Thursday 16th Jan 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިސްލާމްދީން

ނަބަވީ ހިޖްރަ ..... ކީއްވެ؟ ކިހިނެއް؟ ކޮން އިރަކު؟

ދުވަސްތަކާއި މަސްތައް ދައުރު ވަމުންދާއިރު އަހަރުތައް ފާއިތުވަމުން ދެއެވެ. ފާއިތުވަމުންދާ ދުވަސްތަކާއި މަސްތަކުގައި ޒިކުރާތަކާއި ޢިބްރަތްތައް ވެއެވެ. ހާސާވެގަންނަން ޖެހޭ ނަފަޙާތުތައް ވެއެވެ.

މި ގޮތުން ބަލާއިރު މުސްލިމުންގެ އައު އަހަރު ފެށޭ ދުވަހަކީ މުސްލިމުން ފާހަގަކުރާ މުހިއްމު މުނާސަބަތެކެވެ. މުޙައްރަމު މަހުގެ މުލަ ދުވަހެވެ.ކީރިތި ރަސޫލާصلى الله عليه وسلم މާތްﷲގެ ރިސާލަތާއި ދަޢުވަތަށް ޓަކައި އަމިއްލަފުޅު ވަޒަން ދޫކުރައްވާ މަދީނާއަށް ހިޖްރަކުރެއްވި ހިޖްރަކުރެއްވުމުގެ ހަނދާންތައް އައުވެގެންދާ ދުވަހެވެ. އިސްލާންދީން ފެތުރިގެން ދިޔުމުގެ މަރްޙަލާގެ ދޮރޯށި ކަމުގައި ވާތީއެވެ. މުސްލިމުން އުންމަތަކަށް ހަދައިދިން ބަހާކަމުގައިވާތީއެވެ. ރަސޫލާ صلى الله عليه وسلمގެ ރިސާލަތު ޢާލަމުތަކަށް ވާޞިލްކޮށްދިން ރާސްތާ ހުޅުވައިލަދިން ތަޅުދަނޑި ކަމުގައިވާތީއެވެ.

- ޤުރައިޝުން މައްކާގައި މުސްލިމުންނަށް ކުރަމުންދިޔަ ތަފާތު ބާވަތްތަކުގެ ދުއްތުރާތައް އިތުރުވެ ޙައްދުފަހަނަޅައި ދިޔުން : މުސްލިމުންގެ ޢަދަދު މައްކާގައްޔާއި ޢަރަބިކަރައިގައި މަޑުމަޑުން ނަމަވެސް އިތުރުވަމުން އަންނަ ތަން ޤުރައިޝުންނަށް ފެނުމުން ބާރުގެ ތިލަފަތް މުސްލިމުންގެ ފަރާތަށް ބުރަވަމުންދާ ތަން ޤުރައިޝުންނަށް ފެނުނެވެ. މި ކަމުގެ ސަބަބުން ޤުރައިޝުންގެ ދީނީ އިޤްތިޞާދީ އަދި އިޖްތިމާޢީ މަރްކަޒާއި މަޤާމު އެމީހުންގެ އަތުން ބީވެގެން ހިނގައިދާނެ ކަމުގެ ބިރު ބޮޑުވެގެން ދިޔައެވެ. އިސްލާމްދީން އައިސްފައިވަނީ ހަތުރުވެރިކަމާއި ރުޅުވެރިކަމާއި އަނިޔާވެރިކަމުގެ މަތީގައި ޤައިމުކޮށްފައިވާ އިޖްތިމާޢީ ނިޒާމު ނައްތައިލުމަށެވެ. ވާޖިބުތަކާއި ޙައްޤުތަކުގައި ސާހިބުންނާއި އަޅުން ހަމަހަމަކަން ބަޔާންކުރުމަށެވެ. މިއީ ޤުރައިޝުންގެ ބޮޑުންނާއި އިސްވާރުން ބަލައިގަންނަން ބޭނުންވާ ކަމެއް ނޫނެވެ. މިއީ މުޖްތަމަޢުގައި އޮތް އެމީހުންގެ އާރާއި ބާރު ނައްތައިލާނެ ކަމަކަށް ވާތީއެވެ. އިސްލާމްދީނަށް ވަންނަމުންދާ މީހުންގެ ޢަދަދު އިތުރުވަމުން އައިވަރަކަށް އެމީހުން މުސްލިމުންނަށް ދެމުންދިޔަ ގޯނާތައް އިތުރުކުރިއެވެ. މުސްލިމުންނަށް ފުރައްސާރަކޮށް ދަތިކުރުން އިތުރުކުރިއެވެ. ކީރިތި ރަސޫލާ ދީނަށް ގޮވައިލެއްވުމަށް ޓަކައި ޠާއިފަށް ވަޑައިގެންނެވި ދުވަހު މުޝްރިކުން ޢަމަލުކުރި ގޮތް ދަލީލަކަށް ފުދެއެވެ. އިތުރު އެކަލޭގެފާނު ޒަޚަމުކޮށްލައި އިސްލާމްދީނުގެ ދަޢުވަތު ބަލައިނުގަންނާނެކަން އިޢުލާން ކުރިއެވެ.

