Saturday 15th Feb 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިސްލާމްދީން

މުއުމިނުންގެ ދުޢާ ގެއްލިގެން ނުދާނެ

އަޅުކަން ކުރުމަކީ ލޯތްބާއި ރުހުމާއެކު ކިޔަމަންގަތުމެވެ. މާތް ﷲ އިންސާނާ ހެއްދެވީ އެކަލާނގެއަށް އަޅުކަން ކުރުމަށްޓަކައެވެ. މާތް ވަޙީ ކުރެއްވިއެވެ. (( وَمَا خَلَقْتُ الْجِنَّ وَالْإِنسَ إِلَّا لِيَعْبُدُونِ - الذاريات : 56 - ތިމަން ރަސްކަލާނގެއަށް އަޅުކަން ކުރުމަށް މެނުވީ ތިމަން ރަސްކަލާނގެ ޖިންނީންނާއި އިންސީން ނަހައްދަވަމުއެވެ.))

ކިޔަމަން ގަތުމާއި ބޯލެނބުމަކީ އެކަމުގައި ހިތާއި ގުނަވަންތައް ބައިވެރިވާ ކަމެކެވެ.

ހިތުގެ ބޯލެނބުން ނުވަތަ ކިޔަމަންގަތުން ފުރިހަމަވާނީ އީމާންކަމުގެ ރުކުންތަކުންނެވެ. އެއީ ޢަޤާއިދީ ކަންތައްތަކެވެ. ނުވަތަ ޢަޤީދާގެ ބަޔެވެ. ޖިބްރީލުގެފާނު އީމާންކަމާ ބެހޭގޮތުން ސުވާލު ދެންނެވުމުން ރަސޫލުގެފާނު ވަނީ މިބައި ވިދާޅުވެ ދެއްވައިފައެވެ. އެއީ މާތް ﷲ އަށް އީމާންވުމާއި މަލާއިކަތުންނަށް އީމާންވުމާއި ފޮތްތަކަށް އީމާންވުމާއި އާޚިރަތް ދުވަހަށް އީމާންވުމާއި ޤަޟާ ޤަދަރަށް އީމާން ވުމެވެ.

ގުނަވަންތަކުގެ ކިޔަމަންގަތުން ފުރިހަމަވާނީ އިސްލާމްކަމުގެ ރުކުންތަކުންނެވެ. މިއީ ޝަރްޢީ ޙުކްމުތަކުގެ ބަޔެވެ. ޖިބްރީލުގެފާނު އިސްލާންކަމާ ބެހޭގޮތުން ސުވާލު ދެންނެވުމުން ރަސޫލާ صلى الله عليه وسلم މިބައި ބަޔާން ކޮށްދެއްވިއެވެ. އެއީ ﷲ ފިޔަވާ އެހެން އިލާހަކު ނުވާކަމަށާއި މުޙައްމަދުގެފާނަކީ ﷲގެ ރަސޫލާކަމަށްހެކިވުމާއި ނަމާދުކުރުމާއި ރަމަޟާންމަހު ރޯދަ ހިފުމާއި ޒަކާތް ދިނުމާއި ކުޅަދާނަވެގެންވާ މީހާ ޙައްޖުވުމެވެ.

