ޝަރުއީ ހުކުމެއް ނެތި ޕާޓީ މީހުންނަށް ރަށްތަކާއި ފަޅުތައް ބަހާ ހުސްކޮށްފި ކަމަށް ރައްޔިތުން މަޖިލިހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް އަންނަން އޮތް ރިޔާސީ އިންތިޚާބުގައި ތާއީދުކޮށް އެމަނިކުފާނުގެ ކެމްޕެއިނަށް އެހީތެރިވުން ޝަރުތުކޮށް ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރަށް ކ.އަތޮޅުން ދިން ފަޅު ރަޝިޔާގެ މަހުޖަނަކަށް ވިއްކާލުމާއި ގުޅިގެން ރޭ ކުރެއްވި ޓްވީޓެއްގައި އުޝާމް ވިދާޅުވީ ޝަރުއީ ހުކުމެއް އަދި ދައުލަތުގެ މިނިވަން މުއައްސަސާއެއްގެ މިނިވަން އޮޑިޓްއަކާ ނުލާ ބަދަލުގެ ގޮތުގައި ރައްޔިތުންގެ މުދާތައް މިގޮތަށް ބެހުމަކީ ހަމަ ކޮރަޕްޝަން ކަމަށެވެ.
ކ.އަތޮޅުގައި އޮންނަ ރިސޯޓެއް ކަމަށްވާ ކޮންސްޓޭންސް ހަލަވެލި ރިސޯޓު ކައިރީ އޮންނަ މި ބޮޑު ފަޅު ވިއްކާލާފައިވަނީ 18 މިލިއަން ޑޮލަރު (277 މިލިއަން ރުފިޔާ) އަށެވެ. މި ފައިސާގެ ތެރެއިން އެޑްވާންސަށް ކޮންމެވެސް މިންވަރެއް މިހާރު ޖާބިރަށް ލިބިފައިވާއިރު، ބާކީބައި ލިޔެކިޔުންތައް ނިމި ރަސްމީކޮށް ފަޅުގެ މިލްކުވެރިކަން ބަދަލުވާ ހިސާބުން ލިބޭނެއެވެ.
ޖާބިރަށް މިފަޅު ދޫކޮށްފައިވަނީ އޭނާގެ ކުންފުންޏަކަށް މީގެ ކުރިން އއ.އަތޮޅުން ޖާބިރަށް ދޫކޮށްފައިވާ ކުޑަ ކުޑަ ފިނޮޅެއްގެ ބަދަލުގައިކަމަށް ބުނެއެވެ. އއ.އަތޮޅުން ޖާބިރަށް ދީފައި އޮތް މަތިވެރި ފިނޮޅު ސަރުކާރުގެ ބޭނުމަށް ނަގަންޖެހޭކަމަށް ބުނެ ކ.އަތޮޅުން ފަޅެއް ޖާބިރަށް ދިން އިރު، އިތުރަށް ފައިސާއެއްވެސް ޖާބިރު ސަރުކާރަށް ދައްކަން ނުޖެހެއެވެ. އަދި ސަރުކާރުން މަތިވެރި ފިނޮޅު ނަގާ ބޭނުމެއްވެސް ސަރުކާރުން ހާމަނުކުރެއެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި ފަޅު ވިއްކައިގެން ލިބޭ 18 މިލިއަން ޑޮލަރުން ބައެއް، ރައީސް އިބްރާހީމުގެ ކެމްޕެއިނަށް ހަރަދުކުރުމަށް ޖާބިރުވަނީ އެއްބަސްވެފައެވެ. އަދި ޖާބިރު ދަނީ މިހާރުވެސް ރައީސް އިބްރާހީމުގެ ކެމްޕެއިނުގައި ބައިވެރިވަމުންނެވެ.
ޖާބިރަކީ ވަރަށް ފަހަކާއި ޖެހެންދެން ރައްޔިތުންގެ މަޖިލީހުގައި ރައީސް އިބްރާހީމަށާއި އެމަނިކުފާނުގެ ކެބިނެޓުގެ މިނިސްޓަރުންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި ބޭފުޅެކެވެ. ނަމަވެސް މި ފަޅު އޭނާއަށް ލިބޭނެ އިންތިޒާމުތައް ސަރުކާރުގެ ތެރެއިން ހަމަޖެހުމާއެކު، ރައީސް އިބްރާހީމުގެ ފަޅިއަށް އަރާވަޑައިގެން އެހެން ލީޑަރުންނާއި ޕާޓީތަކަށް މަޖިލީހުގައި ފާޑުވިދާޅުވާން ފެއްޓެވިއެވެ. އަދި މަޖިލީހުގެ ރައީސްކަމުން، ރައީސް މުޙައްމަދު ނަޝީދު ވަކިކުރަން އެމްޑީޕީން ހުށަހެޅި ހުށަހެޅުމުގައި ސޮއިކުރެއްވިއެވެ.
އެމްޑީޕީއަށް ސޮއިކުރައްވައި ރައީސް އިބްރާހީމުގެ ކެމްޕެއިނުގެ ހަރަކާތްތަކާ ގުޅިވަޑައިގަތުމަށްފަހު، އެމަނިކުފާނާއެކު ކ.އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ކ.ގުޅީގައި ވާހަކަދައްކަވަމުން ޖާބިރުވަނީ އިންތިޚާބުގައި ރިޝްވަތުގެ ގޮތުގައި ޑޮލަރު ބަހައިގެންވެސް އިންތިޚާބު ރައީސް އިބްރާހީމަށް ކާމިޔާބުކޮށްދެއްވާނެކަމަށް ވިދާޅުވެފައެވެ.