- އިސްލާމީ ދަޢުވަތު މައްކާއިން ބޭރަށް ފެތުރުއްވުން : އިސްލާމީ ރިސާލަތަކީ ވަކި ޤަބީލާއަކަށް ވަކި ރަށަކަށް ފޮނުއްވި ދަޢުވަތެއް ނޫނެވެ. އަދި ކިއެއްހެއްޔެވެ؟ އެއީ ޢާލަމުތަކަށް ފޮނުއްވި ރިސާލަތެކެވެ. އެހެންކަމުން މި ދީނުގެ ދަޢުވަތު މައްކާއިން ބޭރުގައި ފެތުރުމަށް ފާލަމަކަށް ބޭނުންވިއެވެ. މި ފާލަމުން ލައިފައި މި ދަޢުވަތު ދުނިޔޭގެ ކަންކޮޅުތަކަށް އުދުއްސައިލުމަށް ޓަކައެވެ. މި ދަޢުވަތު ފެތުރުމަށް ޓަކައި މައިމަރްކަޒަކަށް ބޭނުންވިއެވެ. މި މައިމަރްކަޒަކީ މަދީނާއެވެ. ކައު ރަސޫލާ މަދީނާއަށް ވަޑައިގަތުމުގެ ކުރިން ވަނީ މަދީނާ މި ކަމަށް ތައްޔާރުކުރައްވައިފައެވެ. މަދީނާގެ ބަޔަކު މި ދީނަށް ޓަކައި ޤުރްބާންވުމަށް ވަނީ ތައްޔާރުވެފައެވެ. ކީރިތި ރަސޫލާ ފޮނުއްވައިގެން މުޞްޢަބު ބިން ޢުމަރުގެފާނު މަދީނާއަށް ވަޑައިގެން މި ދީނުގެ އަސާސުތައް ވަނީ މަދީނާގައި ޤާއިމުކުރައްވައިފައެވެ. އެކަލޭގެފާނަށް މަދީނާއިން އިސްލާމްދީން ދެކެ ލޯބިވާ އިސްވާރުންތަކެއް ލިބިވަޑައިގެންނެވިއެވެ. މުސްލިމުންގެ ބާރުތައް ވަރުގަދަކުރައްވައި އިސްލާމްދީން މުޅި ދުނިޔެއަށް ފެތުރުއްވުމަށް ޓަކައި މަރްކަޒަކަށް ހެއްދެވުމަށް ޓަކައި މަދީނާއަށް ހިޖްރަކުރެއްވުން ޟަރޫރަތަކަށް ވަނީ ވެފައެވެ.

