މި ދުނިޔޭގައި އިންސާނާގެ ޙަޔާތް ފެށުމުގެ ކުރިން އާދަމުގެފާނާއި ޙައްވާގެފާނު (ނުވަތަ އިންސާނުންގެ ބައްޕައާއި މަންމަ) އުޅުއްވެވީ ސުވަރުގޭގައެވެ. ނަމަވެސް މާތް الله އެ ދެކަނބަލުންގެ ޙަޔާތްޕުޅުގެ ފުރަތަމަ ބައި ހޭދަ ކުރެއްވުމަށްޓަކައި ލެއްވެވި މި ސުވަރުގެއަކީ ، ޖަޒާގެ ސުވަރުގެއެއް ނޫނެވެ. ޖަޒާގެ ސުވަރުގެއަށް އިންސާނުންނަށް ވަދެވޭނީ އާޚިރަތްދުވަހު ހިސާބު ބެއްލެވުމަށް ފަހުގައެވެ. އެހެނީ މި ސުވަރުގެއަކީ (ސަވާބުގެ ގޮވެތި) އެވެ. އެތާނގައި އިންސާނާއަށް އެއްވެސް ތަކްލީފެއް ނޯންނާނެއެވެ. އަދި އެތާނގައި އުޅޭ އިންސާނާއަށް ވަސްވާސް ދިނުމަށްޓަކައި ޝައިޠާނާއެއް ނޫޅޭނެއެވެ. ހިސާބު ބެއްލެވުމަށްފަހު މިޝައިޠާނާ ނަރަކައަށް ލައްވަވާނެތީއެވެ.އެ ހިސާބުން އޭތީގެ މަސައްކަތް ނިމުނީތީއެވެ.
ދަންނަބޭކަލުން ވިދާޅުވާ ގޮތުގައި އާދަމުގެފާނާއި ޙައްވާގެފާނު އުޅުއްވި ސުވަރުގެއަކީ އެ ދެކަނބަލުންނަށް ދުނިޔޭގައި އަދާކުރައްވަން ޖެހިވަޑައިގަތްފައިވާ މަސްއޫލިއްޔަތު އަދާކުރަން ތަމްރީނު ދެއްވުމަށްޓަކައި ހެއްދެވި ޚާއްޞަ ތަނެކެވެ. މިފަދަ ތަމްރީނުތަކެއް ދެއްވުމަށްޓަކައި ޢިޚްތިޔާރުތަކެއް އެ ދެކަނބަލުންނަށް ދެއްވެވިއެވެ. މި އިޚްތިޔާރުގެ ދަށުން ޢަމަލު ކުރެއްވުމަށްޓަކައި މާތްﷲ އެ ދެކަނބަލުންނަށް އިރްޝާދުތަކެއް ދެއްވިއެވެ. މި އިރްޝާދުތަކުގެ ތަރަހައަކީ " ތިބާ ކުރާށެވެ. އަދި ތިބާ ނުކުރާށެވެ. " އެވެ.
މާތް ﷲ އާދަމުގެފާނަށް ތަމްރީނުދެއްވީ މިކަމެއް ކުރައްވާށޭ އަދި މިވެނިކަމެއް ނުކުރެއްވާށޭ އަންގަވައެވެ. ކުރައްވާށޭ މިބަސްފުޅުގެ ދަށުން މާތް ﷲ އެކަލޭގެފާނަށާއި އެކަލޭގެފާނުގެ އަނބިކަނބަލުންނަށް މިސުވަރުގޭގެ މޭވާތައް ފަރީއްކުޅުއްވައިގެން އުޅުއްވުމަށް އެންގެވިއެވެ. ނުކުރައްވާށޭ މި ބަސްފުޅުގެ ދަށުން މާތް ﷲ އެ ދެކަނބަލުންނަށް މިސުވަރުގޭގެ ވަކި ގަހަކާ ކައިރިވެ ވަޑައިނުގެންނެވުމަށް އެންގެވިއެވެ.
