އިދިކޮޅު އިއްތިހާދުގެ ލީޑަރު ރައީސް ޢަބްދުﷲ ޔާމީނުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކާއި ކުށް ސާބިތުވާކަމަށް ކަނޑައަޅާފައިވާ މައްސަލައާއި ސުޕްރީމް ކޯޓުން ބާތިލުކުރި ހުކުމާއި މިއަދުގެ ހާލަތަށް ބަލާއިރު، މި ޝަރީޢަތްތަކަކީ ދިވެހިރާއްޖޭގެ ތާރީޚުގައިވެސް އެންމެ އިއްތިފާޤުތައް ގިނަ ޝަރީޢަތްތައް ކަމުގައި ބުނެވިދާނެއެވެ. އަންނާން ތިބި ބަޔަކު ދިވެހިރާއްޖޭގެ ތާރީޚު ބަލައި ކިޔާއިރު މި ޝަރީޢަތްތަކުން ފެނުނު އިއްތިފާޤުތައް ލިޔެވި އެއްތަނުން ފެންނާން ހުރުމަކީ ބޭނުންތެރިކަމެއް ކަމުގައި ފެނެއެވެ.
ރައީސް ޔާމީނުގެ ވެރިކަން ނިމި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަން ފެށުމާއެކު، އެމްއެމްޕީއާރުސީ ޚިޔާނާތުގެ މައްސަލައާ ގުޅުވައިގެން ރައީސް ޔާމީނާ ދެކޮޅަށް ބޮޑު ތަހުގީގެއް ފެށިއެވެ. ފުރަތަމަ ތަހުގީގު ފެށީ ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތުދިން ކަމުގެ ތުހުމަތުގައެވެ. ދެން އިވުނީ އެމްއެމްޕީއާރުސީ ޚިޔާނާތުގެ ފައިސާ ލިބިވަޑައިގެންނެވިކަމުގެ ތުހުމަތުގައި އެމަނިކުފާނުގެ މައްޗަށް ދައުވާކުރާ ވާހަކައެވެ.
2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށްފަހުގައި ބޭއްވި އެންމެ މުހިއްމު އަދި އެންމެ ބޮޑު އިންތިޚާބުކަމަށްވާ 2019 ވަނަ އަހަރުގެ މަޖިލިސް އިންތިޚާބު ބޯމަތިވެގެން އައިއިރު އިދިކޮޅު އިއްތިހާދުގެ ލީޑަރު އިއްތިފާޤުން ހުންނެވީ ޖަލުގައެވެ. އެމަނިކުފާނު ބަންދުގައި ބަހައްޓާފައި ހުރި މައްސަލަ ކޯޓުތަކުގެ ތެރެއިން ގޮސް މިނިވަންވެވަޑައިގެން ގެކޮޅަށް ވަޑައިގެންނެވުނީ މަޖިލިސް އިންތިޚާބުގެ ވޯޓުލާން އޮތް ދުވަހުގެ ދެތިން ދުވަސްކުރިންނެވެ.
އެމްއެމްޕީއާރުސީ މެދުވެރިކޮށް އެސްއޯއެފު ނަމަކަށް ކިޔާ ކުންފުންޏަކަށް ދައުލަތަށް ލިބެންޖެހޭ ފައިސާ ދިނުމަށްފަހު، އެ ކުންފުނީގެ އެކައުންޓުތަކުން އެތައް ބަޔަކަށް އެ ފައިސާ ބަހައި ހުސްކުރި މައްސަލަ ތަހުގީގުކުރުމަށް ރައީސް އިބްރާހީމު އެކުލަވައިލި ރިޔާސީ ކޮމިޝަނުން ބޮޑު ލިސްޓެއް އެކުލަވައިލިއެވެ. އެ ލިސްޓު ވަކި ހިސާބަކުން އާންމުންނާ ހަމައަށް ތިލަވިއެވެ. މި ސަރުކާރުގެ ވަޒީރުންނާއި މިހާރުގެ މަޖިލިސް މެންބަރުންނާއި ސިޔާސީ ޕާޓީތަކުގެ ލީޑަރުން ހިމެނޭހެން 200 އަށްވުރެ ގިނަ މީހުންގެ ނަން އެ ލިސްޓުގައި އޮތެވެ.