ކިހިނެއް؟

މަދީނާއަށް ހިޖްރަކުރެއްވުމަކީ ޚުދްމުޚްތާރު ޤަރާރެއްނޫނެވެ. އެއީ ދިރާސާކުރުމެއްނެތް ޖަޒްބަތީ ފިޔަވަޅެއްނޫނެވެ. އެއީ ބަޔަކުދެކެ ރުޅިއައިސްގެން ރުޅިގަނޑުބާލައިލުމެއްވެސް ނޫނެވެ. ހިޖްރައަކީ އެންމެ ޢުންޞުރެއް ދެ ޢުންޞުރެއްގެ މަތީގައި އެޅުނު ފިޔަވަޅެއް ނޫނެވެ. އެއީ ވަރަށް އިސްތިރާތީޖީ ޤަރާރެކެވެ. މި ޤަރާރު ކަނޑައެޅުމުގައި އެތައް ޢުންޞުރުތަކެއް ބައިވެރިވިއެވެ.
ހިޖްރައަކީ ހަމައެކަނި މަޤްޞަދެއްނޫނެވެ. އެއީ ހަމައެކަނި ޙާޞިލް ކުރަން ބޭނުންވި އެދުމެއް ވެސް ނޫނެވެ. އެހެނަސް މި ޤަރާރު ކަނޑައެޅުމުގައި އެތައް ލަނޑުދަނޑިތަކަކާއި އެތައް ޒުރޫފުތަކަކާއި އެތައް ބަހާތަކެއް ބައިވެރިވެފައި ވެއެވެ. މި ފިޔަވަޅު ރަސޫލާ صلى الله عليه وسلم އަޅުއްވައިފައި ވަނީ އެންމެ އެކަށީގެންވާ ރަށަށާއި ވަގުތަށް ބައްލަވައިގެންނެވެ. މި ޤަރާރުގެ ވެރި ފަރާތަކަކީ އާދައިގެ މީހެއްނޫނެވެ. އެހެނަސް އެއީ ﷲ ސުބްޙާނަހޫ ވަ ތަޢާލާ ޢާލަމުތަކަށް ރަޙްމަތެއްކަމުގައި ފޮނުއްވި މާތް ރަސޫލާއެވެ. އެއީ އަމާނާތްތެރި ތެދުވެރި ޤާއިދެކެވެ. މަތިވެރި މުޢައްލިމެކެވެ. އެންމެންގެ ލާމަސީލު ނަމޫނާއެކެވެ. މުޢުޖިޒާތްތަކުގެ ވެރި ނަބީބޭކަލެކެވެ. ﷲގެ އަމުރުފުޅާއި އިޒުންފުޅާ އެއްގޮތަށް ރޭވުންތައް ރޭއްވެވި ﷲގެ މުޞްޠަފާއެވެ. ހިޖްރައިގެ ރޭވުންތައް ވެފައިވަނީ ޢާންމު އަމުރުވެރިކަމެއްގެ ދަށުގައި ރާވައި ތަންފީޒު ކުރެވުނު ހަނގުރާމައިގެ ޚާއްޞަ މަސައްކަތަކަށެވެ. ރޭވުންތައް ރޭއްވެވީ އެކަލޭގެފާނެވެ. ޗާޓުތައް ކަނޑައެޅުއްވީ އެކަލޭގެފާނެވެ. ރާސްތާތައް ހަމަޖެއްސެވީ އެކަލޭގެފާނެވެ.

މުހިއްމު ރޭވުންތައް

- ސިއްރިއްޔަތު : ކީރިތި ރަސޫލާ ހިޖްރަކުރެއްވުމުގެ ޤަރާރަކީ ވަރަށް ސިއްރު ޤަރާރެކެވެ.ރަސޫލާގެ އެންމެ އަރިސް ބޭކަލުންނަށް ވެސް އެކަމާ ބެހޭގޮތުން އެއްވެސް މަޢުލޫމަތެއް ނުދެއްވަވައެވެ.

- ވަގުތު އިޚްތިޔާރު ކުރެއްވުން : ކީރިތި ރަސޫލާ ހިޖްރަކުރެއްވުމުގެ ޤަރާރު ކަނޑައެޅުއްވީ މާތް ﷲ އެކަމަށް އިޒްނަފުޅުދެއްވުމުން ދާޚިލީ ވެށީގެ ޙާލަތު ތަޙްލީލުކުރައްވައި ދިރާސާކުރެއްވުމަށް ފަހުގައެވެ.

