Friday 22nd Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިންޑިޔާ ހައިކޮމިޝަން

އިންސާފުވެރި އިންތިޚާބަކަށް އިންޑިއާ އިންތިޚާބާ ކައިރިވިޔަނުދިނުން ލާޒިމު!

ދިވެހިރާއްޖޭގެ މުސްތަޤުބަލު ކަނޑައަޅާ ރިޔާސީ އިންތިޚާބަކީ 5 އަހަރުން އެއް ފަހަރު ދިވެހިންގެ ކަންކަން ދިވެހިން އަމިއްލައަށް ދިވެހިން އެދޭ ގޮތަކަށް ނިންމަން ލިބޭ ފުރުސަތެކެވެ. ނަމަވެސް އެ ފުރުސަތު އިންސާފުވެރިކަމާއި ހުޅުވާލެވިފައިވާ ގޮތެއްގައި ދިވެހިންނަށް ކަށަވަރުވާނީ އެ ފުރުސަތުގެ ތެރެއަށް އެހެން ބަޔަކު އަތް ބާނަން ޖާގަ ނުލިބޭނަމައެވެ. އެއްވެސް އެހެން ބަޔަކު ރާއްޖޭގެ އިންތިޚާބުގެ ތެރެއަށް އަތް ބާނަން ފުރުސަތު ނުދިނުމަކީ އިންސާފުވެރި އިންތިޚާބަކަށް އެންމެ މުހިއްމު އެއް ކަމެވެ.

ރިޔާސީ އިންތިޚާބު ކުޑަތަންވެފައިވަނިކޮށް އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މަނޫ މަހާވަރަން އިލެކްޝަންސް ކޮމިޝަނަށް ވަޑައިގެން އެ ކޮމިޝަނުގެ މެންބަރުންނާ ބައްދަލުކުރައްވައިފިއެވެ. ބޭނުންފުޅެއްކަމަށް ރަސްމީކޮށް އިވެނީ އިންތިޚާބުގެ ކަންކަން ބަލައި އޮބްޒާވުކުރަން އިންޑިއާއިން ބޭނުންވުމެވެ. ނަމަވެސް އިންތިޚާބުގައި އެފަދަ ފުރުސަތެއް ލިބިއްޖެނަމަ އިންޑިއާއިން ކުޅޭނެ ދައުރާމެދުވެސް ސަމާލުވާންޖެހެއެވެ.

އިންޑިއާއާއި އެހެން ޤައުމުތަކާ ތަފާތު

އިންޑިއާއަކީ އިންތިޚާބު އޮބްޒާވުކުރާ އެހެން ޤައުމުތަކާއި، ޖަމްއިއްޔާ ޖަމާއަތްތަކާ މުޅިން ތަފާތު ޤައުމެކެވެ. ތަފާތުވަނީ އިންޑިއާއިން ރާއްޖެއާމެދު ދެކޭ ގޮތާއި، ރާއްޖޭގެ ދާޚިލީ ސިޔާސީ މަސްރަހާ އިންޑިއާ ލާމެހިފައި އޮތް ގޮތެވެ. އިންޑިއާގެ ސަފީރާއި އެހެން ޤައުމުތަކުގެ ސަފީރުންނާވެސް ތަފާތެވެ. ތަފާތުވަނީ އިންޑިއާގެ ސަފީރު އުޅުއްވާ ގޮތާއި އެހެން ޤައުމުތަކުގެ ސަފީރުން އުޅުއްވާ ގޮތުންނެވެ.

އިންޑިއާއިން ރާއްޖޭގެ ސިޔާސީ މަސްރަހުގައި މަސައްކަތްކުރަނީ ރެފުރީއެއްގެ ގޮތުގައެވެ. ރާއްޖޭގެ ދާޚިލީ ސިޔާސީ ކަންކަމުގައި ގޮތް ނިންމުމުގެ މަރުހަލާތަކުގައި ޝާމިލުވެ، ގޮތް ކިޔައިދީ ބުނެދީ މަގުދައްކައިދޭ އާރުކާޓީއެއްކަމަށް ހެދިގެން އިންޑިއާއިން އުޅޭނީ ގިނަ ދިވެހިން އެކަމާ ނުރުހުނަސް ފަރުވާލެއް ނެތިއެވެ.

