އުތުރު ކޮރެއާއިން އެގައުމުގެ އިރުމަތީ ކަނޑުގެ ސަރަހައްދަށް ދެ ބެލިސްޓިކް މިސައިލް ފޮނުވާލާފައިވާ ކަމަށް ޖަޕާނާއި ދެކުނު ކޮރެއާގެ އަސްކަރިއްޔާއިން ބުނެފި އެވެ.
ޖަޕާނުގެ ދިފާއީ ވުޒާރާއިން ބުނީ ބުދަ ދުވަހުގެ ފަތިހު ފޮނުވާލި ދެ މިސައިލް ވެސް ޖަޕާނުގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯނުގެ ބޭރުން ވެއްޓިފައިވާ ކަމަށް ބެލެވޭ ކަމަށެވެ.
ދެކުނު ކޮރެއާގެ ޖޮއިންޓް ޗީފްސް އޮފް ސްޓާފް (ޖޭސީއެސް) އިން ވަނީ އުތުރު ކޮރެއާއިން މިފަދަ ހަރަކާތްތައް ހުއްޓާލުމަށް ގޮވާލާފައެވެ.
ޖޭސީއެސްއިން ނެރުނު ބަޔާނެއްގައި ބުނީ އުތުރު ކޮރެއާއިން ޖެހިޖެހިގެން ބެލިސްޓިކް މިސައިލް ފޮނުވާލުމަކީ ކޮރެއާ ޕެނިންސިއުލާގެ އިތުރުން ބައިނަލްއަގްވާމީ މުޖުތަމައުގެ ސުލްހަ މަސަލަސްކަމަށް ބުރޫއަރާ ފަދަ ހަރުކަށި އަމަލުތަކެއް ކަމަށާއި އެއީ އދ.ގެ ސަލާމަތީ މަޖިލީހުގެ ގަރާރުތަކާ ކަނޑައެޅިގެން ހިލާފު އަމަލެއް ކަމަށެވެ.
ޖަޕާނުގެ ޑިފެންސް މިނިސްޓަރު ޔަސުކަޒޫ ހަމާދާ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ ފުރަތަމަ މިސައިލް 50 ކިލޯމީޓަރު (31 މޭލު) އުސްމިނަށް ގޮސް 550 ކިލޯމީޓަރު (341 މޭލު) ގެ ރޭންޖަކަށް ދަތުރުކުރި އިރު، ދެވަނަ މިސައިލް 50 ކިލޯމީޓަރު ގެ އުސްމިނަކަށް އަރައި 600 ކިލޯމީޓަރު (372 މޭލު) އުދުހިފައިވާ ކަމަށެވެ.
އަދި މިސައިލް ފޮނުވާލުމާ ދެކޮޅަށް ޖަޕާނުން ޑިޕްލޮމެޓިކް ޗެނަލްތައް މެދުވެރިކޮށް އިހުތިޖާޖު ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އުތުރު ކޮރެއާއިން މި ހަމަލާތައް ފޮނުވާލާފައިވަނީ އެޤައުމުން އެންމެ ފަހުގެ ހުވާސޮންގް-18 ސޮލިޑް ފިއުލް އިންޓަކޮންޓިނެންޓަލް ބެލިސްޓިކް މިސައިލް ޓެސްޓްކުރިތާ ހަފުތާއެއްހާ ދުވަސް ފަހުންނެވެ.
ދެކުނު ކޮރެއާގެ ޔޮންހަޕް ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި މިސައިލް އުދުއްސާލީ ސޯލް އާއި ވޮޝިންޓަން އިން ނިއުކްލިއާ ކޮންސަލްޓޭޓިވް ގްރޫޕް (އެންސީޖީ) ގެ ފުރަތަމަ ބައްދަލުވުމަށް ފަހު އެވެ.
ޔޮންހަޕް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ބައްދަލުވުމަކީ 1981 ވަނަ އަހަރުގެ މާޗް މަހު ޔޫއެސްއެސް ރޮބަޓް އީ ލީއަށް ފަހު އެމެރިކާގެ ނިއުކްލިއާ ގާބިލްކަން ހުރި ސްޓްރެޓެޖިކް ސަބްމެރިން (އެސްއެސްބީއެން) އިން ކުރި ފުރަތަމަ ބަނދަރަށް ޔޫއެސްއެސް ކެންޓަކީ އައި ދުވަސްވަރެވެ.
އެމެރިކާގެ އަސްކަރިއްޔާއިން ބުނީ މިސައިލް އުދުއްސާލިކަން ބުދަ ދުވަހުގެ ހެނދުނު އެނގުނު ކަމަށާއި، އެ ގައުމުގެ ބައިވެރިންނާއި ވަރަށް ގާތުން މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.
އެމެރިކާގެ އިންޑޯ-ޕެސިފިކް ކޮމާންޑުން ނެރުނު ބަޔާނެއްގައި ބުނީ މި ލޯންޗްތަކަކީ އެމެރިކާ އަށް ނުވަތަ އެ ގައުމުގެ ބައިވެރިންނަށް ވަގުތުން ނުރައްކަލެއް އޮތް ކަމެއް ކަމަށް ނުފެނުނު ނަމަވެސް، މި ހާދިސާތަކުން އުތުރު ކޮރެއާއިން ހިންގާ ގަވައިދާ ހިލާފަށް ހަތިޔާރު ގެނައުމުގެ ޕްރޮގްރާމުގެ ސަބަބުން ނުތަނަވަސްކަން އުފެދޭ މިންވަރު ހާމަވާ ކަމަށެވެ.