- ހިޖްރައާ ބެހޭގޮތުން ޤަރާރު ކަނޑައެޅުއްވުމުގައި ގިނިކަންޏާއެވެ.

- ހިޖްރަކުރައްވަން ބޭނުންފުޅުވާ ތަން ތައްޔާރުކުރެއްވުން : ކީރިތި ރަސޫލާ މަދީނާ އިޚްތިޔާރު ކުރެއްވީ ދީނީގޮތުންނާއި ސަލާމަތީ ގޮތުންނާއި އިޤްތިޞާދީ ގޮތުން އެ ތަނުގެ ޙާލަތު ރަނގަޅަށް ދިރާސާކުރެއްވުމަށްފަހުގައެވެ.އެ ތަން ރަނގަނޅަށް ތައްޔާރުކުރެއްވުމަށްފަހުގައެވެ.

- ހިޖްރައަށް ބޭނުންވާ ހުރިހާ ވަސީލަތްތަކެއް ތައްޔާރުކުރެއްވުން .މި ވަސީލަތްތަކުގެތެރޭގައި އިންސާނީ ވަސީލަތްތަކާއި މާއްދީ ވަސީލަތްތަކާއި މާނަވީ ވަސީލަތްތައް ވެއެވެ.

- ޢަޤީދާއާއި ޙައްޤާއި އީމާންކަމަށް ޓަކައި މައްކާއިން މަދީނާއަށް ދަތުރުފުޅުކުރެއްވުމަށް ބޭނުންފުޅުވާ ހިޖްރައިގެ އާލިއްޔަތު ކަނޑައެޅުއްވުން

- ހިޖްރައިގެ އެންމެ މަތިވެރި ލަނޑުދަނޑި ކަނޑައެޅުއްވުން : ކައު ރަސޫލާގެ ހިޖްރައަކީ އެއް ރޭ އެއް ދުވާލުގެތެރޭގައި ނިންމެވިނިންމެވުމެއްނޫނެވެ. މައްކާގެ ޙާލަތާ އެއްގޮތަށް އިޞްލާޙުތައް ގެންނެވޭތޯ އެތައް މަސައްކަތްޕުޅުތަކެއް ވަނީ ކުރައްވައިފައެވެ. މި މަސައްކަތްޕުޅުތަކުން އެދިވަޑައިގެންނެވި ނަތީޖާއެއް ވަނީ ނުނުކުމެފައެވެ.

- ހިޖްރައިގެ މަގުޗާޓު ކުރެއްސެވުން. އެއްވެސް ހިރާސަކާއި ނުރައްކަލާނުލައި އޮމާންކަމާއެކު ހިޖްރައިގެ އެންމެހާ ކަންތައްތައް ތަންފީޒުކުރެއްވުމަށް ޓަކައި އެކަލޭގެފާނު ހިޖްރައިގެ މަގުޗާޓެއް ކުރެއްސެވިއެވެ.

- އެކަށީގެންވާ މީހާއަށް އެކަށިގެންވާ މަސައްކަތް ޙަވާލުކުރެއްވުން : މި އަސާސުގެ މަތިން ރަސޫލުﷲގެފާނު ހިޖްރައިގެ މަސައްކަތްތައް ބެއްސެވިއެވެ. ( މިސާލަކަށް އެ ރޭ އެކަލޭގެފާނުންގެ ދާންމަތިކޮޅުމަތީގައި ޢަލީގެފާނު އަވަހާރަފުޅުލައްޕަވަން ހަމަޖެއްސެވުން، ޤުރައިޝުންގެ ޚަބަރުތައް ހޯއްދަވައިގެން ގެންނެވުން ޢަބްދުﷲ ބިން އަބީބަކްރުގެފާނު ، އޮޅުވައިލުމާއި އަސަރުތައް ފުހުމުގެ މަސައްކަތް ޢާމިރު ބިން ފުހައިރާ، ފަރިއްކޮޅު ތައްޔާރުކުރެއްވުމާއި އެ ފަރިއްކޮޅު ގެންނެވުން އަސްމާއު ބިންތި އަބީބަކްރުގެފާނު ، ދަތުރުގެ އަރުކާޓީއަކަށް ޢަބްދުﷲ ބިން އުރައިޤަޠު . އޭނާ އޭރު އަދި އިސްލާމްވެވަޑައެއް ނުގަންނަވައެވެ. )