ސަބަބެއް އެބައޮތެވެ. އިންޑިއާއިން ރާއްޖެއާމެދު ދެކޭ ގޮތް ތަފާތީއެވެ. އެހެން އެއްވެސް ޤައުމެއްގެ ތަޖުރިބާކާރު ޑިޕްލޮމެޓުން ރާއްޖެއަކީ އެ ބޭފުޅުންގެ ޤައުމުތަކުގެ "ބެކްޔާޑު"ކަމަށް ސިފަކުރައްވާ އަޑެއް ނީވެއެވެ. އަދި ރާއްޖޭގެ މައްޗަށް އެ ޤައުމުތަކުގެ ނުފޫޒު ކުޑަވާނެ ސިޔާސަތެއް ގެންގުޅުއްވާ ލީޑަރުންނަކީ އަދުއްވުން ނުވަތަ ޚާއިނުންކަމަށް ސިފަކުރާ އަޑެއްވެސް ނީވެއެވެ.

އިންޑިއާއިން ދެކޭ ގޮތުގައި ރާއްޖެއަކީ އެ ޤައުމުގެ ބެކްޔާޑެވެ. ރާއްޖޭގެ ސިޔާސީ މަސްރަހު ތަރުތީބުކުރުމުގައި އެ ޤައުމުގެ ބަހެއް އޮންނަ ގޮތަށް އެ ޤައުމުގެ ނުފޫޒު ރާއްޖޭގެ މައްޗަށް އޮތުމަށް އިންޑިއާއިން އަބަދުވެސް އެދެއެވެ. މިއީ އެ ޤައުމުގެ ތިންކްޓޭންކުތަކުން ޝާއިއުކޮށްފައިވާ އެތައް ލިޔުމެއްގައި ފާހަގަކުރި ކަންކަމެވެ. އަދި އިންޑިއާގެ ނުފޫޒު ރާއްޖޭގެ މައްޗަށް ކުޑަވާނެ ގޮތަކަށް ރާއްޖޭގެ ކަންކަން ތަރުތީބުކުރައްވާ ލީޑަރެއްނަމަ އެއީ އިންޑިއާއަށް އޮތް ނުރައްކަލެކެވެ. ކުރީގެ ރައީސުލްޖުމްހޫރިއްޔާ ރައީސް ޢަބްދުﷲ ޔާމީނު އިންޑިއާގެ ލިޔުންތެރިން ބޮޑު ނުރައްކަލެއްކަމަށް ސިފަކުރަނީ އެމަނިކުފާނުގެ ވެރިކަމުގައި ޗައިނާއާ ގުޅުން ބަދަހިކުރައްވައި، އިންޑިއާ ނޫން ޤައުމުތަކާއެކު ވިޔަފާރީގެ ގުޅުންތައް ޤާއިމުކުރައްވައި، އިންޑިއާގެ މައްޗަށް ބަރޯސާވެފައި އޮތް ދިވެހި ސިއްހީ ނިޒާމު ކޮޅަށް ޖައްސަވަން އުޅުއްވީމައެވެ. އެއީ އެމީހުންގެ ލިޔުންތަކުގައި އެމީހުން ފާހަގަކުރާ ކަންކަމެވެ.

އެހެންކަމުން ޔޫރަޕިއަން ޔޫނިއަނާއި ހުޅަނގުގެ ބައެއް ޤައުމުތަކާއި އިރުމަތީ އޭޝިޔާގެ ޤައުމުތަކުން ރާއްޖޭގެ އިންތިޚާބު އޮބްޒާވުކޮށް ބެލުމާއި، އިންޑިއާއިން އިންތިޚާބު އޮބްޒާވުކުރުމުގައި ތަފާތެއް އެބައޮތެވެ. އިންޑިއާއިން ރާއްޖޭގެ ސިޔާސީ ޕާޓީތަކާމެދު ނިއުޓްރަލް ނުވަތަ ވަކި އަތަކަށް ބުރަނުވާ ވިސްނުމެއް ނުގެންގުޅެއެވެ. އަދި އިންޑިއާއިން ތާއީދުކުރާ ކެނޑިޑޭޓުންތަކެއްވެސް ތިބެއެވެ. އެހެންވީމާ އިންޑިއާއަކީ ވަކި އަތަކަށް ބުރަނުވެ އިންތިޚާބުގެ ކަންކަން ބެލޭނެ ޤައުމެއް ނޫނެވެ.

