ރިޔާޒް (ޖުލައި 23) - އިސްލާމީ ހައްގުތަކާ ހިލާފު އަމަލުތައް ތަކުރާރުވިޔަ ނުދިނުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅާފައި ނުވާތީ ސައުދީ އަރަބިއްޔާއިން އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށް ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.
ދާދި ފަހުން ސްވިޑަންގައި ހަރަކާތްތެރިވާ އަލްޓްރާނޭޝަނަލިސްޓް ޖަމާއަތްތަކުން ކީރިތި ޤުރުއާނަށް އާންމުކޮށް ފުރައްސާރަކުރުމާއި ގުޅިގެން ބައިނަލްއަގްވާމީ މުޖުތަމައުގެ މެދުގައި ނުރުހުން އުފެދިފައިވާއިރު، ހުކުރު ދުވަހު ޑެންމާކުގެ ވެރިރަށް ކޯޕަންހޭގަންގައި ހުންނަ އިރާގު އެމްބަސީ ކުރިމަތީގައި މީހަކު ވަނީ ޤުރުއާންގެ މުސްޙަފެއްގައި ރޯކޮށްލާފައެވެ.
ސައުދީގެ ފޮރިން މިނިސްޓްރީން ބުނީ ޑެންމާކުގެ ހަރުކަށި ފިކުރުގެ ޖަމާއަތަކުން ކީރިތި ޤުރުއާނުގެ ކޮޕީއެއް އަންދާލައި، އިސްލާމްދީނާއި މުސްލިމުންނާ މެދު ނަފްރަތާއި ނަސްލީ ތަފާތުކުރުމުގެ އަޑުއުފުލީ ވެރިރަށް ކޯޕަންހޭގަންގައި ހުންނަ ރިޕަބްލިކް އޮފް އިރާގު އެމްބަސީ ކުރިމަތީގައި ކަމަށެވެ.
މި ހާދިސާތަކާ ގުޅިގެން މެދުއިރުމަތީގެ ގައުމުތަކުން ވަނީ ސްވިޑެން އާއި ޑެންމާކުގެ ޑިޕްލޮމެޓުން ހާޒިރުކޮށް ފައެވެ. އަދި އެފަދަ ގިނަ ޤައުމުތަކުގައި ދަނީ ވަރުގަދަ އިހުތިޖާޖު ތަކެއްވެސް ކުރަމުންނެވެ.
އަދި ދީންތަކުގެ މެދުގައި ނަފްރަތާއި ހަމަނުޖެހުން އުފެދޭ މިފަދަ އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާއި ދުނިޔޭގެ އެތައް މިލިއަން މުސްލިމުންނަށް އަސަރުކުރާ އަދި ބައިނަލްއަގްވާމީ ހުރިހާ ގާނޫނުތަކާއި މިންގަނޑުތަކާ ކަނޑައެޅިގެން ހިލާފު އަމަލުތައް ތަކުރާރު ނުކުރުމަށް ވެސް އެ މިނިސްޓްރީން ވަނީ އިންޒާރު ދީފަ އެވެ.
ގަލްފް ކޯޕަރޭޝަން ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް ޖަސީމް އަލްބުދައިވީ ވެސް ވަނީ ކޯޕަންހޭގަންގައި ކީރިތި ޤުރުއާނުގެ ކޮޕީއެއް އަންދައި، އެކޮލެޖްއާންގެ އަގު ވައްޓާލުމުން އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށް ކުށްވެރިކުރައްވާފައެވެ.
ހޮނިހިރު ދުވަހު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ މިފަދަ ނުބައި އަމަލުތަކާއި ޒިންމާދާރުކަން ކުޑަ އަމަލުތައް ތަކުރާރު ކުރުމަކީ ހަރުކަށި ފިކުރާއި ދީންތަކަށް ނަފްރަތު ކުރުން ރަމްޒުކޮށްދޭ ކަމެއް ކަމަށާއި ދީންތައް ހިމާޔަތްކުރާ ބައިނަލްއަގުވާމީ ގާނޫނުތަކާއި މުއާހަދާތަކާއި އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން އެ ހަރުކަށި ފިކުރުގެ މީހުން ޖަވާބުދާރީ ކުރުވުމަށް ވަގުތުން ފިޔަވަޅު އެޅުމަށް ޑެންމާކަށް ގޮވާލާ ކަމަށެވެ.
ދާދި ފަހުން ހިނގި ހާދިސާ ކުށްވެރިކޮށް ކުވޭތުން ވެސް ބުނެފައި ވަނީ މި ހަރުކަށި އަމަލުގެ ސަބަބުން ނަފްރަތު އިތުރުވެ، ހަރުކަށި ފިކުރަށް ހިތްވަރު ލިބި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި މުސްލިމުންގެ ލޭކައްކުވާލައިފި ކަމަށެވެ.
ފޮރިން މިނިސްޓްރީން ވަނީ މި ދަށުދަރަޖައިގެ އަމަލުގެ ފަހަތުގައިވާ މަގުސަދުތައް ހާމަކޮށް، މިފަދަ ޒިންމާދާރުކަން ކުޑަ އަމަލުތަކާއި ފިކުރުތައް ހުއްޓުވުމަށް ޓަކައި އަޅަންޖެހޭ ގާނޫނީ ހުރިހާ ފިޔަވަޅެއް އެޅުމަށް ޑެންމާކު ސަރުކާރަށް ގޮވާލާފައެވެ.
އަދި އިސްލާމް ދީނަށާއި ހުރިހާ ދީންތަކަކަށް ފުރައްސާރަ ކުރުމަށް ހިޔާލުފާޅުކުރުމުގެ މިނިވަންކަން ބޭނުންކޮށްގެން ނުވާނެ ކަމަށް ބުނެ ޑެންމާކުގެ ސަރުކާރަށް ގޮވާލާފައި ވަނީ "އެފަދަ އަމަލުތައް ތަކުރާރުވިޔަ ނުދިނުމަށް އަދި ކުށްކުރާ މީހުން ޖަވާބުދާރީ ކުރުވުމަށް" މަސައްކަތް ކުރުމަށެވެ.
އަދި މިފަދަ ކަންކަން ހުއްޓުވުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށާއި، ދީންތަކަށް ފުރައްސާރަކުރުން ކުށަކަށް ހެދުމަށް ޤާނޫނުތައް ހެދުމަށާއި، ބައިނަލްއަޤްވާމީ ކަމާބެހޭ މުޢާހަދާތަކާއި ޤަރާރުތަކަށް ޢަމަލުކުރުމަށް ބާރުއެޅުމަށް ސައޫދީ ފޮރިން މިނިސްޓްރީން ވަނީ ގޮވާލައިފައެވެ.