ނަމަވެސް އެމްއެމްޕީއާރުސީ ޚިޔާނާތުގެ މައްސަލާގައި އެ ޚިޔާނާތުގެ މުގުލުގައި ތިއްބެވި ކުރީގެ ނައިބުރައީސް އަޙްމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތު ފިޔަވައި މި މައްސަލައާ ގުޅުވައިގެން ދައުވާއެއް ކުރެވި ޝަރީޢަތްކުރެވުނު ހަމައެކަނި ބޭފުޅަކީ ރައީސް ޔާމީނެވެ. ރައީސް ޔާމީނުގެ މައްޗަށް 3 މުއާމަލާތަކާ ގުޅިގެން ދައުވާކުރިއިރު އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާގެ ތުހުމަތުކޮށް ދައުވާކުރީ އެންމެ މައްސަލައެއްގައެވެ. އެ މައްސަލާގައި ހެކި ނެތްކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އޮތީ ކަނޑައަޅައި ބާތިލުކޮށްފައެވެ. އިއްތިފާޤަކުން އެމްއެމްޕީއާރުސީ ފައިސާ ލިބުނުކަމަށް ދައުލަތުން ތުހުމަތުކުރާ އެންމެންގެ ތެރެއިން ދައުވާކުރަން ފޮނުވުނީ ހަމަ އެންމެ ބޭފުޅެއްގެ މައްޗަށެވެ. އިއްތިފާޤަކުން އެ ބޭފުޅަކީ ރިޔާސީ އިންތިޚާބުގައި ރައީސް އިބްރާހީމާ ވާދަކުރައްވަން ހުންނެވި އެންމެ ވަރުގަދަ ކެނޑިޑޭޓެވެ.
ރައީސް ޔާމީނުގެ މައްޗަށް ފުރަތަމަ ހުކުމެއް އިއްވީ ގއ.ވޮޑަމުއްލަ ކުއްޔަށް ދިން މުއާމަލާތުގެ ފައިސާ އެމަނިކުފާނުގެ އެކައުންޓަށް އެސްއޯއެފް މެދުވެރިކޮށް ޖަމާކުރިކަމަށް ބުނާ މައްސަލާގައެވެ. އެމްއެމްޕީއާރުސީ ޚިޔާނާތުން އެމަނިކުފާނަށް ފައިސާއެއް ލިބިވަޑައިގެންނެވިކަމަށް ތުހުމަތުކުރާ ހަމައެކަނި މައްސަލައަކީ މި މައްސަލައެވެ. އެ މައްސަލާގައި ދަށު ކޯޓުން އިއްވި ހުކުމުގައި ނެތް ހެއްކަށް ބުރަދަން ދިނުމާއި، ހުރި ލިޔެކިޔުންތަކުގައި ނެތް ވާހަކަތައް ހުކުމުގައި ހިމެނުމާއި، އަދީބާއި ޒިޔަތުގެ ހެކިބަހަށް ބާރުދޭނެ އިތުރު ހެއްކެއް ނެތި ބުރަދަންދިނުން ފަދަ އެތައް މައްސަލައެއް ހުރިކަން ފާހަގަކޮށް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އެ ހުކުމް ބާތިލުކޮށްފައިވެއެވެ.
