އިސްތިއުފާ ނުދެއްވާނެ ކަމަށާއި، ދެން އަންނަ ދައުރަކަށް ވެސް ކްލަބްތަކުގެ އިތުބާރު އޮތް ނަމަ ކުރިމަތިލެއްވުމަށް ނިންމަވާފައިވާ ކަމަށް ފުޓުބޯޅަ އެސޯސިއޭޝަންގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެއެވެ.
ގިނަ ދުވަސްތަކަކަށް ފަހު އިއްޔެ މީޑިއާތަކާއި އެކު ބޭއްވި ބައްދަލުވުމެގައި ބައްސާމް ވިދާޅުވީ އޭނާ މަގާމުގައި މިހާރު ވެސް ހުންނެވީ މެމްބަރު ކްލަބްތަކުގެ ތާއީދާ އެކު ކަމަށެވެ.
ރާއްޖޭގެ ފުޓުބޯޅަ ވަރަށް ބޮޑަށް އަޑިއަޅާފާއިވާ މިދަނޑުވަޅުގައި ގިނަ ބަޔަކު އަންނަނީ ބައްސާމްގެ އިސްތިއުފާއަށް ގޮވާލަމުންނެވެ. އެކަމާއި ގުޅިގެން ނޫސްވެރިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ބައްސާމް ވިދާޅުވީ އެފްއޭއެމްގެ ރައީސް ކަމުގެ މަގާމަށް އާދެވުނީ ވެސް މެމްބަރު ކްލަބްތަކުން އޭނާ އަށް އެފުރުސަތު ދިނުމުން ކަމަށެވެ.
އެކްލަބްތަކުގެ އިތުބާރު އޮތްހާ ދުވަހަކު އެމަގާމުގައި ހުންނަވާނެ ކަމަށް ބައްސާމް ވިދާޅުވިއެވެ. އެގޮތުން ދެން އަންނަ ދައުރަކަށް ވެސް އެ ކްލަބްތަކުން އެދިއްޖެ ނަމަ ކުރިމަތި ލައްވާނެ ކަމަށެވެ.
އެފްއޭއެމްގެ ހިންގުން ގޯސްވެ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވާއިރު، އެކަމާގުޅިގެން ބައްސާމް ވިދާޅުވީ އެފްއޭއެމްގެ ހިންގުން ގޯސްވީ ސަރުކާރުން ދެމުންގެން ގެންދިޔަ ފައިސާ ހުއްޓާލުމާއި ކޮވިޑާއި ގުޅިގެން ކުންފުނިތަކުން ދެމުން ގެންދިޔަ ސްޕޮންސާތައް ހުއްޓާލުމާއި ގުޅިގެން ކަމަށެވެ. އޭގެ ސަބަބުން 30 މިލިއަނުން އެފްއޭއެމްގެ ދަރަނިވެރި ވެގެންދިޔަ ކަމަށެވެ.
އޭގެ ސަބަބުން ކްލަބްތަކަށާއި އަމިއްލަ ފަރާތްތަކަށް އަދި ތަނުގެ މުވައްޒަފުންނަށް އެޕްއޭއެމްއިން ދޭން ޖެހޭ ފައިސާ ނުދެވި ގޮސްފައިވާ ކަމަށެވެ. ނަމަވެސް ކުރިޔަށް އޮތް ދެމަހެއްހާ ދުވަސްތެރޭގައި ހުރިހާ ދަރަނިތަކުން އަރައިގަނެ ކުރިޔަށް އޮތްތާނގައި ހިންގުން ރަނގަޅު ކުރެވިގެންދާނެ ކަމަށް ބައްސާމް ވިދާޅުވިއެވެ.
ފުރަތަމަ ޑިވިޝަނުގެ ކްލަބްތަކުގެ ރައީސުން އެފްއޭއެމްގެ އެކްސްކޯގައި ތިއްބެވިއިރު އެމީހުންގެ ތާއީދު ގެއްލުމަށް ވުރެ ނުގެއްލުން ގާތެވެ. ސަބަބަކީ ބައްސާމް އާއެކު އެ މެމްބަރުންގެ މަގާމުވެސް ގެއްލިދާނެ ކަމުގެ ބިރަށް ވެސް އެކަން އެގޮތަށް ނުވާނެ ކަމަށް ފުޓުބޯޅައިގެ ތަޖްރިބާކާރުން ލަފާކުރެއެވެ.
އެހެން ނަމަވެސް އެފްއޭއެމްގެ މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ ނުހައްގު މުއްސަނދިކަމާއި ދުވަހެއް ދުވަހަކަށް ފުޓުބޯޅަ އަޑި އަޅާލާފައިވާތީ ގިނަ އާންމުން ބުނަމުންދަނީ ބައްސާމް އާއި އޭނާގެ މެނޭޖްމަންޓް ފެއިލްވެއްޖެ ކަމަށެވެ. އެހެންކަމުން ބައްސާމް ހިމެނޭހެން މުޅި މެނޭޖްމަންޓް އިސްތިއުފާ ދޭން ޖެހޭނެ ކަމަށް ގިނަ ބަޔަކު ބުނެއެވެ.