އިންޑިއާގެ ސަފީރު އުޅުއްވަނީ ޑިޕްލޮމަސީގެ އުސޫލުތަކުން ބޭރުން

އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަޤާމުގައި ކޮންމެ ބޭފުޅަކު ހުންނެވި ނަމަވެސް ބަދަލުނުވާ ހަގީގަތެއް އޮވެއެވެ. އިންޑިއާގެ ސަފީރާއި އެހެން ޤައުމުތަކުގެ މަންދޫބުން އުޅުއްވާ ގޮތް މުޅިން ތަފާތުވުމެވެ. ކަންކަން ކުރައްވާ ގޮތާއި، އުޅުއްވާ އުޅުއްވުމުގައި އެހެން ސަފީރެއްގެ ކިނބައިން ނުފެންނަ އެތައް ކަމެއް އިންޑިއާ ސަފީރުގެ ކިނބައިން ފެނެއެވެ. ދެތިން ކަމެއް ދަންނަވައިލާނަމެވެ. ރާއްޖޭގެ ސިޔާސީ ލީޑަރުންނާ ދަންވަރު ގެކޮޅުގައި ބައްދަލުކުރެއްވުމާއި، ނޫސްވެރިންނާއި މީސްމީޑިއާ އެކްޓިވިސްޓުން ގެންދަވައިގެން ވަކިވަކިން ބާއްވަވާ ބައްދަލުވުންތަކާއި ކުރައްވާ ގޮތް ނޭނގޭ މަޝްވަރާއެވެ.

ހަމައެހެންމެ ދައުލަތުގެ އެކި އިދާރާތަކަށް ޒިޔާރާތްކުރައްވައި އެ އިދާރާތަކުގެ ވެރިންނާއެކު ވަކިވަކިން ބައްދަލުވުންތައް ބޭއްވެވުމަކީވެސް އިންޑިއާ ސަފީރު އެކަނި ކުރައްވާ ކަމެކެވެ. އެހެން ސަފީރުން ކަންކަން ކުރައްވަނީ މުޅިންވެސް ޚާރިޖީ ވުޒާރާ މެދުވެރިގެން ޑިޕްލޮމެޓިކް ޗެނަލްތަކުގެ ތެރެއިން، ހަމަޖެހިފައި ހުންނަ އިންތިޒާމުތަކާއި އުސޫލުތަކުގެ ތެރެއިންނެވެ. އިންޑިއާގެ ސަފީރުކަމުގައި ތިއްބަވާ ބޭފުޅުން ރަށްރަށަށް ވަޑައިގެން ކައުންސިލުތަކާވެސް ވަކިވަކިން ބައްދަލުކުރައްވަނީއެވެ. ރައީސް ޔާމީނުގެ ވެރިކަމުގައި އެކަން ބޮޑުވެގެން އެގޮތަށް ކައުންސިލުތަކުން ބައްދަލުކުރުން މަނާކުރިވެސްމެއެވެ.

މިފަދައިން އިންޑިއާ ސަފީރުން އުޅުއްވަނީ ކަމެއް ވެގެންނެވެ. އެ ބޭފުޅުންނަކީ އިންޑިއާގެ މަސްލަހަތު ތަމްސީލުކުރައްވަން ރާއްޖޭގައި ތިއްބަވާ ބޭފުޅުންނެވެ. އެ މަސްލަހަތު ދިފާއުކުރެއްވުމަށް އެއިރެއްގައި ކުރައްވަން ޖެހޭކަމަށް ދެކެވަޑައިގަންނަވާ ކޮންމެ ކަމެއް އެ ބޭފުޅުން ކުރައްވާނެއެވެ. ނަމަވެސް ސުވާލަކީ ރާއްޖޭގެ މަސްލަހަތުގައި ކުރަންޖެހޭ ކަންކަން ކުރާނީ ކާކު ކޮން މުއައްސަސާއަކުން ތޯއެވެ؟