މި މައްސަލާގައި ރައީސް ޔާމީނުގެ މައްޗަށް ހުކުމެއް އިއްވެވިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ހުކުމްކުރެއްވި ފަނޑިޔާރުވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ޕްރޮމޯޓުކުރެވިފައެވެ. އޭނާ އެ މަޤާމަށް އައްޔަންކުރީ، މަތީ މަރުހަލާގެ ކޯޓެއްގައި ފަނޑިޔާރުކަން ކުރެއްވުމުގެ އެއްވެސް ތަޖުރިބާއެއް ނެތީސް، ހައިކޯޓުގައި ފަނޑިޔާރުކަން ކުރައްވައި އިސްތިއުނާފީ ކޯޓުގައި މަސައްކަތްކުރެއްވުމުގެ އެތައް އަހަރެއްގެ ތަޖުރިބާ ހާސިލުކުރައްވާފައި ތިއްބެވި ފަނޑިޔާރުން އެ މަޤާމަށް ކުރިމަތިލައްވާފައިވަނިކޮށެވެ. އޭނާ ސުޕްރީމް ކޯޓަށް ވަޑައިގަތުމަކީ އިއްތިފާޤެެކެވެ.
ދެން އޮތީ މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ 25 ވަނަ ދުވަހުގައި ރައީސް ޔާމީނުގެ މައްޗަށް އިއްވި 11 އަހަރުގެ ޖަލު ހުކުމެވެ. އެ ހުކުމުގައިވެސް ގިނަގުނަ މައްސަލަތައް އެބަހުރިކަމަށާއި، ފަނޑިޔާރު ކަނޑައެޅުއްވި ބައެއް ޤާނޫނީ އަސާސްތައް ކަނޑައެޅުއްވުމުގައި ހަވާލާދީފައިވާ ބޭރުގެ ޤަޟިއްޔާތަކަކީވެސް މުޅިން ނުގުޅޭ ޤަޟިއްޔާތަކެއްކަން ދިފާއުން އަންނަނީ ފާހަގަކުރަމުންނެވެ. އިޖުރާއީ މައުޟޫޢީ ބޮޑެތި ގޯސްތަކެއް އެހުކުމުގައި ހުރިކަމަށް ދިފާއީ ވަކީލުން އިސްތިއުނާފު މަރުހަލާގައި ފާހަގަކުރައްވަމުން ގެންދަވައެވެ.
އެ ހުކުމް ކުރެއްވިތާ 2 މަހެއްހައި ދުވަސް ނުވަނީސް ހުކުމްކުރެއްވި ކުރިމިނަލް ކޯޓުގެ އިސްޤާޟީ އަޙްމަދު ޝަކީލު ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންވެއްޖެއެވެ. އިއްތިފާޤަކުން އޭނާ އެ މަޤާމަށް ވަޑައިގަތީ ތަޖުރިބާއާއި އިލްމުގެ ގޮތުން އޭނާއަށްވުރެ އެތައް ތަނެއް ވަރުގަދަ ވަކީލުންނާއި ޤާޟީންނާ ވާދަކުރައްވައިގެން އެންމެ މަތިން މާކުސް ހޯއްދަވައިގެންނެވެ. އިނގިރޭސިބަހާއި އަރަބި ބަސްވެސް އެނގިވަޑައިނުގަންނަވާ ޝަކީލު، ބޭރުގެ ބޮޑެތި ޔުނިވާސިޓީތަކުން ކިޔަވައިވިދާޅުވި ބޭފުޅުންނަށްވުރެ މަޤާމަށް ކުފޫހަމަވުމަކީ އިއްތިފާޤެކެެވެ.
ރައީސް ޔާމީނުގެ މައްޗަށް ޑިސެންބަރު މަހުގައި އިއްވި 11 އަހަރުގެ ހުކުމަށްފަހު، މި އަހަރުގެ ފެބްރުއަރީ މަހުގައި އެ ހުކުމް އިސްތިއުނާފުކުރިއެވެ. މައްސަލައިގެ ފުރަތަމަ އަޑުއެހުމެއް ތާވަލުކުރެވުނީ ޖޫން މަހުގެ 7 ވަނަ ދުވަހަށެވެ. މައްސަލަ އިސްތިއުނާފުކުރިތާ 2 މަސް ފަހުންނެވެ. އިއްތިފާޤަކުން މައްސަލަ ތާވަލުކުރުން ދިގުލައިގެން ދިޔައީއެވެ.
