Friday 1st Dec 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ޔާމީންގެ ޝަރީޢަތް

ފުއްގިރި މައްސަލަ: މިއަދުގެ އަޑުއެހުމުން އެކަނި މައްސަލަ އަވަސްކުރަން ދައުލަތުން އުޅޭ މިންވަރު ފެނުނު

އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެނޑިޑޭޓު އަދި ލީޑަރު ކުރީގެ ރައީސް ޢަބްދުﷲ ޔާމީނުގެ މައްޗަށް އުފުލާފައިވާ ރިޝްވަތާއި މަނީ ލޯންޑަރިންގެ މައްސަލަ އަވަސް އަރުވާލައިގެން ނިންމުމަށް ދައުލަތުން މަސައްކަތްކުރާ މިންވަރު މިއަދު ކުރިމިނަލް ކޯޓުގައި އޮތް އެ މައްސަލައިގެ އަޑުއެހުމުން ވަރަށް ބޮޑަށް ފާހަގަވެއްޖެއެވެ.

މިއަދު އޮތް މި މައްސަލައިގެ އަޑުއެހުމުގައި ފުރަތަމަ އޮތީ ލަންކާގައި ހުރި އެ ޤައުމުގެ ރައްޔިތެއްގެ ހެކިބަސް ނެގުމެވެ. އޭނާގެ ހެކިބަސް ނެގީ ލަންކާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނަށް އޭނާ ހާޒިރުކޮށްގެންނެވެ. އިންޓަނެޓު މައްސަލަތަކާ ގުޅިގެން އޭނާ ދައްކާ ވާހަކައާއި ކުރާ ސުވާލުތަކަށް ދޭ ޖަވާބުތައް ސާފުނުވާކަން ދިފާއީ ވަކީލުން އައީ ފާހަގަކުރަމުންނެވެ.

ކުރިން ސަން ކުންފުނީގައި އެކައުންޓެންޓެއްގެ މަޤާމުގައި މަސައްކަތްކުރި ސިރީތަކުމާރު ތިއޭގަރާޖާގެ ހެކިބަސް އެމްބަސީއަށް ހާޒިރުކޮށްގެން ނަގަން ދައުލަތުން ހުށަހަޅައި އެ ފުރުސަތު ކުރިމިނަލް ކޯޓުން ދީފައިވާއިރު ޖިނާއީ އިޖުރާއާތުގެ 148 ވަނަ މާއްދާގެ (ހ)ގައި ބަޔާންކުރާ ގޮތުން އެފަދައިން ހެކިބަސް ނެގޭނީ އެމީހަކު ޝަރީޢަތަށް ހާޒިރުވުމަށް ދިގުމުއްދަތެއް ނެގުމުގެ ސަބަބުން، އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސްއެޅޭނެކަމަށް ފަނޑިޔާރަށް ޤަބޫލުކުރެވިއްޖެ ހިނދެއްގައެވެ.

މިއަދުގެ އަޑުއެހުމުގައި އޭނާގެ ހެކިބަސް ނަގަން ފެށިފަހުން ދިމާވި ޓެކްނިކަލް މައްސަލަތަކާ ގުޅިގެން އޭނާގެ ޖަވާބުތައް ސާފުނުވެ ލަސްވާން ފެށުމުން ދައުލަތުންވަނީ އޭނާގެ ހެކިބަސް ނެގުމަށް އަންނަ ހަފުތާގެ އާދީއްތަދުވަހަށް އޭނާ ރާއްޖެއަށް ގެނެސް ކޯޓުގައި ހެކިބަސް ނެގިދާނެކަމަށް ބުނެފައެވެ.

އެކަމަށް އިޝާރާތްކުރައްވައި، ރައީސް ޔާމީނުގެ ދިފާއީ ވަކީލު ޑރ.މުޙައްމަދު ޖަމީލު އަޙްމަދު ފާހަގަކުރެއްވީ އޭނާގެ ހެކިބަސް އޮންލައިންކޮށް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ނެގުމަށް ދައުލަތުން ހުށަހެޅީ ޖިނާއީ އިޖުރާއާތުގެ ޤާނޫނުގެ 148 ވަނަ މާއްދާގެ (ހ)ގައި ބަޔާންކޮށްފައިވާ ހާލަތު ނެތީސްކަމެވެ. އަދި އޭނާއަކީ ޝަރީޢަތަށް ހާޒިރުވުމަށް ދިގު މުއްދަތެއް ނަގާނެ މީހެއް ނޫންކަން ދެ ދުވަސް ތެރޭ އޭނާ ރާއްޖެއަށް ގެންނާނެކަމަށް ދައުލަތުން ބުނުމުން އެނގޭކަމުގައިވެސް ޑރ.ޖަމީލު ފާހަގަކުރެއްވިއެވެ.