މާތް ﷲއަށް އަޅުވެތިވެވުނު ވަރަކަށް އޭނާ ﷲގެ ޙަޟްރަތާ ކުއްތަންވުން އިތުރު ވަމުންދާނެއެވެ. ކީރިތި ޤުރްއާނުގައި ރަސޫލުގެފާނަކީ އެކަލާނގެ އަޅާކަމަށް ސިފަ ކުރައްވާފައި ވެއެވެ. މާތް ވަޙީ ކުރެއްވިއެވެ. (( وَإِذَا سَأَلَكَ عِبَادِي عَنِّي فَإِنِّي قَرِيبٌ - البقرة : 186 - ތިމަން ރަސްކަލާނގެއާމެދު ތިމަން ރަސްކަލާނގެ އަޅުން ކަލޭގެފާނަށް ސުވާލު ދަންނަވައިފިނަމަ ( ކަލޭގެފާނު ވިދާޅުވާށެވެ.)ފަހެ ހަމަކަށަވަރުން ތިމަން ރަސްކަލާނގެއީ އެއުރެންނާ ކުއްތަންވެ ވޮޑިގަންނަވާ ރަސްކަލާނގެއެވެ. ))
ކީރިތި ރަސޫލާގެ ޝަޚްޞިއްޔަތުގައި މާތް ﷲ އަށް އ ަޅުވެތިވުން އެންމެ ފުރިހަމަ ގޮތުގައި އަށަގަތްފައިވާތީ އެކަލޭގެފާނުގެ ދުޢާފުޅުތަކަކީ އިޖާބަވެވުނު ދުޢާފުޅުތަކެކެވެ. ކީރިތި ރަސޫލާ ބައެއް މީހުންނަށްޓަކައި ދުޢާ ކޮށްދެއްވިއެވެ. އަދި ބައެއް މީހުންގެ މައްޗަށް ދުޢާ ކުރެއްވިއެވެ.
ކީރިތި ރަސޫލާ صلى الله عليه وسلم  ދުޢާ ކޮށްދެއްވި މީހުންގެ ތެރޭގައި އިބްނު ޢައްބާސްގެފާނު ހިމެނިވަޑައި ގަންނަވައެވެ. އެކަލޭގެފާނަށް ޢިލްމު ތަނަވަސް ކޮށްދެއްވުމަށާއި ފިޤްހުވެރި ކުރެއްވުމަށް ދުޢާ ކޮށްދެއްވިއެވެ. މިދުޢާގެ ސަބަބުން އިބްނު ޢައްބާސް ވެވަޑައިގެންފައި ވަނީ ކީރިތި ޤުރްއާނާއި ރަސޫލާގެ ސުންނަތް އެންމެ މޮޅަށް ދެނެވަޑައިގެންނެވި ޞަޙާބީންގެ ތެރޭގައެވެ. އިބްނު ޢައްބާސްގެ ވިސްނުންފުޅު ތޫނުކަމާއި ފިޤްހީ މަސްއަލަތައް ޙައްލު ކުރެއްވުމުގައި ފުންނާބުފުޅު އުސްކަމުން އުމަރުގެފާނު އެކަލޭގެފާނުގެ މަޝްވަރާ މަޖިލީހުގެ މުޝީރަކަށް އިސްކުރެއްވިއެވެ.
ކީރިތި ރަސޫލާ ޢަލީގެފާނު ޔަމަނަށް ޤާޟީއެއްގެ ގޮތުގައި ފޮނުއްވިއިރު ނިޔާ އިއްވުމުގައި ހަރުދަނާ ރައުޔުގެ ވެރިއަކަށް ހައްދަވާ ދެއްވުމަށް ދުޢާ ކޮށްދެއްވިއެވެ. މި ދުޢާފުޅުގެ ސަބަބުން ޢަލީގެފާނަށް ހުށައެޅުނު ކޮންމެ މަސްއަލައެއްވެސް ހަރުދަނާކަމާއި އެންމެންގެ މަޤްބޫލުކަން ލިބެނިވި ގޮތަކަށް ނިންމަވާފައި ވެއެވެ. މިކަމާ ހެދި ދަތި މަސްއަލަތައް ޙައްލު ކުރުމަށްޓަކައި އެންމެންވެސް އަލީގެފާނު އަރިހަށް ދިޔައެވެ. މިކަމުގައި އެކަލޭގެފާނު ނަމޫނާއަކަށް ވެވަޑައިގެން އެކަލޭގެފާނަށް ނިސްބަތްކޮށް މިސާލު ބަސް ޖެހިފައިވެއެވެ.