ކޮންއިރަކު

ރަސޫލާ صلى الله عليه وسلم މަދީނާއަށް ހިޖްރަކުރެއްވުމަށް ޓަކައި މައްކާއިން ނުކުމެވަޑައިގަތީ ރަސޫލުކަމުގެ 13 ވަނަ އަހަރުގެ ޞަފަރުމަހުގެ 27ވަނަ ދުވަހުއެވެ. އެއީ މީލާދީން623 ވަނައަހަރުގެ ސެޕްޓެންބަރު މަހުގެ 13 ވަނަ ދުވަހެވެ. މައްކާއިން ނުކުމެވަޑައިގަތީ ހުކުރުވިލޭރޭގައެވެ. ޘައުރު ފަރުބަދައިގެ ހޮހަޅައިގައި ހުކުރުވިލޭރެއާއި ހޮނިހިރުވިލޭރެއާއި އާދީއްތަވިލޭރޭ ތިއްބަވައިފައި މި ހޮހަޅައިން ނުކުމެވަޑައިގަތީ ހޯމަވިލޭރޭގައެވެ. އެއީ ރަސޫލުކަމުގެ 14 ވަނަ އަހަރުގެ ރަބީޢުލްއައްވަލު މަހުގެ ފުރަތަމަ ދުވަހެވެ. އެއީ ސެޕްޓެންބަރު މަހުގެ 16ވަނަ ދުވަހެވެ. ޤުބާއަށް ވަޑައިގެންނެވުނީ ރަބީޢުލް އައްވަލުމަހުގެ އަށްވަނަ ދުވަހުއެވެ. އެއީ ހޯމަދުވަހެކެވެ. މަދީނާއަށް ވަޑައިގެންނެވުނީ ރަބީޢުލްއައްވަލު މަހުގެ12 ވަނަ ދުވަހުގައެވެ.

ހިޖްރައިގެ ރާސްތާ

ހިޖްރައިގެ ރާސްތާއަކީ ރަސޫލުﷲގެފާނު މައްކާއިން މަދީނާއަށް ދަތުރުފުޅުކުރެއްވި މަގެވެ. ޤުރައިޝުންނަށް އޮޅުވައިލެއްވުމަށާއި އެމީހުންގެ ގޯނާތަކަށް ހާސާވެވަޑައިނުގަންނަވާންވެގެން އެކަލޭގެފާނު ދަތުރުފުޅު ކުރެއްވީ ޢާންމުން ދަތުރުކޮށް އުޅުނު މަގަކުންނެވެ. ޚަދީޖަތުގެފާނުންގެ ގެކޮޅުން ނުކުމެވަޑައިގެން ޘައުރު ފަރުބަދައަށެވެ. މިފަރުބަދައިގެ ހޮހަޅައިގައި ދަތުރުގެ ބައިވެރިޔާ އަބޫބަކްރުގެފާނާއެކު 3 ދުވަހު ތިއްބެވުމަށް ފަހު ދަތުރުފުޅު ކުރެއްވީ ޤުބާއަށެވެ. މިއީ ދަތުރުފުޅުގެ އެންމެ ފަހު އިސްޓޭޝަނެވެ.އެކަލޭގެފާނު 8 ދުވަހުގެތެރޭގައި 380ކީލޯމީޓަރުގެ ދިގު ރާސްތާއެއް ކަޑައްތުކުރެއްވިއެވެ.ދަތުރުފުޅު ނިމުނީ އަބޫ އައްޔޫބުލް އަންޞާރީގެފާނުގެ ގެކޮޅަށެވެ.

މި ލިއުމާއި ގުޅޭ