ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ނަންފުޅުގައި ޞާލިޙު ހިމެނުނަސް އެމަނިކުފާނަކީ ޞާލިޙު ބޭފުޅެއް ނޫންކަން އެނގިވަޑައިގެންނެވި ގޮތް، އަދާލަތު ޕާޓީގެ އެކްޓިވިސްޓު ޑރ.މުޙައްމަދު އިޔާޒު އަބްދުއްލަތީފުގެ ބައްޕަ ކަޅުބެ އަބްދުއްލަތީފު ޅެންބަހުރުވައިން ވިދާޅުވެދެއްވައިފިއެވެ.
ކަޅުބެ އަބްދުއްލަތީފަކީ އޭނާގެ ޖީލުގެ ކުޅަދާން ޅެންވެރިއެކެވެ. ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމުގެ ވެރިކަމުގައި އެމަނިކުފާނުގެ ސަރުކާރާ ދެކޮޅަށް ޅެންބަހުރުވައިން ޚިޔާލުފާޅުކުރައްވައި ފާޑުވިދާޅުވި ބޭފުޅުންގެ ތެރޭގައި ކަޅުބެ އަބްދުއްލަތީފު ހިމެނިވަޑައިގަންނަވައެވެ. ހެޔޮ މީހުންނަށް ރަނގަޅު ބޭފުޅެއްގެ ގޮތުގައި ގިނަ ބަޔަކު ދަންނަ އަބްދުއްލަތީފުގެ ޅެން މީސްމީޑިއާގައި އަންނަނީ ދައުރުވަމުންނެވެ.
ޅެން ފައްޓަވަމުން އަބްދުއްލަތީފު ވިދާޅުވެފައިވަނީ:
ޞާލިޙެއް ނޫންކަން މަށަށް އެނގުނީ މަޤާމަށް އައި ފަހުން
ބޯހިކެން ނެތްހާ ބޮޑަށް އިތުރަށް ދަނިތައް ނެގި ފަހުން
އެ ބައިތުގައި ލަތީފު ވިދާޅުވީ ރައީސް އިބްރާހީމުގެ މަޤާމަށް ވަޑައިގަތުމުގެ ކުރިން އެމަނިކުފާނަކީ ހެޔޮލަފާ ރަނގަޅު ބޭފުޅެއްކަމަށް ހީވެފައި އޮތް ހީ ފިލައިގެންގޮސް އެމަނިކުފާނަކީ ޞާލިޙެއް ނޫންކަން ސާފުވީ އެމަނިކުފާނު މަޤާމަށް ވަޑައިގެން ބޯނުހިކޭ މިންވަރަށް ދަރަނި ނެގުމުން ކަމަށެވެ.
އަދި ރައީސް އިބްރާހީމަކީ ޞާލިޙެއް ނޫންކަން އެނގިވަޑައިގަތީ،
ހޯދި މިނިވަންކަން މިތާނގައި ކާބަފައިން ޤުރުބާންވެގެން
މޯދިއާ ގުޅިގެން ނަގާލަން ޑީލުތައް ގިނަ ހެދި ފަހުން، ކަމަށްވެސް ލަތީފު ވިދާޅުވިއެވެ. އެބައިތުގައި އޭނާ ކަންބޮޑުވުން ފާޅުކުރެއްވީ ރާއްޖޭގެ ސިޔާދަތާއި މިނިވަންކަން ގެއްލިގެންދާނެފަދަ ސިއްރު އެއްބަސްވުންތައް އަވައްޓެރި އިންޑިއާގެ ހަރުކަށި ހިންދުތުވާ ފިކުރުގެ ބީޖޭޕީ ސަރުކާރާއެކު ހަދައިގެން އުޅޭ އުޅުމާމެދުއެވެ.
ހުކުރު ޙައްޖެއް ލިބުނު ހިނދުގައި އަންހެނުން ބުރުގާ އަޅާ
ހުތުރު ކަމަކަށް ދެކި ބުރުގާ ނަގައި އެއްލައިލުމުން
ރައީސް އިބްރާހީމަކީ އަދާލަތު ޕާޓީން ސިފަކުރާ ފަދަ ސާލިހު ވެރިއެއް ނޫންކަން ބަޔާންކޮށްދެއްވަން ރައީސްގެ އާއިލީ ދިރިއުޅުމުން މިސާލެއް ފާހަގަކޮށްދެއްވައި އަބްދުއްލަތީފު ފާހަގަކުރެއްވިކަމަކީ ހައްޖަށް ވަޑައިގެން އެމަނިކުފާނުގެ އަނބިކަނބަލުން ތުރުކުރެއްވި ބުރުގާ ހައްޖު ނިމުމުން ނެންގެވުމެވެ.
އަދި ރައީސް އިބްރާހީމުގެ ނަންފުޅުގައި ޞާލިޙު އޮންނަ އޮތުމަކުން އެމަނިކުފާނު ޙަޤީޤީ ޞާލިޙަކަށް ނުވާކަން އަބްދުއްލަތީފަށް އެނގިވަޑައިގަތީ އެމަނިކުފާނުގެ އުޅުއްވުން ހުންނަ ގޮތުންކަމަށްވެސް އޭނާގެ ޅެމުގައި ވިދާޅުވެފައިވެއެވެ.
އެއިރު އޮޅިގެން ވޯޓުދެވިގެން ވެރިކަމަށް ފަހުން
ބޭރު މީހުން ރުއްސުމަށް ރާއްޖޭގެ މަސްކަނޑު ދިން ފަހުން،
އެހެންނަމަވެސް ރައީސް އިބްރާހީމަކީ ޞާލިޙު ބޭފުޅެއް ނޫންކަން އެނގިވަޑައިގަތީ ވޯޓުދީގެން މަޤާމަށް ހޮވިވެވަޑައިގެންނެވި ފަހުންކަމަށް ވިދާޅުވެ، އަބްދުއްލަތީފު ވިދާޅުވީ އެކަން ވިސްނިވަޑައިގެންނެވިއިރު ރާއްޖޭގެ މަސްކަނޑުވެސް ބޭރު މީހުން ރުއްސަން ދެއްވާފައިވާ ކަމަށެވެ.
"ޙުރުމަތެއް ދީނަށް ނުވާނަމަ، ޤައުމަކަށް އަދި މީހަކަށް
ޚިދުމަތަށް ތެދުވެރި ނުވާނޭކަން އެއީ ކަށަވަރު ކަމެއް،" މުޅި ޅެން ނިންމަވައިލައްވަމުން ރައީސް އިބްރާހިމުގެ ހިތްޕުޅުގައި ޤައުމަށް އަދި ދީނަށް އަދި އެހެން މީހުންނަށްވެސް ހުރުމަތެއް ނުހުންނަކަމަށް ލަތީފު ވިދާޅުވިއެވެ.
ލަތީފު މިފަދައިން ވިދާޅުވެފައިވާއިރު، އޭނާގެ ޅެމުގައި ފާހަގަކުރެއްވި އެއްވެސް ކަމެއް ޑރ.އިޔާޒަށް އެނގިވަޑައިގެން، ފެނިވަޑައިގަންނަވާކަމަށް ނުވެއެވެ. މިވެރިކަމުގައި ހިނގި ނުބައިކަމެއް އޮތްކަމަށް ޑރ.އިޔާޒު ދެކެވަޑައިނުގަންނަވައެވެ. ޑރ.އިޔާޒަކީ އާދަޔާ ޚިލާފަށް ސަރުކާރަށް ސަނާ ވިދާޅުވާ ބޭފުޅެކެވެ.