އިންތިޚާބުތަކާ ކުޅުމަކީ މިއަދުގެ ސަގާފަތެއް

ބާރުގަދަ ޤައުމުތަކުން ކުދި ޤައުމުތަކުގެ އިންތިޚާބުތަކުގެ ތެރެއަށް އެއް ގޮތުން ނުވިނަމަ އަނެއް ގޮތުން ނުފޫޒު ފޯރުވުމަކީ މިއަދުގެ ދުނިޔޭގައި ފާހަގަވާ ކަމެކެވެ. އެމެރިކާގެ އިންތިޚާބުތަކަށް ވާދަވެރި ރަޝިޔާއިން ނުފޫޒު ފޯރުވާކަމަށް ތުހުމަތުކުރެއެވެ. ބައެއް ޤައުމުތަކުގެ އިންތިޚާބުތަކަށް އެމެރިކާއިން ނުފޫޒު ފޯރުވާކަމަށް އެ ޤައުމުތަކުން ތުހުމަތުކުރެއެވެ. އެކަން ކުރަނީ ފައިސާގެ އެހީތެރިކަން ބައެއް ޕާޓީތަކަށް ފޯރުކޮށްދީގެންނާއި، އިންތިޚާބުގައި މުހިއްމުވާ ނެރޭޓިވް ނުވަތަ އަސާސީ މައްސަލަތައް ކަނޑައެޅުމުގައި އެހީތެރިވެގެންނެވެ. އަދި ނުރަނގަޅު މައުލޫމާތު ފަތުރައިގެންވެސްމެއެވެ.

2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާ ގުޅޭ ގޮތުން އެމްޑީޕީގެ ކުރީގެ ރައީސް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެފައިވަނީ އެ އިންތިޚާބު އެ ޕާޓީއަށް ކާމިޔާބުވީ ކުޅަދާން އިންޑިއާގެ ޑިޕްލޮމެޓުންގެ ބުރަ މަސައްކަތުން ހުޅުވައިދިން ފުރުސަތުގެ ހަނި ކުޑަ ދޮރެއްގެ ސަބަބުން ކަމަށެވެ. މިއަދު އޮތް ހާލަތަށް ބަލާއިރު އިންޑިއާގެ ޑިޕްލޮމެޓުންނަށް އޮތީ ތަންމިނަށް ބޮޑު ދޮރެއް ހުޅުވައިދިނުމުގެ ފުރުސަތު ފަހިވެފައެވެ.

އިންތިޚާބުތަކަށް ނުފޫޒު ފޯރުވުމުގައި އިންޑިއާއިން ދައުރެއް އަދާކުރާ ވާހަކައަކީ ހަމައެކަނި ރާއްޖޭގައި ދެކެވޭ ވާހަކައެއްވެސް ނޫނެވެ. ނިމުނު އަހަރުގެ ޖުލައި މަހުގައި އަވައްޓެރި ސްރީލަންކާގެ ރައީސްގެ މަޤާމަށް ބޭފުޅަކު އައްޔަންކުރުމަށް އެ ޤައުމުގެ ބަރުލަމާނުގައި ނެގުނު ވޯޓަށް އިންޑިއާއިން ނުފޫޒު ފޯރުވިކަމަށް ލަންކާގެ މީޑިއާއިން ތުހުމަތުކުރިއެވެ. އިންޑިއާއިން އެ ތުހުމަތުތައް ދޮގުކުރި ނަމަވެސް ލަންކާގެ ބައެއް ސިޔާސީ ލީޑަރުން ތުހުމަތުކުރައްވާ ގޮތުގައި ރަނިލް ވިކްރަމަ ސިންހަ އެ މަޤާމަށް ގެނައުމަށް އިންޑިއާއިން އަޑިއަޑިން މަސައްކަތްކުރިއެވެ.