ރަސޫލުގެފާނު ދުޢާ ކޮށްދެއްވި ބޭފުޅުންގެ ތެރޭގައި ޢަބްދުއްރަޙްމާނު ބްނު ޢައުފު ހިމެނިވަޑައި ގަންނަވައެވެ. ތަބޫކު ހަނގުރާމައިގައި ޢަބްދުއްރަޙްމާނު ބްނު ޢައުފު އިސްލާމީ ލަޝްކަރު ތައްޔާރު ކުރެއްވުމަށްޓަކައި ވަރަށް ހޭދައެއް ކުރެއްވިއެވެ. މިހެންވެ ރަސޫލުގެފާނު ޢަބްދުއްރަޙްމާނު ބްނު ޢައުފުގެ ވިޔަފާރިއާއި މުދަލުގައި ބަރަކާތް ލެއްވުމަށް ދުޢާ ކޮށްދެއްވިއެވެ. މިދުޢާގެ ސަބަބުން ޢަބްދުއްރަޙްމާނު ބްނު ޢައުފު ކޮންމެ ވިޔަފާރިއެއް ކުރެއްވިސް އެއިން ފައިދާ ލިބިވަޑައިގެންފައިވެއެވެ. މިކަމާހެދި މަދީނާގެ އަހްލުވެރީން ބުނެ އުޅުނު ބަހެއްގައި ވެއެވެ. އެކަލޭގެފާނު ވެލި ވިއްކެވިޔަސް އެއިން ފައިދާ ހޯއްދަވާނެއެވެ. އޭނާގެ އަތްޕުޅަށް ވެލި އަރާއިރަށް ރަނަށް ބަދަލު ވެދާނެއެވެ.
އަނެއްކޮޅުން ކީރިތި ރަސޫލާ އެމީހުންގެ މައްޗަށް ދުޢާ ކުރެއްވި (ނުވަތަ ބަރު ދުޢާ ކުރެއްވި) ބަޔަކުވެސް ވެއެވެ. މި މީހުންގެ ތެރޭގައި ކީރިތި ރަސޫލާގެ އަރިހުގައި ވާތުން ކޭ އަރަތްބަކު ހިމެނެއެވެ. ކީރިތި ރަސޫލާ އޭނާއަށް ކަނާތުން ކާން ވިދާޅުވުމުންވެސް އަޅުގަނޑަކަށް ނުކުވޭނެޔޭ ކިޔާފައި ކެއީ ވާތުންނެވެ. މި ޢަރަބި ކަލޭގެއަށް ރަސޫލާ ފަށްފަށުން އެކަމަށް އެންގެވުމުން ވެސް އެކަން ނުކުޅައީ ބޮޑާކަމާއި ފޮނިކަމުންނެވެ. އެހިނދު ރަސޫލު ﷲ ގެފާނު ދުޢާއެއްގެ ގޮތުން ކަލެއަށް އެކަމެއް ނުކުރެވޭނެޔޭ ވިދާޅުވިއެވެ. ހަމަ އެވަގުތު މާތް ﷲ އޭނާގެ އަތް ވާ ކުރެއްވިއެވެ. އޭގެ ފަހުން އޭނާއަށް އޭނާގެ އަނގަޔާ ހަމައަށް އެއްޗެއް ނޫފުއްލެއެވެ.
ކީރިތި ރަސޫލާ ބަދު ދުޢާ ކުރެއްވި މީހުންގެ ތޭރޭގައި އަބޫ ލަހަބުގެ ދަރި ޢުތުބާ ހިމެނެއެވެ. މީނާއަކީ ރަސޫލުގެފާނަށް ވަރަށް އުނދަގޫ ކުރި ކާފިރެކެވެ. މީގެ އިތުރަށް މީނާއަކީ ރަސޫލުގެފާނުގެ އަބުރުފުޅާ ބެހި އެކަލޭގެފާނަށް ޤުރައިޝުންގެ ތެރޭގައި ލިބިވަޑައިންފައިވާ މަޤާމު ދަށްކުރަން މަސައްކަތްކުރި މީހެކެވެ. އެކަލޭގެފާނަށް ގޯނާ ކުރުމަށްޓަކައި މައްކާގެ މޮޔައިން ހައްލަންވެސް މީނާ މަސައްކަތް ކުރިއެވެ. މީނާގެ އުނދަގުލުން ސަލާމަތް ކުރެއްވުމަށް އެދިވަޑައިގެން ދުޢާ ކުރެއްވިއިރު މީނާގެ މައްޗަށް ކުއްތާއެއް ފާކުރެއްވުމަށް ދުޢާ ކުރެއްވިއެވެ. މި ދުޢާފުޅުގެ ސަބަބުން މީނާ ޙިޖާޒުން ޝާމަށް ކުރި ވިޔަފާރި ދަތުރުގައި ވަލު ޖަނަވާރެއް އޭނާއަށް ޙަމަލާދީ އޭނާ މަރައިލިއެވެ.
