Thursday 16th Jan 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް

އިސްލާމިކް މިނިސްޓްރީގެ ސިޔާސި މުވައްޒަފުންގެ ނަންތައް 5 ދުވަހުގެ ތެރޭގައި ހާމަކުރަން އަންގައިފި

އިސްލާމިކް މިނިސްޓްރީގައި މަސައްކަތްކުރާ ސިޔާސީ މުވައްޒަފުންގެ ނަންތަކާއި އަދަދު ފަސް ދުވަހުގެ ތެރޭގައި ހާމަކުރުމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ރައިސް އޮފީހަށް އަންގައިފިއެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން "ދިޔަރެސް"އިންވަނީ އިސްލާމިކް މިނިސްޓްރީގައި މަސައްކަތްކުރާ ސިޔާސީ މުވައްޒަފުންގެ މައުލޫމާތު ހޯދުމަށް އެ ވުޒާރާގައި އެދިފައެވެ. އެ މައުލޫމާތު ހާމަކުރުމަށް ހުށަހެޅުމުން މިނިސްޓްރީންވަނީ އެ މައުލޫމާތު ހާމަކުރަން އެންމެ އެކަށީގެންވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންކަމަށް ބުނެ އެ އޮފީހަށް އެ ހުށަހެޅުން ބަދަލުކޮށްފައެވެ.
ރައީސް އޮފީހަށް ހުށަހެޅުން ބަދަލުކުރި ފަހުން މައުލޫމާތު ހާމަކުރުމަށް އޮންނަ މުހުލަތު ހަމަވި ފަހުން، ރައީސް އޮފީހުންވަނީ އިސްލާމިކް މިނިސްޓްރީގައި ތިއްބެވި ސިޔާސީ ބޭފުޅުންގެ މުސާރައާއި އިނާޔަތުގެ ތަފުސީލުކަމަށް ބުނެ ޝީޓެއް ހިއްސާކޮށްފައެވެ. އެ ޝީޓުގައި ބަޔާންކޮށްފައިވަނީ ސިޔާސީ މަޤާމުތަކުގެ މުސާރަތައް އެކަންޏެވެ.
ނަމަވެސް އެ ޝީޓުގައި މިނިސްޓްރީގައި ތިބި ސިޔާސީ މުވައްޒަފުންގެ އަދަދުތައް އެނގޭކަށް ނެތެވެ. މީގެ ކުރިންވެސް ސަރުކާރުންވަނީ ޚާރިޖީވުޒާރާގެ ސިޔާސީ މުވައްޒަފުންގެ އަދަދާއި ނަންތައް ހާމަކުރަން ދެކޮޅުހަދާފައެވެ. ސަރުކާރުގެ ފަރާތުން އެ މައްސަލާގައި ބުނެފައިވަނީ ސިޔާސީ މުވައްޒަފުންގެ ތެރެއިން ކެބިނެޓު ވަޒީރުންނާއި ސްޓޭޓު މިނިސްޓަރުންނާއި ނައިބުވަޒީރުން ފިޔަވައި އެހެން ސިޔާސީ މުވައްޒަފުންގެ ނަންތަކަކީ ހާމަކުރަންނުޖެހޭނެ ޒާތީ މައުލޫމާތު ކަމަށެވެ.
އިސްލާމިކް މިނިސްޓްރީގެ ސިޔާސީ މުވައްޒަފުންގެ ނަންތަކާއި ވަނަވަރާއި މަޤާމުގެ މަސްއޫލިއްޔަތުތައް ހޯދުމަށް "ދިޔަރެސް"އިން އެދުމުން ރައީސް އޮފީހުން ދިން ޖަވާބުގައި ބުނެފައިވަނީ އެ މައުލޫމާތަކީ، މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ 23 ވަނަ މާއްދާގެ (ހ)ގެ ދަށުން ހާމަނުކުރެވޭނެ މައުލޫމާތު ކަމަށެވެ.

އެ މައުލޫމާތު ހާމަ ނުކުރުމާއި ގުޅިގެން މިއަދު އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގައި ބެއްވި އަޑުއެހުމުގައި "ދިޔަރެސް"ގެ ފަރާތުން ފާހަގަކޮށްފަިއވަނީ ރައީސް އޮފީހުން އެ މައުލޫމާތު ހިފަހައްޓާފައިވަނީ ޒާތީ މައުލޫމާތު ރަނގަޅު ނޫންގޮތަކަށް މާނަކޮށްގެން ކަމަށް ގަބޫލުކުރެވޭކަމަށެވެ.

އަދި ދިވެހިރާއްޖޭގެ ހައިކޯޓުން ޒާތީ މައުލޫމާތު ކަމުގައި ބެލެވޭނެ ގޮތްތައް ކަނޑައަޅާ މާނަވެސް ކޮށްފައިވާކަމަށާއި ސިޔާސީ މުވައްޒަފުން ނުވަތަ ދައުލަތުގައި ތިބޭ ޕަބްލިކް އޮފިޝަލުންގެ ނަން ތަކަކީ ޒާތީ މައުލޫމާތަށް ނުވާނެކަމަށް "ދިޔަރެސް"ގެ ފަރާތުން ފާހަގަކުރިއެވެ.

މިކަމާއި ގުޅިގެން އިންފޮމޭޝަން ކޮމިޝަނަރު އާހިދު ވިދާޅުވީ އެ އޮފީހުގެ މީގެ ކުރިން ނިންމުމެގައިވެސް އެފަދަ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ ނަންތަކަކީ ދޫނުކޮށް ހިފެހެއްޓޭނެ މައުލޫމާތެއް ނޫންކަމަށް ނިންމާފައިކަމަށާއި އެފަދަ މައުލޫމާތަކީ ޒާތީ މައުލޫމާތެއް ނޫންކަމަށް މިހާރު ކަނޑައަޅާފައިވާކަމަށެވެ. އެހެން ކަމުން އެއީ ހާމަ ކުރަން ޖެހޭ މައުލޫމާތެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

އެކަން ފާހަގަކުރައްވާ އާހިދު ވަނީ ރައީސް އޮފީހުން ދިން ޖަވާބު ފުރިހަމަ ނޫންކަމަށް ކަނޑައަޅުއްވާފައެވެ. އަދި އިސްލާމިކް މިނިސްޓްރީގެ ސިޔާސީ މުވައްޒަފުންގެ ނަންތައް 5 ދުވަހުގެ ތެރޭގައި މައުލޫމާތު ހޯދަން އެދުނު ފަރާތަށް ފޯރުކޮށްދިނުމަށް އާހިދު ވަނީ ރައީސް އޮފީހަށް އަންގަވާފައެވެ.

އިސްލާމިކް މިނިސްޓްރީގައި ތިއްބަވާ ސިޔާސީ މުވައްޒަފުންގެ ނަންތައް ހާމަކުރަން ސަރުކާރުން ދެކޮޅު ހަދާފައިވާއިރު 2013 ވަނަ އަހަރު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ކެމްޕެއިން ކުރެއްވީ ދެފުށް ފެންނަ މައުލޫމާތު ހާމަކުރާ ހާމަކުރަން ބޮޑު ސަރުކާރެއް ޤާއިމުކުރެއްވުމަށް ކަމުގައިވީ ނަމަވެސް މުހިއްމު ގިނަ މައުލޫމާތުތަކެއް ހާމަކުރުމަށް ސަރުކާރުގެ އެކި އިދާރާތަކުން އަންނަނީ ދެކޮޅުހަދަމުންނެވެ.

މި ލިއުމާއި ގުޅޭ