އަވައްޓެރި ނޭޕާލުގެ ބަރުލަމާނީ އިންތިޚާބުގައިވެސް އިންޑިއާއިން ނުފޫޒު ފޯރުވިކަމަށް އެ ޤައުމުގެ ބައެއް ސިޔާސީ ލީޑަރުން ތުހުމަތުކުރައްވައެވެ. މިހުރިހާ ތުހުމަތެއް އިންޑިއާއިން ދޮގުކުރެއެވެ. ސުވާލަކީ އަލިފާނެއް ނެތި ދުން އަރައިދާނެތޯއެވެ؟ އަޅުގަނޑަށް ޤަބޫލުކުރެވެނީ އަވައްޓެރި ދެތިން ޤައުމުން އެ ޤައުމުތަކުގެ އިންތިޚާބުތަކަށް އިންޑިއާއިން ނުފޫޒު ފޯރުވާކަމަށް ކުރާ ތުހުމަތަކީ އެއާމެދު ދިވެހިން ސަމާލުވުން ލާޒިމު ތުހުމަތުތަކެއް ކަމަށެވެ. ޚާއްޞަކޮށް އިންޑިއާއަށް ތަންމިނަށް ދައުލަތުގެ މުއައްސަސާތައް ހުޅުވާފައި އޮތް އިރެއްގައި އެކަމަށް ސަމާލުވުން މުހިއްމުވެފައި ބޭނުންތެރިއެވެ.

ދިވެހިންގެ ކަންކަން ނިންމަންވާނީ ދިވެހިން

އަވައްޓެރި ޤައުމެއްކަމަށްވިޔަސް، ބޭރުގެ ބޮޑު ބާރަކަށްވިޔަސް، ދިވެހިރާއްޖޭގެ ކަންކަން ނިންމުމުގެ އިޚުތިޔާރާއި ބާރު އޮންނަންވާނީ ދިވެހިންގެ އަތްމަތީގައެވެ. ދިވެހިރާއްޖެއާމެދު އެ ޤައުމަކުން ގެންގުޅޭ ވިސްނުމަކާއި ފިކުރަކަށް ރިއާޔަތްކޮށް އެ ޤައުމެއްގެ މަޤާމު އަދި އެ ޤައުމަކަށް ރާއްޖޭގައި އަދާކުރެވޭނެ ދައުރު ކަނޑައަޅާންވާނީ ދިވެހިންނެވެ. އިންތިޚާބީ ކަންކަމުގެ ތެރެއަށް އަތް ބޭނުމުގެ ފުރުސަތު އިންޑިއާއަށް ލިބިގެންނުވާނެއެވެ. އެއްވެސް ޤައުމަކަށް އެ މަގު ފަހިވެފައި އޮވެގެންނުވާނެއެވެ.

އިންތިޚާބުގެ ކަންކަން އޮބްޒާވުކުރުމުގެ މުއާމަލާތްތައް އެހެން ޤައުމުތަކުންވެސް ހިންގަނީ އެކަމާ ގުޅޭ އެއްބަސްވުންތަކުގެ ދަށުން އެ ޤައުމުގެ ކަމާ ބެހޭ އިދާރާތަކާއި ރާއްޖޭގެ ކަމާ ބެހޭ އިދާރާތަކާ މަޝްވަރާކުރެވިގެންނެވެ. އެއީ އެ ޤައުމުތަކުގެ ސަފީރުން އެކަމުގައި އުޅުއްވާ ތަން ފެންނަ ކަންކަމެއް ނޫނެވެ. ރާއްޖޭގައި އިންޑިއާ ނޫނަސް އެކި ޤައުމުތަކުގެ ސަފީރުން ތިއްބަވާއިރު ހުރިހާ މިނިވަން މުއައްސަސާއެއްގެ ތެރެއަށް އެހެން ސަފީރުން ވަދެވަޑައިނުގަންނަވައެވެ.

ދިވެހި ޤައުމުގެ މިސްރާބު ކަނޑައެޅުމަށް ނެގޭ ވޯޓާ އިންޑިއާ ބައި ފޫޓު ގާތްވުމަކީ އިންޑިއާއިން ކަންކަންކުރާ ގޮތާއި އިންޑިއާއިން މި ސަރަހައްދުގައި ގެންގުޅޭ "ބަޅާ ބާއީ" ނުވަތަ "ބިގް ބްރަދާ" ސިޔާސަތަށާއި ދަމަހައްޓަން މަސައްކަތްކުރާ ގަދަބަދަވިކަމުގެ ފަލްސަފާއަށް ނުރުހޭ އެކަަކުވެސް އެދޭނެ ޤަބޫލުވާނެ އަދި ރުހޭނެ ކަމެއް ނޫނެވެ.

މި ލިއުމާއި ގުޅޭ