ކީރިތި ރަސޫލާ އިސްލާމްދީނަށް ގޮވައިލެއްވުމަށްޓަކައި ފާރިސްކަރައިގެ ކިސްރާއަށް ފަތްކޮޅެއް ފޮނުއްވުމުން އެފަތްކޮޅު ވީދާލިއެވެ. އެހިނދު އޭނާގެ ރަސްކަން ވީދާލެއްވުމަށް ދުޢާ ކުރެއްވިއެވެ. ޢުމަރުގެފާނުގެ ޚިލާފަތުގައި ފާރިސް ކަރައިގައި އޮތް ކިސްރާގެ ވެރިކަން ނެތިގެން ކުދިކުދިވެގެން ދިޔައެވެ.
މާތް ﷲ ކޮންމެ އަޅެއްގެ ދުޢާއަށް ވެސް އިޖާބަ ދެއްވައެވެ. އެއީ ހަމައެކަނި ރަސޫލު ބޭކަލުންނަށް ޚާއްޞަކަމެއް ނޫނެވެ. މާތް ﷲ ވަޙީ ކުރީެއްވިއެވެ. (( وَقَالَ رَبُّكُمُ ادْعُونِي أَسْتَجِبْ لَكُمْ – غافر : 60 - ތިޔަބައި މީހުންގެ ވެރި ރަސްކަލާނގެ ވަޙީ ކުރެއްވިއެވެ. ތިޔަބައި މީހުން ތިމަން ރަސްކަލާނގެއަށް ދުޢާ ކުރާށެވެ! އޭރުން ތިމަން ރަސްކަލާނގެ ތިޔަބައި މީހުންގެ (ދުޢާއަށް) އިޖާބަ ކުރައްވާހުށީމެވެ.))

ޝަރްޠުތަކެއްގެ މަތިން

ނަމަވެސް ދުޢާ ޤަބޫލު ކުރައްވަވަނީ ވަކި ޝަރްޠުތަކެއްގެ މަތިންނެވެ. މި ޝަރްޠުތަކުގެ ތެރޭގައި ހިމެނޭ އެއް ކަމަކީ އޭނާ ހޯދާ އެއްޗެއް ރަނގަޅު ޙަލާލު ގޮތުގައި ހޯދުމެވެ. އެއީ އޭނާގެ ކެއުމާއި ބުއިމާއި ލައިއުޅޭ ފޭރާންފަދަ ތަކެތި ޙަލާލު އެއްޗެހި ކަމުގައި ވުމަށްޓަކައެވެ. މިހެންވެ ރަސޫލު ﷲގެފާނު އެކަލޭގެފާނުގެ އަޞްޙާބުންނަށް އެބޭކަލުން ހޯއްދަވާ އެއްޗެއް ޙަލާލު ގޮތުގައި ހޯއްދެވުމަށް އިރްޝާދު ދެއްވިއެވެ. ރަސޫލުގެފާނު ސަޢުދު ބްނު މުޢާޛަށް ވިދާޅުވިއެވެ. (( يا سَعْدُ أطِبْ مَطعَمَكَ تكُنْ مُستجابَ الدَّعوةِ - الطبراني في «المعجم الأوسط» (٦٤٩٥) - އޭ ސަޢުދުގެފާނެވެ. ކަލޭގެފާނު ފަރިއްކުޅުއްވާ އެއްޗެހި ރަނގަޅު އެއްޗެހި ކަމުގައި ހައްދަވާށެވެ. އޭރުން ކަލޭގެފާނަކީ ދުޢާ އިޖާބު ވެވިގެންވާ ބޭކަލަކު ކަމުގައި ވެވަޑައިގަންނަވާނެއެވެ.))
