ފާއިތުވި 2022 ވަނަ އަހަރު ނިންމާނެކަމަށް ސަރުކާރުން ބުނި ހއ. ތުރާކުނުގައި ބިން ހިއްކުމުގެ މަސައްކަތް ޕްލޭންކުރެވިފައިވާ ގޮތަށް "ފައްޓަވާނެކަމަށް" ރައީސުލްޖުމުހުރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.
ސަރުކާރުން ވެބްސައިޓް އައިލްސްގައި ބުނެފައިވާގޮތުން ތުރާކުނު ބިން ހިއްކުމުގެ މަޝްރޫއުގެ މަސައްކަތް ފަށާފައިވަނީ 1 އޮކްޓޫބަރު 2019 ގައެވެ.
އެކަމަކު އެއީ ދޮގެއްކަން މިހާރު މިވަނީ ހާމަވެފައެވެ. ތުރާކުނު ބިން ހިއްކުމުގެ މަސައްކަތް ސަރުކާރު ކުންފުނި އެމްޓީސީސީއާ ހަވާލުކޮށްފައިވަނީވެސް އިއްޔެއެވެ.
ސަރުކާރު ވެބްސައިޓުގައިވާގޮތުން އެރަށު ބިން ހިއްކުމުގެ މަސައްކަތް ނިންމާނެކަމަށް ބުނެފައިވަނީ ނިމިދިޔަ 2022 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހުއެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިން ޖަލްސާ ހއ.ތުރާކުނަށް ވަޑައިގެން އެރަށުގައި މިއަދު ވާހަކަ ދައްކަވަމުން ރައީސް އިބްރާހިމް ވިދާޅުވެފައިވަނީ އެރަށުގެ ބިން ކުޑަވެގެން މި ސަރުކާރުން މިހާރު ވާނީ އެ ވައުދުވީގޮތަށް ކޮންޓްރެކްޓްކޮށް އެމްޓީސީސީއާ ހަވާލުކޮށްފައިކަމަށެވެ.
ރައީސް އިބްރާހިމް މިފަދައިން ވިދާޅުވިނަމަވެސް އެއީ ކަނޑައެޅިގެން އިތުރު ފުޅެކެވެ. އެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިއަދު އެމަނިކުފާނު އެރަށަށް ވަޑައިގަންނަވަން ހަމަޖެހިފައިވާތީ އިއްޔެއެވެ.
ރައީސް އިބްރާހިމް އިތުރަށް ވިދާޅުވީ އެމްޓީސީސީއަކީ މަސައްކަތް ވަރަށް ފުރިހަމައަށް ކުރަމުންދާ ކުންފުންޏެއްކަމަށާއި އެކުންފުންޏަކީ ބުނާ ގަޑިއަށް ފަށުމުގެ އަދި ބުނާ ގަޑިއަށް ނިންމުމުގެ ކެޕޭސިޓީ ހުރި ކުންފުންޏެއް ކަމަށެވެ.
"ޕްލޭންކުރެވިފައި ހުރިގޮތަށް އެރަށުގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ލަސްތަކެއްނުވެ ފަށާނެކަމުގެ ޔަގީންކަން އަޅުގަނޑަށް މިހާރު އެބަ އޮތް، އޭރުން ތިބޭފުޅުން ތި ބޭނުންވާ ބިމުގެ ދަތިކަމަށް ހައްލެއް ލިބޭނެ" ރައީސް އިބްރާހިމް ވިދާޅުވެފައިވެއެވެ.
ރައީސް އިބްރާހިމްގެ އިތުރުން އެ ދާއިރާގެ މެންބަރު އަހްމަދު ސަލީމްވެސް ތުރާކުނު ބިން ހިއްކުމުގެ މަޝްރޫއާ ގުޅިގެން ވާހަކަ ދައްކަވާފައިވެއެވެ. ސަލީމް ވިދާޅުވީ ތުރާކުނުގެ ބިންހިއްކުމުގެ މަޝްރޫއު އެވޯޑްކުރީ 164.2 މިލިއަން ރުފިޔާއަށް ކަމަށާއި އެ މަސައްކަތް ނުކޮށް މީގެ ކުރިން އޮތީ އެކަމުގެ އަގު ބޮޑުވުމުގެ ސަބަބުންކަމަށެވެ.
ސަލީމް މިފަދައިން ވިދާޅުވި ނަމަވެސް ތުރާކުނު ބިން ހިއްކުމަށް މި އަހަރުގެ ބަޖެޓުގައި ކަނޑައަޅާފައިވަނީ 252,000 ރ. އެވެ. އަދި އެ މަޝްރޫއަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވަނީ 504,000ރ. އެވެ. އެ އަގަކީ އެ މަސައްކަތަށް ބޭނުންވާނޭ ސާމާނު އެރަށަށް ގެންދެވޭ ވަރަށް ވުރެވެސް ކުޑަ އަދަދުތަކެއްކަން ފާހަގަކޮށްލެވެއެވެ.
އެހެންކަމުން މި އަހަރުވެސް އެ މަސައްކަތް ފެށިދާނެކަމަށް ނުބެލެވެއެވެ.