މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ކުރު މުއްދަތުގެ ދަރަނި 2 ބިލިއަނަށް އަރައިފިއެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕޮރޮޓައިޒޭޝަން ބޯޑުން (ޕީސީބީ) އިން އާންމުކޮށްފައިވާ ދައުލަތުގެ ކުންފުނިތަކުގެ މާލީ ހިސާބުތަކުން ދައްކާގޮތުން ފާއިތުވި އަހަރު ނިމުނުއިރު އެމްޓީސީސީގެ ކުރު މުއްދަތުގެ ދަރަންޏަކީ 2 ބިލިއަން ރުފިޔާއެވެ. ކުރު މުއްދަތުގެ ދަރަންޏަކީ 1 އަހަރު ތެރޭގައި ދައްކަންޖެހޭ ފައިސާއެވެ. އާންމުކޮށް ކުންފުނިތަކުގެ ކުރު މުއްދަތުގެ ދަރަނީގެ ތެރޭގައި ހިމެނެނީ ސަޕްލަޔަރުންނަށް ދައްކަންޖެހޭ ފައިސާއެވެ.
އެމްޓީސީސީގެ ލިކުއިޑިޓީ ހާލަތަށް ބަލާއިރު، ކުރު މުއްދަތުގެ ދަރަނި ދެއްކޭނެހާ ފައިސާ އެ ކުންފުނީގައި ނެތްކަމަށް ޕީސީބީން ބުނެފައިވެއެވެ. މިދިޔަ އަހަރު ނިމުނު އިރު އެމްޓީސީސީގެ ކޭޝް ރޭޝިއޯއަކީ 0.02 އެވެ. އަދި މުޅި އަހަރުތެރޭ ކުންފުނީގައި ހުރި ނަގުދު ފައިސާގެ އަދަދު ދިޔައީ މަދުވަމުންކަމަށް ޕީސީބީން ބުނެފައިވެއެވެ. މީގެއިތުރުން ކުންފުނީގެ ކުރު މުއްދަތުގެ ދަރަނި ދެއްކުމުގެ ގާބިލުކަން ބަލާ އަނެއް މިންގަނޑަކީ ކުއިކް ރޭޝިއޯއެވެ. އެމްޓީސީސީގެ ކުއިކް ރޭޝިއޯވެސް ފާއިތުވި އަހަރު ވަނީ ދަށަށް ގޮސްފައެވެ. އެ ކުންފުނީގެ ކަރަންޓް ރޭޝިއޯ އަދި ހުރީ އެދެވޭ މިންވަރެއްގައި ކަމަށް ޕީސީބީން ބުނެފައިވެއެވެ.
އެމްޓީސީސީގެ ކުރު މުއްދަތުގެ ދަރަނި 2 ބިލިއަނަށް އަރާފައިވާއިރު އެ ކުންފުނީގެ ދިގު މުއްދަތުގެ ދަރަންޏަކީ 833 މިލިއަން ރުފިޔާއެވެ.
ފާއިތުވި އަހަރުގެ ފަހު ކުއާޓަރގައި އެމްޓީސީއަށް ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 30.3 މިލިއަން ރުފިޔާއެވެ. އެއީ އަހަރުގެ 3 ވަނަ ކުއާޓަރ އާއި އަޅާބަލާއިރު 25 އިންސައްތަ ދަށް އަދަދެކެވެ. އަދި 2021 ވަނަ އަހަރުގެ 4 ވަނަ ކުއާޓަރ އާއި އަޅާ ބަލާއިރު 40 އިންސައްތަ ދަށް އަދަދެކެވެ.
އެމްޓީސީސީއަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑު އެއް ކުންފުންޏެވެ.