މިއަދު ދެވަނައަށް ހެކިބަސް ނަގަން ދައުލަތުން ހުށަހަޅާފައި އޮތީ މިޞްރުގައި މަސައްކަތްކުރާ މުޙައްމަދު ޝިފާޢު ނަމަކަށް ކިޔާ މީހެކެވެ. އޭނާ ހެކިބަސް ނެގުމަށް ސައުދީ އަރަބިއްޔާއަށް ގެންގޮސް އޭނާ ހެކިބަސް ނަގަން ދައުލަތުން މަސައްކަތްކުރީ ޖިއްދާގައި ހުންނަ ދިވެހިރާއްޖޭގެ ކޮންސިއުލޭޓަށް ހާޒިރުކޮށްގެންނެވެ.

ނަމަވެސް ޖިނާއީ އިޖުރާއާތުގެ 148 ވަނަ މާއްދާގެ (ށ)ގައި ބުނެފައިވަނީ "ހެކިބަސްދޭ މީހާ ހުރީ، ދިވެހިރާއްޖޭގެ އެމްބަސީއެއް ނުވަތަ ހައިކޮމިޝަނެއް ޤާއިމުވެފައިވާ ޤައުމެއްގައިނަމަ އެމީހަކު އެތަނަކަށް ހާޒިރުކޮށް އެމްބަސީ ނުވަތަ ހައިކޮމިޝަނުގެ ފަސްޓް ސެކްރެޓަރީގެ މަޤާމަށްވުރެ މަތީ މަޤާމެއްގައި ހުރި މީހެއްގެ ކުރިމަތީގައި ހުވައިކުރުމަށްފަހު،" ހެކިބަސް ނެގިދާނެ ކަމަށެވެ.

ސައުދީ އަރަބިއްޔާއަކީ ދިވެހިރާއްޖޭގެ އެމްބަސީއެއް ހުންނަ ޤައުމަކަށްވާއިރު ކޮންސިއުލޭޓުގައި ހެކިބަސް ނުނެގޭނެކަން ދިފާއީ ވަކީލުން ފާހަގަކުރެއްވުމުން ދައުލަތުންވަނީ މިއަދުން މިއަދަށް ޖިއްދާއިން ރިޔާޟަށް އެ ހެކިވެރިޔާ ގެންގޮސް ހެކިބަސް ނެގުމުގެ އިންތިޒާމު ހަމަޖައްސައިދެވިދާނެކަމަށް ބުނެފައެވެ.

ރައީސް ޔާމީނުގެ މައްޗަށް ފުއްގިރި މައްސަލާގައި ދައުވާކުރިއިރު، ރިޝްވަތު ދިނުމުގައި މެދުވެރިއަކަށްވީކަމަށް ބުނެ ދައުލަތުން ދައުވާކުރި އަޙްމަދު ކުރިކު ރިޟާގެ ދައުވާ ދައުލަތުން އަނބުރާ ގެންގޮސްފައިވެއެވެ. އޭނާގެ ދައުވާ އަނބުރާ ގެންދިޔައީ، ކުރިކަށް ވަކި ގޮތަކަށް ހެކިބަސްދިނުމަށް ނުފޫޒު ފޯރުއްވައި އެސިސްޓެންޓު ކޮމިޝަނާ އޮފް ޕޮލިސް އަޙްމަދު ރިޔާޒު ވާހަކަދެއްކެވި އޯޑިއޯއެއްގެ ސައްހަކަން ކަށަވަރުކުރުމަށް އަދި ވަގުތު ނަގާނެކަމަށް ބުނެއެވެ.

މިއޯޑިއޯއަކީ 2021 ވަނަ އަހަރުގެ ތެރޭގައި ކުރިމިނަލް ކޯޓަށް ދިފާއީ ހެެއްކެއްގެ ގޮތުގައި ކުރިކު ހުށަހަޅުއްވާފައިވާ އޯޑިއޯއެކެވެ. ނަމަވެސް މި މަހުގެ ތެރޭގައި އެއޯޑިއޯގެ ސައްހަކަން ކަށަވަރުކުރަން އިތުރު ވަގުތު ނަގާނެތީ މައްސަލަ އަނބުރާ ގެނައުމަށް ފުލުހުން އެދުމުން އެ މައްސަލަ އަނބުރާ ގެނެސް ރައީސް ޔާމީނުގެ އަޑުއެހުންތައް ފުލުފުލުގައި ތާވަލުކޮށްގެން އަންނަނީ ކުރިއަށް ގެންދަމުންނެވެ.

މި މައްސަލަ އަވަސްކުރަމުންދަނީ މިހާރު ހައިކޯޓުގައި އޮތް ރައީސް ޔާމީނުގެ އިސްތިއުނާފީ މައްސަލަ ނިމުމުގެ ކުރިން ކުރިމިނަލް ކޯޓު މެދުވެރިކޮށް އެމަނިކުފާނުގެ މައްޗަށް އިތުރު ހުކުމެއް އިއްވުމުގެ ބޭނުމުގައިކަމަށް އިދިކޮޅު ކޯލިޝަނުން އަންނަނީ ތަކުރާރުކޮށް ބުނަމުންނެވެ.

މި ލިއުމާއި ގުޅޭ