Thursday 25th Jul 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ސޯލިހް

ހުރިހާ ރަށަކުން ރައީސަށް މަރުހަބާ ކިޔަނީ އެއް ބައެއް؟

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އަތޮޅުތެރެއަށް ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުތަކުގައި، ތާއީދު ނެތް ރަށްރަށުން އެމަނިކުފާނަށް މަރުހަބާ ކިޔަން ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުން ގެންދާކަން ގިނަ ބައެއްގެ ސަމާލުކަމަށް އައިސްފި އެވެ.

ދެވަނަ ދައުރެއް ހޯއްދެވުމަށް ރައީސް އިބްރާހީމް އަތޮޅުތެރެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އިއްޔެ ހއ. އަތޮޅަށް ވަޑައިގަތުމުން އެ އަތޮޅު ތުރާކުނާއި ހޯރަފުށިން ރައީސަށް މަރުހަބާ ކިޔަން އެއް ބަޔަކު ނުކުމެ ތިބި ފޮޓޯތައް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

ދެރަށުން އެކަކު ރައީސަށް މަރުހަބާ ކިޔަން ގޮސް ހުރި ފޮޓޯ ސޯޝަލް މީޑިއާގައި ހިއްސާކޮށް، ހިޔާލު ފާޅުކުރި މީހަކު ވަނީ އެއީ މަޝްހޫރު ފިލްމީ ތަރި ޔޫސުފް ރަފީއުގެ "ދިރިއުޅުމަކީ މީބާ" ޑްރާމާގައި ވާކަހަލަ ގޮތެއް ކަމަށް ބުނެ ހަޖޫ ޖަހާފަ އެވެ.
"ދިޔަރެސް" އަށް އެނގިފައިވާ ގޮތުގައި އެ ރަށްރަށުން ރައީސަށް މާ ބޮޑު ތާއީދެއް ނެތުމުން، އެމަނިކުފާނަށް މަރުހަބާ ކިޔަން ގެންގޮސްފައި ވަނީ އެހެން ރަށްރަށުގެ ސަރުކާރު ކުންފުނިތަކުގައި މަސައްކަތްކުރާ މުވައްޒަފުންނެވެ.

މި އަހަރުގެ ކުރީކޮޅު އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް ރައީސް އިބްރާހީމް އަތޮޅުތެރެއަށް ކުރެއްވި ދަތުރުފުތަކުގެ ތެރެއިން ވެސް ދެ ރަށަކުން އެއް ބަޔަކު އެމަނިކުފާނަށް މަރުހަބާ ކިޔަން ގޮސް ތިބި ފޮޓޯތައް ސޯޝަލް މީޑިއާގައި ދައުރުވި އެވެ.

އަންނަ ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕެއިން މި މަހު 9 ވަނަ ދުވަހު ރައީސް ފެއްޓެވީ ށ. ކޮމަންޑޫ އިންނެވެ. އެރަށުގައި ކެމްޕެއިން ފެށުމަށް ބޭއްވި ޖަލްސާ އަށް މީހުން ގިނަ ކުރުމުގެ ގޮތުން ނ. މާފަރާއި، އެ އަތޮޅު ކެނދިކުޅުދޫގައި މަސައްކަތް ކުރާ ފެނަކަ މުވައްޒަފުން ގެންދިޔަކަން ވެސް މި ނޫހަށް ވަނީ ކަށަވަރުވެފަ އެވެ.

މީގެ ކުރިން ވެސް އެތައް ފަހަރަކު ރައީސްގެ ކެމްޕެއިން ޖަލްސާ ތަކަށް، ކައިރި ރަށްރަށުގެ ފެނަކަ އަދި އާރުޑީސީ ފަދަ ސަރުކާރު ކުންފުނިތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ގެންގޮސްފައިވެ އެވެ.

ރިޔާސީ އިންތިހާބު ކުޑަތަން ވެފައި ވާއިރު، ކޯލިޝަން އެމްޑީއޭއާއި އަދާލަތު ޕާޓީއާއެކު ރައީސް އިބްރާހީމް މިހާރު އަތޮޅުތެރެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގެ ތެރެއިން އެމަނިކުފާނު ގެންދަނީ ރަށްރަށަށް ގިނަ ވައުދުތައް ވަމުންނެވެ.

މި ލިއުމާއި ގުޅޭ