މި ސަރުކާރުން މަގު ހެދުމަށް އުފެއްދި ކުންފުނި ރޯޑް ޑިވެލޮޕްމެންޓު ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓާ މޫސާ އަލިމަނިކާއި ކުންފުނީގެ ޗީފް ފައިނޭންޝަލް އޮފިސަރ ޔާސިރު ހަސަން ގުޅިގެން އެ ކުންފުނީގެ އެކައުންޓުން 13.8 މިލިއަން ރުފިޔާ ވަގަށް ނެގި މައްސަލައެއް ފުލުހުން ބަލަން ފަށައިފިކަމަށް ރިޕޯޓުކުރުމުން އެކުންފުނިން "ދިޔަރެސް"ގެ މައްޗަށް ދައުވާ ކުރަން ނިންމައިފިއެވެ.
އާރްޑީސީން މީޑިއާތަކަށ ްފޮނުވި މެސެޖެއްގައި ބުނެފައިވަނީ އެ ކުންފުންޏާމެދު ރައްޔިތުންގެ މެދުގައި އިތުބާރު ގެއްލު އެ ކުންފުނީގެ ނަމަށް ހުތުރުވާގޮތަށް މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމެއް ނެތި ހަގީގަތާއި ޚިލާފު ވާހަކަތަކެއް "ދިޔަރެސް"އިން ފަތުރަމުން ގެންދާކަމަށެވެ.
އެހެންވެ އެ ކުންފުންޏަށް ލިބެމުންދާ ގެއްލުން ހުއްޓުވުމަށް އެ ކުންފުނީގެ ފަރާތުން އެ މައްސަލަ ސިވިލް ކޯޓަށާއި މޯލްޑިވްސް މީޑިއާ ކައުންސިލަށް ހުށަހެޅުމަށް އެ ކުންފުނީގެ ބޯޑުން ނިންމާފައިވާކަމަށްވެސް އާރްޑީސީން ބުނެފައިވެއެވެ.
އެ މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައުމާއި ގުޅިގެން ތަހުގީގު ކުރަންފެށީ އެމްބެޒެލްމެންޓު އަދި މަނީލޯންޑަރިން މައްސަލައެއްގެ ގޮތުގައި ކަމަށް އެ މައްސަލަ ތަހުގީގުކުރާ ޓީމުގައި ހިމެނިވަޑައިގަންނަވާ ފުލުހުންގެ އޮފިސަރެއް މައުލޫމާތު ދެއްވިއެވެ.
މައްސަލައިގެ ތަހްގީގް ކުރިއަށް ގެންދަނީ ޖޮއިންޓް އިންވެސްޓިގޭޝަނެއްގެ ގޮތުގައި ފުލުހުންގެ އިތުރަށް އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެން ޔުނިޓު (އެފްއައިޔޫ) ގުޅިގެން ކަމަށްވެސް މައްސަލަ ތަހުގީގުކުރުމުގައި އުޅުއްވާ ފުލުސް އޮފިސަރު ވިދާޅުވި އެވެ. އޭނާ ކަށަވަރުކޮށްދެއްވި ގޮތުގައި އެ މައްސަލަ އެފްއައިޔޫގެ ސަމާލުކަމަށް އައިސް ބަލަމުންދާތާ މިހާރު 3 ވަރަކަށް މަސްވެއްޖެއެވެ.
އަދި އެ ތަހުގީގު ހުއްޓާލުމަށް މިހާރު ސީދާ ރައީސް އިބްރާހީމް މުހައްމަދު ޞާލިހު ފުލުހުންނަށް އަންގާފައިވާ ކަމަށް ފަހުން މި ނޫހަށް ވަނީ މައުލޫމާތު ލިބިފައެވެ.
ރައީސް އިބްރާހިމް އެ މައްސަލަ ތަހްގީގު ނުކުރަން އެންގެވިކަމަށް "ދިޔަރެސް"އިން ރިޕޯޓުކުރި ފަހުން ފުލުހުން ބައެއް މީޑިއާތަކަށް ބުނެފައިވަނީ ޔާސިރުގެ އެކައުންޓަށާއި މޫކޭގެ އެކައުންޓަށް ފައިސާ ޖަމާ ނުވާކަމަށެވެ.