓިޓީ ފޮހެލާފައިވާއިރު ލޯންޗުތަކުގެ ނަންވެސް ލިޔެފައިވަނީ ވަރަށް ކުޑަ އަކުރުންނެވެ. މީގެ އިތުރުން ލޯންޗުގެ ކްރޫއިންވެސް ކުންފުނީގެ ޓީ-ޝާޓް ނުލާން ޝަރީފް ވަނީ އަންގާފައެވެ.

ސްޕީޑް ބޯޓުތަކުން މި ކުރާ ދަތުރުތަކުގައި މުޅިންވެސް ކުންފުނީގެ މުވައްޒަފުން ބޭނުން ކުރާއިރު، އެ ދަތުރުތައް ކުރަނީ ސްޓެލްކޯގެ ދަތުރުތައް ގޮތުގައެވެ. އަދި ދަތުރުތަކުގައި ބޭނުންކުރަން ކަމަށް ބުނެ ގިނަ އަދަދަކަށް ޕެޓީ ކޭޝް ގެންދާއިރު އެ ފައިސާ ބޭނުން ކުރަނީ އާންމުންނަށް ރިޝްވަތު ދިނުމަށާއި ކުންފުނީގެ އިސްވެރިންގެ އަމިއްލަ ބޭނުމަށެވެ.

ކެމްޕެއިނުގައި ބޭނުން ކުރަން އާ ސްޕީޑް ބޯޓެއް ގެންނަނީ

މިހާރު ސްޓެލްކޯއިން ބޭނުން ކުރަމުން އަންނަ ދެ ސްޕީޑް ބޯޓުގެ އިތުރަށް އާ ސްޕީޑް ބޯޓެއް ކެމްޕެއިންގައި ބޭނުންކުރަން ގެންނަންވެސް ކުންފުނިން ވަނީ ނިންމާފައެވެ.

ސްޓެލްކޯއަށް ދެ ބޯޓުން ފުދޭއިރު މި ދަނޑިވަޅާ ދިމާކޮށް އާ ބޯޓެއް ގެނައުމުގެ އެއްވެސް ބޭނުމެއް ނެތް ކަމަށް ސްޓެލްކޯގެ އިސްވެރިއަކު މައުލޫމާތު ދެއްވިއެވެ.

އަލަށް ގެންނަނީ 50 މީހުންގެ ޖާގައިގެ ބޯޓެކެވެ، އަދި އެ ބޯޓަށް 6 މިލިއަން ރުފިޔާ ހަރަދުކުރަން ހަމަޖެހިފައިވާއިރު 45 ދުވަސް ތެރޭގައި ބޯޓު ގެނެސް ހަވާލުކުރަންވެސް ވަނީ އަންގާފައެވެ. އެހާ އަވަސް މުއްދަތެއްގައި ހަވާލުކުރަން ޖެހޭގޮތަށް ހެދީވެސް އިންތިހާބާ ދިމާކޮށް ބޭނުން ކުރުމަށް ކަމަށްވެއެވެ.

ސްޓެލްކޯއަށް ގެނައި ލެޑު ޓީވީ ހިންނަވަރަށް

ސްޓެލްކޯގެ ބޭނުމަށް ގެނައި އަގު ބޮޑު އައުޓްޑޯ ލެޑް ޓީވީއެއް މިދިޔަ އަހަރު ބޭއްވި ވޯލްޑް ކަޕް ދުވަސްވަރުން ފެށިގެން ހުންނަނީ ރައީސް އިބްރާހީމްގެ އުފަންރަށް ޅ.ހިންނަވަރުގައެވެ.

އެރަށުގެ އޭޓީއެމް ސަރަހައްދުގައި މި ޓީވި ހުންނައިރު، އެހާ ބޮޑު ހަރަދެއްކޮށްގެން ގެނައި ޓީވީއެއް ހިންނަވަރުގައި ބެހެއްޓުމުގެ ބޭނުމެއް ޝަރީފަށް ކުންފުނީގެ މެނޭޖްމެންޓަށް ބުނެދެވިފައިނުވެއެވެ.

މައުލޫމާތު ލިބޭ ގޮތުގައި މިކަންކޮށްފައިވަނީ ރައީސް އިބްރާހީމް އަންގަވައިގެންނެވެ.

ވަޒީފާތައް އުފެއްދުމާއި ވައްކަން ކުރުން އިންތިހާ

"ދިޔަރެސް" އަށް މައުލޫމާތު ދެއްވި ކުންފުނީގެ އިސްވެރިއަކު ވިދާޅުވި ގޮތުގައި ޝަރީފް ހަވާލުވިފަހުން ކުންފުނީގެ މާލީ ހާލަތުވެސް ވަނީ ވަރަށް ބޮޑަށް ގޯސްވެފައި ކަމަށެވެ. އޭގެ އެންމެ ބޮޑު ސަބަބަކީ ކުންފުންޏަށް މި ވަގުތަށް ބޭނުން ނުވާ މުވައްޒަފުން ނެގުމާއި އެކި ގޮތް ގޮތަށް ކުންފުނީގެ ފައިސާއިން ވައްކަން ކުރުން ކަމަށެވެ.

މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްޤުގެ ޤާނޫނުގެ ދަށުން މީގެ ކުރިން "ދިޔަރެސް" އިން ހޯދި މައުލޫމާތު ތަކަށް ބަލާއިރު ޝަރީފު މަޤާމާއި ހަވާލުވިފަހުން ދުވާލަކަށް އާ ވަޒީފާއެއް އުފައްދާފައިވެއެވެ.

އަދި ރާއްޖެއިން ބޭރަށް ކުރާ ދަތުރުތައް އިތުރުކޮށް އެތައް މިލިއަން ރުފިޔާ އެކަމަށްވެސް ހަރަދުކޮށްފައިވެއެވެ.

"އަޅުގަނޑުމެން ތަފާތު ވެރިކަންތައް ދެކެފިން. ސްޓެލްކޯ މިހާ ބޮޑަށް ސިޔާސީކޮށް، ކުންފުނީގެ ރިޒާވްގައި ހުރި ފައިސާ ސިޔާސީ ކަންކަމަށް ބޭނުންކުރި ވެރިކަމެއް ނުދެކެން" ސްޓެލްކޯގައި މަސައްކަތް ކުރައްވާތާ 20 އަހަރު ވެފައިވާ ކުންފުނީގެ އިސްވެރިއަކު ވިދާޅުވިއެވެ.

މި ލިއުމާއި ގުޅޭ