މިސަރުކާރުން ހިންގި ބޮޑެތި ވައްކަންތަކުގެ ތެރޭގައި ހިމެނޭ ވެންޓިލޭޓަރުގެ ވައްކަމަކީވެސް މިހާރު ނުހިނގާ ކަމަކަށް ހަދާ އެކަން ނިންމާލައިފި ކަމަށް ރައްޔިތުން މަޖިލިހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.
ކޮވިޑް ދުވަސްވަރު 75 ވެންޓިލޭޓަރު ގަތުމަށް ބޭރުގެ ކުންފުންޏަކާ ހަވާލު ކުރުމުގައި ކޮރަޕްޝަން ހިންގައި އިހުމާލުވި ކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި ދައުވާ ނުކުރަން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވަނީ ނިންމައިފައެވެ.
އެކަމަށް އިޝާރާތް ކުރައްވައި މިރޭ ކުރެއްވި ޓްވީޓެއްގައި އުޝާމް ވިދާޅުވީ ވެންޓިލޭޓަރުގެ ވައްކަމަކީވެސް ނުހިނގާ ކަމަކަށް ހަދާ ނިންމާލީ ކަމަށެވެ. މިގައުމުގަ ވައްކަމާ ކޮރަޕްޝަން ނުހުއްޓިގެން އުޅެނީ މިފަދަ ނިންމުންތަކުގެ ސަބަބުން ކަމަށް އުޝާމް ވިދާޅުވިއެވެ.
"މިގައުމުގަ ވައްކަމާ ކޮރަޕްޝަން ހުއްޓުވަން ބޭނުންވާނަމަ ކުރިއަށް މިއޮތް އިންތިހާބުގަ މިސަރުކާރަށް ރައްޔިތުން ނޫނެކޭ ބުނަން އެބަޖެހޭ" އުޝާމް ވިދާޅުވިއެވެ.
ކޮވިޑް ދުވަސްވަރު 75 ވެންޓިލޭޓަރު ގަތުމަށް ބޭރުގެ ކުންފުންޏަކާ ހަވާލު ކުރުމުގައި ކޮރަޕްޝަން ހިންގައި އިހުމާލުވި ކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި މީގެ ކުރިން 3 ފަހަރެއްގެ މަތިން އެންޓި ކޮރަޕްޝަން ކޮމިޝަނުން ތަހުގީގުކޮށް ޕީޖީއަށް ދައުވާކުރަން ފޮނުވާފައިވެއެވެ. ކޮންމެ ފަހަރަކުވެސް ޕީޖީން ވަނީ އަލުން އިސްލާހުކޮށްފައި ފޮނުވުމަށް އޭސީސީގައި އެދިފައެވެ. އެންމެ ފަހުން އޭސީސީން ޕީޖީއަށް މި މައްސަލަ ފޮނުވީ 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައެވެ.
ވެންޓިލޭޓަރު ތަކާ ގުޅިގެން ސަރުކާރުން ފުރަތަމަ ބުނަމުން އައީ އެ ވެންޓިލޭޓަރުތައް ގަންނަން ހަވާލުކުރީ ދުނިޔޭގެ ސިއްހަތާ ބެހޭ ޖަމިއްޔާގެ ލަފާގެ މަތިން ހޯދި ކުންފުންޏަކަށް ކަމަށެވެ. އަދި ސަރުކާރުގެ ތަރުޖަމާނު މަބްރޫކް ތަކުރާރުކޮށް އެހެން ވިދާޅުވެ ރައްޔިތުންނަށް އޮޅުވާލަމުން ގެންދިޔައެވެ. އެހެން ނަމަވެސް ފަހުން އެއީ ދޮގުކަން ވަނީ ފަޅާއަރާފައެވެ. އަދި ވެންޓިލޭޓަރު ގެނައުމުގެ ނަމުގައި ހިންގާފައިވަނީ ކޮރަޕްޝަންގެ އަމަލެއްކަން ހާމަވިއެވެ.
މި މައްސަލާގައި އޭސީސީން އެންމެ ފުރަތަމަ ކުރީގެ ހެލްތު މިނިސްޓަރު އަމީން ހިމެނޭހެން 11 މީހަކަށް ދައުވާކުރަން ފޮނުވިއެވެ. އެހެން ނަމަވެސް ހެކި ނެތް ކަމަށްބުނެ ޕީޖީން މައްސަލަ އަނބުރާ ފޮނުވާލުމުން އަލުން އޭސީސީން ދައުވާކުރަން ފޮނުވީ ހެލްތު މިނިސްޓްރީގެ ކުރީގެ ނައިބު ސ. ފޭދޫ ޕިންކް ހައުސް ޝިޔާމާ މުހައްމަދާއި އެ މިނިސްޓްރީގެ ކުރީގެ ޑިރެކްޓަރު ތ. ކިނބިދޫ ބޯގަންވިލާ، އަހުމަދު އަސްލަމްގެ އިތުރުން އެ މިނިސްޓްރީގެ ކުރީގެ ލީގަލް އޮފިސަރު ލ. ގަން، ފެއަރީގާޑެން އަލީ ޝިހާމްގެ މައްޗަށެވެ.