އެ މައްސަލަ ތާވަލުކުރެވި 4 އަޑުއެހުމެއް ބޭއްވުނެވެ. އެމަނިކުފާނުގެ މައްޗަށް އިއްވި ހުކުމްތަކުގެ ތެރެއިން ދެވަނަ ހުކުމުގެ އިސްތިއުނާފީ ނުކުތާތައްވެސް ހުށަހަޅައި ނުނިމެއެވެ. 4 އަޑުއެހުން ބޭއްވުމާއެކު މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ތެރެއިން ފަހަރަކު ފަނޑިޔާރަކު ޗުއްޓީއަށް ވަޑައިގަންނަވަން ފެއްޓެވިއެވެ. ދެ ފަނޑިޔާރަކު އިއްތިފާޤުން ޖެހިޖެހިގެން ނެންގެވި ޗުއްޓީއާއެކު އިސްތިއުނާފީ ޙައްޤު ގެއްލުނީއެވެ. އެތައް ހާސް ރައްޔިތުންގެ ތާއީދާއެކު ރިޔާސީ ކެނޑިޑޭޓުކަން ދީފައިވާ ކެނޑިޑޭޓެއްގެ ކެނޑިޑެސީ ހައިކޯޓުގެ ފަނޑިޔާރުންގެ ޗުއްޓީގައި ތާށިވެ ބަންދުވީއެވެ.
ރޭގަނޑު ދަންވަރު ކޯޓު ހުޅުވައިގެންވެސް އަވަސްކުރަން ބޭނުންވާ މައްސަލަތައް އަވަސްކުރުމަކީ ހައިކޯޓުން މިފަހުންވެސް ކުރި ކަމެކެވެ. މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ތުހުމަތުވާ އަރުޝަދު ޚަލީލުގެ މައްސަލަ ރޭގަނޑު ކޯޓު ހުޅުވައިގެން ހައިކޯޓުން ކުރިއަށްގެންދިޔައެވެ. ނަމަވެސް އިއްތިފާޤަކުން ރައީސް ޔާމީނުގެ ޝަރީޢަތުގެ އަޑުއެހުންތައް ދިގުކޮށް އަވަހަށް ގެންގޮސް ނިންމައިލުންވީ ކޯޓަށް ވަރަށް ދަތި އެއްގޮތަކަށްވެސް ކުރެވެން ނެތް ކަމަށެވެ.
ވ.ފުއްގިރި މުއާމަލާތާ ގުޅިގެން ރައީސް ޔާމީނުގެ މައްޗަށް އުފުލި ދައުވާއަކީ މިހާރު އެމަނިކުފާނުގެ މައްޗަށް ހުކުމްކޮށްފައިވާ ވ.އާރަށު މައްސަލައިގެ ކުރިން އުފުލި ދައުވާއެކެވެ. ނަމަވެސް އިއްތިފާޤަކުން އާރަށު މައްސަލައިގެ ޝަރީޢަތް ފެށުމާއެކު އެ މައްސަލަ ވީނުވީއެއް ނޭނގި މަޑުޖެހުނެވެ. އާރަށު މައްސަލައިގެ އަޑުއެހުންތައް އަވަސް އަވަހަަށް ފުލުފުލުގައި ބާއްވައިގެން ގެންގޮސް ނިންމައިލިއިރު ފުއްގިރި މައްސަލަވެސް އޮތީ އާރަށު މައްސަލަ ބެއްލެވި ޤާޟީ ޝަކީލުގެ އަތްޕުޅުގައެވެ. އިއްތިފާޤުން އެ މައްސަލަ އޭނާއަށް ފެނިވަޑައިނުގަތީއެވެ.