ތިމާ ކުރާ ދުޢާ އިޖާބަ ނުކުރައްވައިގެން ކަންބޮޑުވެގެން ނުވާނެއެވެ. އެހެނީ ދުޢާކުރުމަކީ އޭގެ އަމިއްލަ ޒާތުގައި އަޅުކަމެކެވެ. ކީރިތި ރަސޫލާ ޙަދީސް ކުރެއްވިއެވެ. (( الدُّعاءُ هو العبادةُ - أخرجه أبو داود (١٤٧٩)، والترمذي (٢٩٦٩)، وابن ماجة (٣٨٢٨) - ދުޢާއަކީ ހަމަ އަޅުކަމެވެ. )) އެހެން ބަސްފުޅެއްގައި ވެއެވެ. ((الدُّعاءُ مُخُّ العبادةِ - أخرجه الترمذي(٣٣٧١)،والطبراني في «المعجم الأوسط» (٣١٩٦) - ދުޢާއަކީ އަޅުކަމުގެ ސިކުނޑިއެވެ.)) އެހެންކަމުން އަޅުގަނޑުމެންގެ މައްޗަށް އޮތީ ދުޢާކުރުމެވެ. މާތް الله އަންގަވަނީ ތިޔަބައިމީހުން ދުޢާކުރާށެވެ. އޭރުން ތިމަން ރަސްކަލާނގެ ތިޔަބައި މީހުންގެ ދުޢާއަށް އިޖާބަ ދެއްވާނަމެވެ.
މާތް ﷲގެ އިރާދަފުޅާ އެއްގޮތަށް އަޅުގަނޑުމެންގެ ދުޢާތަކަށް އިޖާބަ ދެއްވާނެއެވެ. އެ ދުޢާއަށް އިޖާބަ ދެއްވަންވީ ވަގުތާއި ގޮތް ކަނޑައަޅުއްވަނީ ހަމަ އެކަލާނގެއެވެ. އެކަމުގެ ޙިކްމަތް ދެނެވޮޑިގެންވަނީ އެކަލާނގެއެވެ. އަޅުގަނޑުމެން ކުރާ ދުޢާއަކީ ގެއްލިގެންދާނެ އެއްޗެއް ނޫނެވެ. މާތް ﷲ ބައެއް ދުޢާއަށް ވަގުތުން އިޖާބަ ދެއްވައެވެ. އަނެއްބައި ދުޢާއަށް ތަންކޮޅެއް ފަހުން އިޖާބަ ދެއްވައެވެ. އަދި އަނެއްބައި ދުޢާ ދުނިޔެމަތީގައި އިޖާބަ ނުދެއްވަވާ އާޚިރަތް ދުވަހަށްޓަކައި ރައްކައު ކޮށްދެއްވައެވެ. އާޚިރަތް ދުވަހު މިފަދަ ދުޢާތަކުގެ ދަރުމަ އޭނާއަށް ދެއްވުމުން އޭނާގެ އެއްވެސް ދުޢާއެއް ދުނިޔެ މަތީގައި އިޖާބަ ނުކުރެއްވިނަމަ ހާދަ ރަނގަޅު ވީހޭ ހިތަށް އަރާނެއެވެ. މާތް ﷲ ބައެއް ފަހަރަށް އެމީހާ ކުރާ ދުޢާއާ އެއްފަދަ ނުބައިކަމަކުން ސަލާމަތް ކޮށްދެއްވައެވެ. އަޅުގަނޑުމެންގެ މައްޗަށް އޮތީ ދުޢާ ކުރުމެވެ. އެކަލާނގެ އަޅުގަނޑުމެންގެ އެއްވެސް ދުޢާއެއް ގެއްލިގެން ދިޔަކަ ނުދެއްވާނެއެވެ.
މި ލިއުމާއި ގުޅޭ