ރައީސް ޢަބްދުﷲ ޔާމީނުގެ ޝަރީޢަތްތަކުގެ ތެރެއަށް ނުފޫޒު ފޯރުވުން ސަރުކާރުން ހުއްޓައިލަންދެން އިހުތިޖާޖުކުރުން ކުރިއަށްދާނެކަމަށް އެމަނިކުފާނުގެ އިސްވަކީލު އަދި ރާއްޖޭގެ ކުރީގެ ނައިބުރައީސް ޑރ.މުޙައްމަދު ޖަމީލު އަޙްމަދު ވިދާޅުވެއްޖެއެވެ.
ޑރ.ޖަމީލު މިފަދައިން ވިދާޅުވީ ރައީސް ޔާމީނުގެ ފަރާތްޕުޅުން ހައިކޯޓަށް ހުށަހަޅުއްވާފައިވާ ވ.އާރަށު މައްސަލައިގެ އިސްތިއުނާފު ލަސްކުރަމުންދާތީ އިދިކޮޅު އިއްތިހާދުގެ ލީޑަރުން މިއަދު ޖުމްހޫރީ މައިދާނަށް އެއްވެވަޑައިގަތުމުން ފުލުހުން ފޮނުވައިގެން އެ ބޭފުޅުން ހައްޔަރުކުރުމާ ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ.
ޕީޕީއެމްގެ ނައިބުރައީސް ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމްއާއި، ޕީއެންސީގެ ނައިބުރައީސް މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސައީދާއި، ޕީއެންސީގެ ނައިބުރައީސް އިބްރާހީމް ޝުޖާއު އަދި މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤާއި ޕީއެންސީގެ ނައިބުރައީސް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ.
އެ ބޭފުޅުން ޖުމްހޫރީ މައިދާނަށް ވަޑައިގެން އެތަނުގައި އިށީނދެވަޑައިގެން މީޑިއާއަށް ރައީސް ޔާމީނުގެ މައްސަލައާ ގުޅޭ ގޮތުން މައުލޫމާތުދެއްވަމުން ދަނިކޮށް އެތަނައް ފުލުހުންގެ ބޮޑު ފައުޖެއް ފޮނުވައި ފަހަރަކު ބޭފުޅަކު ގަދަކަމުން އެތަނުން ތެދުކޮށް ފުލުހުންގެ އުޅަނދަށް އަރުވައިގެން ގެންގޮސްފައިވެއެވެ.
އަދި ފުލުހުން ޖުމްހޫރީ މައިދާނަށް އައިސް އަމަލުކުރަމުންދިޔަ ގޮތް ކަވަރުކުރަން މަސައްކަތްކުރި ނޫސްވެރިންނަށް ހަމަލާދީ އެ ނޫސްވެރިން ބިންމައްޗަށް ވައްޓައި ފުލުހުންވަނީ އަނިޔާކޮށްފައެވެ. އަދި ނޫސްވެރިންނަށް އެތަނުގައި ހިނގި ކަންކަން ކަވަރުވިޔަނުދިނުމަށް ފުލުހުން ބާރުގެ ބޭނުންކޮށްފައިވެއެވެ.
އެކަންކަމަށް އިޝާރާތްކުރައްވައި ކުރެއްވި ޓުވީޓެއްގައި ޑރ.ޖަމީލު ވިދާޅުވީ ސުލްހަވެރިކަމާއެކު އިހުތިޖާޖުކުރުމަށް ޖާގަނުދީ ތަކުރާރުކޮށް އެކަމަށް ރައީސް އިބްރާހީމު މުޙައްމަދު ޞާލިޙުގެ ސަރުކާރުން ހުރަސްއަޅަމުންދިއުމަކީ ލަދުވެތިކަމެއް ކަމަށެވެ. އެފަދައިން އެމަނިކުފާނު ވިދާޅުވިއިރު އިހުތިޖާޖުކުރުމުގެ މިނިވަންކަން ތަންމިނަށް ހުޅުވައިދެއްވުމަކީ 2018 ވަނަ އަހަރުގެ ރިޔާސީ ޕްރައިމަރީގައި ރައީސް އިބްރާހީމުގެ ރިޔާސީ ވައުދެކެވެ.
އިތުރަށް ޑރ.ޖަމީލު ވިދާޅުވީ ރައީސް ޔާމީނުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުންތަކަށް ސަރުކާރުން އަތްބާނައި ނުފޫޒު ފޯރުވުން ހުއްޓައިލަންދެން އިހުތިޖާޖުތައް ހުއްޓުމެއްނެތި ކުރިއަށްދާނެ ކަމަށެވެ. ޖުމްހޫރީ މައިދާނުގައި ތިއްބަވައިގެން އިދިކޮޅު އިއްތިހާދުގެ ލީޑަރުން ތުހުމަތުކުރެއްވި ގޮތުގައި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފާއި އެ އޮފީހުގެ އަންޑަ ސެކްރެޓަރީ ޢަބްދުﷲ ނަސީރު މިއަދުވެސް ހައިކޯޓަށް ގުޅުއްވައި ރައީސް ޔާމީނުގެ ޝަރީޢަތް ކުރިއަށްގެންދަންވީ ގޮތުގެ އިރުޝާދުތައް ދެއްވާފައިވެއެވެ.
އިތުރަށް ޑރ.ޖަމީލު ވިދާޅުވީ އަސާސީ ހައްޤުތަކީ ސަރުކާރަށް ހިފަހެއްޓިދާނެ ކަންތައްތަކެއް ނޫން ކަމަށެވެ. އަދި މި ސަރުކާރުގެ ފިނޑި އަމަލުތަކުން އިދިކޮޅު އިއްތިހާދަށް ބިރެއްވެސް ނުދެއްކޭނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
އިދިކޮޅު އިއްތިހާދުގެ ލީޑަރުން މިއަދު ހައްޔަރުކުރިއިރު މާދަމާ ހަވީރަށް އިދިކޮޅުންވަނީ މާލެ ސަރަހައްދުގައި ބޮޑު އެއްވުމެއް ބޭއްވުމަށް އިންތިޒާމުކޮށްފައެވެ. އަދި އެ އެއްވުމަށް ގިނަ ބަޔަކު ނިކުމެ ސަރުކާރާމެދު ނުރުހުން ފާޅުކުރުމަށް އިދިކޮޅުންވަނީ ގޮވައިލާފައެވެ.