އާރަށު މައްސަލައިގެ އަޑުއެހުންތައް ނިމި ހުކުމްކުރަން 5 ދުވަހަށް ވެފައިވަނިކޮށް ޤާޟީ ޝަކީލު ފުއްގިރި މައްސަލަ ދޫކޮށްލެއްވިއެވެ. އިއްތިފާޤަކުން ދެން އެ މައްސަލަ ބައްލަވަން ހަމަޖެހުނީ ކުރީގެ ނައިބުރައީސް އަޙްމަދު އަދީބުގެ ޤާނޫނީ ވަކީލުކަން ކުރެއްވި ކުރިމިނަލް ކޯޓުގެ މިހާރުގެ ޤާޟީ އަލީ ނަދީމެވެ. ކުރިމިނަލް ކޯޓުގެ ހުރިހާ ޤާޟީންގެ ތެރެއިން އިއްތިފާޤުން އެ މައްސަލަ ބެއްލެވުން ހަމަ އެހެން އެއްވެސް ޤާޟީއަކާ މަތިވާ ގޮތެއް ނުވިއެވެ.
އާރަށު މައްސަލާގައި ހުކުމްކުރުމާއެކު އިއްތިފާޤަކުން ބާރު ދުވެލީގައި ފުއްގިރި މައްސަލަ ހިނގައިގަތެވެ. އާރަށު މައްސަލައިގެ ހުކުމުގެ އިސްތިއުނާފު ނިމުމުގެ ކުރިން ފުއްގިރި މައްސަލާގައި ހުކުމްކުރެވޭނެ މިންވަރަށް ހަލުއިކަމާއެކުއެވެ. މައްސަލަ ވަކި ހިސާބަކަށް ގޮސްފައިވަނިކޮށް އެ މައްސަލާގައި ދައުވާ ލިބޭ އަޙްމަދު ކުރިކު ރިޒާ ބަލިވެގެން ޝަރީޢަތުގެ އަޑުއެހުންތައް ލަސްވާން ފަށައިފިއެވެ. މަސްދުވަހުގެ މެޑިކަލް އޭނާ ހުށަހެޅުއްވިއެވެ.
އެހިސާބުން އަނެއްކާ ފެންމަތިވީ އައު އިއްތިފާޤެކެވެ. ފުއްގިރި މައްސަލައިގެ ހެކި ހާމަކުރުމުގެ މަރުހަލާގައި މީގެ އަހަރުތަކެއް ކުރިން ކުރިކުގެ ފަރާތްޕުޅުން ކޯޓަށް ހުށަހެޅުއްވި އޯޑިއޯއެކެވެ. އެއީ ރައީސް ޔާމީނާ ދެކޮޅަށް ހެކިބަސްދިނުމަށް އެދި އޭސީޕީ މުޙައްމަދު ރިޔާޒު އޭނާއަށް ބިރާއި ރިޝްވަތު ހުށަހެޅުއްވި އަޑުއިވޭ އޯޑިއޯއެކެވެ. އަހަރުތަކެއް ފަހުން ކުއްލިއަކަށް އެ އޯޑިއޯގެ ސައްހަކަން ކަށަވަރުކުރަން ފުލުހުންނަށް އިތުރު ވަގުތު ބޭނުންވާކަން އިއްތިފާޤުން ފުލުހަށް އެނގިއްޖެއެވެ. ކުރިކުގެ ދައުވާ އަނބުރާ ގެންގޮސް ރައީސް ޔާމީނަށް ކުރާ ދައުވާތައް އިތުރަށް ހަލުއިކޮށް ފުލުފުލުގައި އަޑުއެހުންތައް ތާވަލުކޮށްލީ އިއްތިފާޤުންނެވެ.
އެވަރަކުން ނުނިމެއެވެ. ކޯޓުތަކާ ބެހޭ ޤާނޫނުގެ ދަށުން އަހަރަކު ދެފަހަރު ސުޕީރިއާ ކޯޓުތައް ރިސެސްއަށް ދާންޖެހެއެވެ. ކޮންމެ އަހަރެއްގެ ޖޫން ޖުލައިގައި ކުރިމިނަލް ކޯޓުން އައީ ރިސެސްއަށް ދަމުންނެވެ. ސުބްޙާނަﷲއެވެ. އިއްތިފާޤުން މިފަހަރު ކުރިމިނަލް ކޯޓު ރިސެސްއަށް ދިއުން މުޅިން ލަސްވެއްޖެއެވެ. ރައީސް ޔާމީނުގެ މައްޗަށް ހުކުމެއް ނުކުރެވެނީސް އެ ކޯޓު ދެން ރިސެސްއަށް ނުދާނެއެވެ.
