މާލެސިޓީ ކައުންސިލުން މާލޭގެ އެކި ސަރަހައްދުތަކުގައި ހިތްފަސޭހަ މައިޒާތައް ތަރައްގީކުރަން ފަށައިފި އެވެ.
އެއީ ސިޓީ ކައުންސިލްގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައިވާ "ހިތްފަސޭހަ މަގުމަތި" އަދި "ޗާލު މާލެޓީ" އަމާޒަށް ވާސިލްވުމަށްޓަކައި މިދައުރުގެ ކައުންސިލުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މަސައްކަތެކެވެ.
އެގޮތުން މާލޭގެ ކާރޫބާރޫބޮޑު ސަރަޙައްދު ތަކުގެ ތެރެއިން ފާހަަގަކުރެވޭ ހުސް ތަންތަނުގައި ހިތްފަސޭހަ މައިޒާންތަކެއް ތަރައްގީ ކުރަން ކައުންސިލުން މިހާރު ވަނީ ފަށާފަ އެވެ. އޭގެ ތެރެއިން ބައެއް މައިޒާންތައް ތަރައްގީ ކޮށްފައިވަނީ މީހުންނަށް އިށީނދެވޭނެ ގޮތަށް ފަރުމާކޮށްގެންނެވެ.
އެ މަސައްކަތުގެ ތެރެއިން މަޖީދީމަގާއި ފަނޑިޔާރު މަގާ ގުޅޭ ކަންމަތީގައި މާލެ ސިޓީ ކައުންސިލުން ތަރައްގީކުރި ބުރުގެ މަސައްކަތް މިހާރު ވަނީ ނިންމާލައި އާންމުންނަށް ހުޅުވާލާފަ އެވެ. އޭގެ އިތުރުން ވެސް އެހެން ބައެއް ސަރަހައްދުތަކުގައި މިފަދަ މައިޒާންތަކެއް ތަރައްގީ ކުރުމުގެ މަސައްކަތް މާލެސިޓީ ކައުންސިލުން ދަނީ ކުރަމުންނެވެ.
މާލެ ސިޓި ކައުންސިލުން ހަދާފައިވާ ހިތްފަސޭހަ މައިޒާނެއް--- ފޮޓޯ/ ސިޓީ ކައުންސިލް
ފާއިތުވި 5 އަހަރުގެ ތެރޭގައި މާލޭގައިވާ މިފަދަ ބިނާތަކާއި މައިޒާންތައް ވަނީ އަޅާނުލެވި ވީރާނާވާން ދޫކޮށްލާފަ އެވެ. އެހެންނަމަވެސް 4 ވަނަ ދައުރުގެ ކައުންސިލް ވުޖޫދުވުމާއި އެކު މާލޭގެ ޕާކުތަކާއި މައިޒާންތަކުގެ އާބާތުރަ ފިލުވުމުގެ މަސައްކަތްތައް ހަލުވިކަމާއިއެކު ފަށައިގަތެވެ.
ބަޖެޓްގެ ދަތިކަމާއިއެކުވެސް މިސްކިތްތަކާއި، އާންމުތަންތަނާއި، ޕާކު މައިޒާންތައް އާބާތުރަ ފިލުވާ، އިތުރު ހިތްފަސޭހަ މައިޒާންތަކެއް ތަރައްޤީ ކުރުމުގެ މަސައްކަތް ކައުންސިލުން ވަނީ ފަށާފަ އެވެ.