އިއްތިފާޤުން ކޯޓު ރިސެސްއަށް ނުދިއުމުގެ އިތުރަށް ކޯޓުގެ ޖާގައިގެ ދަތިކަން ބޮޑުވެ ކޯޓު ހުންނަ އިމާރާތުގެ ރައްކާތެރިކަމާމެދު ސުވާލު އުފެދުމުގެ ސަބަބުން ޤާޟީންނަށް ވަގުތު ބަހާލައިގެން ސްލޮޓުތަކެއް ހަމަޖައްސައިގެން މައްސަލަތައް ކުރިއަށްގެންދާ އިންތިޒާމު ހަމަޖެއްސުމާއެކު، ޤާޟީ އަލީ ނަދީމުގެ ޑިވިޝަނުގައި ހުރި ޤަތުލާއި މަސްތުވާތަކެތީގެ ވިޔަފާރިކުރުމާއި، ބޮޑެތި އެހެނިހެން ޖިނާއީ މައްސަލަތައް އިއްތިފާޤަކުން ހުއްޓިއްޖެއެވެ. އޭނާއަށް ލިބިވަޑައިގެންފައިވާ ހުރިހާ ސްލޮޓެއް އިއްތިފާޤުން ބޭނުންކުރެއްވެނީ ފުއްގިރި މައްސަލައިގެ އަޑުއެހުންތައް ކުރިއަށްގެންދާށެވެ.
ރައީސް ޔާމީނުގެ މައްޗަށް ދައުވާކުރުމާއެކު އެމަނިކުފާނާ ދެކޮޅަށް ހެކިބަސް ދެއްވަން ޖެހިވަޑައިގަތީ އެމްއެމްޕީއާރުސީ ފައިސާއަށް ޚިޔާނާތްތެރިވެވަޑައިގެންނެވިކަމަށް އަމިއްލައަށް އިއުތިރާފުވެވަޑައިގެން ތިއްބެވި ދެ ބޭފުޅުންކަމަށްވާ އަދީބާއި ޒިޔަތެވެ. ދައުލަތުން ބުނަމުން އަންނަނީ އެ ހެކިބަސް ދެއްވާތީ އެ ބޭފުޅުންނަށް ޚާއްޞަ އިނާޔަތެއް މަންފާއެއް ނުލިބޭ ކަމަށެވެ.
ނަމަވެސް އިއްތިފާޤުން ދެ ބޭފުޅުންވެސް ތިއްބެވީ ގެކޮޅުގައެވެ. އިއްވާފައި އޮތް ހުކުމަކީ ދިގު މުއްދަތުގެ ޖަލު ހުކުމެވެ. ނަމަވެސް ޖަލުގައި ތިއްބެވުމުގެ ބަދަލުގައި އަދީބުވެސް ޒިޔަތުވެސް ހުކުމުގެ ދުވަސްތައް ގުނުއްވީ ގެކޮޅުގައި ތިއްބަވައިގެންނެވެ. އަދި ފުއްގިރި މައްސަލައިގެ ހެކިބަސް ދެއްވުމާއެކު އަދީބު މިނިވަންކުރަން ނުވަތަ ރާއްޖެއިން ބޭރަށް ފުރުވައިލުމުގެ މަޝްވަރާތައް ފެށުނެވެ. އިއްތިފާޤުން މިހާރު އޭނާ ހުންނެވީ ސިންގަޕޫރުގައެވެ.
ދިފާއީ ވަކީލުން ވިދާޅުވަމުން ގެންދަވަނީ އާރަށު މައްސަލައާއި ފުއްގިރި މައްސަލާގައި ކުށުގެ ވާޤިއާކަމަށްވާ ނުފޫޒު ފޯރުވުމުގެ އަމަލަށް އަދީބާއި ޒިޔަތުގެ ހެކިބަސް ފިޔަވައި ބާރުދޭނެ ހެކިބަހެއް ނެތް ކަމަށެވެ. އިއްތިފާޤުން އެ ބޭފުޅުން ކުރެއްވި ބޮޑު ކުށަށް ފަހުގައި އެ ބޭފުޅުން ތިއްބެވީ ގެކޮޅުގައެވެ. ރައީސް ޔާމީނާ ދެކޮޅަށް ހެކިބަސްދެއްވަންވާ ގޮތް ވިދާޅުވެދެއްވަނީ އޭސީޕީ މުޙައްމަދު ރިޔާޒެވެ. ހެކިބަހަށް ފަރިތަކުރައްވަނީ ފުލުހުންގެ ޚިދުމަތުގެ މައި މަރުކަޒުގައެވެ. ހައްތާވެސް އިއްތިފާޤެވެ.
އެންމެ ބޮޑު އިއްތިފާޤަކީ ދައުލަތުން އެތައް މިލިއަން ރުފިޔާ ޚަރަދުކޮށްގެން އެމްއެމްޕީއާރުސީ ޚިޔާނާތް ތަހުގީގުކޮށްގެން ރައީސް ޔާމީނުގެ އެކައުންޓަށް އެމްއެމްޕީއާރުސީ ފައިސާ ވަންކަމަށް ނުވުމެވެ. އިއްތިފާޤުން އެމަނިކުފާނުގެ އެކައުންޓަށް ޖަމާވިކަމަށްވަނީ މުޅިންވެސް މީހަކު ރިޝްވަތުގެ ގޮތުގައި ދިން ފައިސާއެވެ. އެއީ ދައުލަތަށް ލިބެންޖެހި ނުލިބިހުރި ފައިސާކަމަށް ދައުލަތުން ނުބުނެއެވެ. އެމަނިކުފާނު އިސްވެ ހުންނަވައިގެން ހިންގެވިކަމަށް ދައުލަތުން ބުނާ، 70 މިލިއަން ޑޮލަރުގެ ޚިޔާނާތުގެ ތެރެއިން ވަގަށް ނެގި ފައިސާއިން އެންމެ ފައިސާ ފޮއްޗެއްވެސް އެމަނިކުފާނަށް ލިބިވަޑައިގަތްކަމަށް ބުނެ ދައުވާއެއް އުފުލާފައިނެތުމަކީވެސް ބޮޑު އިއްތިފާޤެކެވެ.
ޚުލާޞާއަކީ ރައީސް ޔާމީނުގެ މައްޗަށް އުފުލާ ދައުވާތަކާއި ކުރާ ތުހުމަތާއި ހިންގާ ޝަރީޢަތްތަކަކީ އިއްތިފާޤުތައް ދިރާސާކުރާ ބަޔަކު ކޮސްވެ މޮޔަވާ މިންވަރަށް އިއްތިފާޤުތައް ހިމެނޭ ކަންކަން ކަމެވެ. ކަމެއްގައި އިއްތިފާޤުތައް މާ ބޮޑަށް ގިނަވުމުން އެ ކަމެއްގައި އެހައި އިއްތިފާޤުތައް ގިނަވި ގޮތަކާމެދު ފުންކޮށް ވިސްނައިލަންޖެހެއެވެ. ބަޔަކު މިހުރިހާ ކަމެއް އިއްތިފާޤުތަކެއްގެ ގޮތުގައި ސިފަކުރިޔަސް މިހައި ރަނގަޅަށް އެއްވެސް ފުށުއެރުމެއް ނެތި މިހައި ފުރިހަމަކޮށް އިއްތިފާޤުތަކުގެ ސިލްސިލާއެއް ގެތިގެން ދިއުމަކީ ވެދާނެކަމެއް ހެއްޔެވެ؟