މާތް ﷲ ނުކުރައްވަން އެންގެވި ބަސްފުޅުގައި ވަނީ (( وَلَا تَقْرَبَا هَٰذِهِ الشَّجَرَةَ - ތިޔަ ދެކަނބަލުން މިގަހާ ކައިރިވެ ވަޑައިނުގަންނަވާހުށިކަމެވެ.)) މާތް ﷲ އެ ދެކަނބަލުންނަށް އެ ގަހުން ފަރީއްނުކުޅުއްވަން އެންގެވީއެއްނޫނެވެ. އަދި ކީއްތޯއެވެ. އެކަންތައް ކުރެއްވިދާނެތީ އެގަހާ ކައިރިވެވަޑައި ނުގެންނެވުމަށް އެންގެވީއެވެ. އުރެދުމުގެ ކަމަކަށްވާ ކަމެއް މަނާ ކުރައްވާއިރު މާތް ﷲ އަޅުގަނޑުމެންނަށް އަންގަވަނީ އެކަމަކާ ކައިރި ނުވުމަށެވެ. ހަމައެކަނި އެކަމެއް ނުކުރުމަކަށް ނޫނެވެ. މިކަމުގެ ޙިކްމަތަކީ އުރެދުމުގެ ތެރެއަށް ގެންގޮސްފާނެ ކަންތައްތަކުން އަޅުގަނޑުމެން ޙިމާޔަތް ކުރެއްވުމެވެ. މިސާލަކަށް މާތް އަޅުގަނޑުމެންނަށް އަންގަވަނީ ރާ ނުބޯށެކޭއެއް ނޫނެވެ. ރާއާ ދުރުހެލިވާށެވެ. މި ބަސްފުޅުން އެނގެނީ ރާޚާނާއަކަށްވެސް އަޅުގަނޑުމެން ގޮސްގެން ނުވާނެކަމެވެ. އެފަދަ ތަނަކަށްގޮސް ރާގެ ޖައްވެއްގެ ތެރޭގައި އިނުމަކީ ރާބުއިމަށް ޝައުޤުވެރި ކޮށްފާނެ ކަމެކެވެ. ވީމާ މާތް ﷲ އަޅުގަނޑުމެންނަށް އަންގަވަނީ ރާބުއިމަށް ހެއްލުންތެރި ކުރުވައިފާނެ އެންމެހާ ކަންތައްތަކާ ދުރުހުލިވުމަށެވެ. މިހެންވެ ކީރިތި ޤުރްއާނުގައި އެކަލާނގެ މަނާ ކުރައްވާފައިވާ ކަންތައްތަކާ ވިދިގެން އަންގަވަނީ (( تِلْكَ حُدُودُ اللَّهِ فَلَا تَقْرَبُوهَا - އެއީ ﷲ ގެ ޙައްދު (އިން) ތަކެވެ. ފަހެ ތިޔަބައިމީހުން އެ އިންތަކާ (ޙައްދުތަކާ) ކައިރި ނުވާށެވެ.)) އެހެން ބަސްފުޅެއްގައި އަންގަވަނީ ((تِلْكَ حُدُودُ اللَّهِ فَلَا تَعْتَدُوهَا - އެއީ ﷲ ކަނޑައަޅުއްވައިފައިވާ އިންތަކެވެ. ފަހެ އެ އިންތައް ފަހަނަޅައި ތިޔަބައިމީހުން ނުދާށެވެ!))
މިއިން އެނގެނީ މާތް ﷲ ނަހީ ކުރައްވާފައިވާ ކަންތައްތަކަށް އަރައިގަނެވިދާނެތީ އެކަމަށް ރައްކައުތެރިވާން ޖެހޭނެކަމެވެ. މި އިމުގެ ކައިރިން ގޮސްގެން ނުވާނެކަމެވެ. ކައިރިން ދަނިކޮށް އެ އިމުގެ ތެރެއަށް ވަދެވިދާނެތީއެވެ. މިސްކިތުގައި އިޢުތިކާފަށް ތިބޭއިރު ކުރުން މަނާ ކުރައްވާފައިވާ ކަންތައްތަކުގެ ތެރޭގައި އަނބިމީހާއާއެކު އެއްދާންކުރުން މަނާ ކުރައްވައިފައި ވެއެވެ. މާތް ﷲ އެކަމާ ބެހޭގޮތުން އަންގަވަނީ ((وَلَا تُبَاشِرُوهُنَّ وَأَنتُمْ عَاكِفُونَ فِي الْمَسَاجِدِ - އަދި ތިޔަބައި މީހުން މިސްކިތްތަކުގައި އިޢުތިކާފަށް ތިބޭއިރު އެކަނބަލުންނާ ތިޔަބައިމީހުން ބީހި ނޫޅޭށެވެ! ))
ޝައިޠާނާ ހެއްދެވުމުގެ ޙިކްމަތް
ވީމާ އަދާމުގެފާނު ހައްދަވާ މިސުވަރުގޭގައި އޭނާ ލެއްވެވިއެވެ. މާތް ﷲ އެކަލޭގެފާނަށް ކަންތައްތަކަކަށް އަމުރު ކުރެއްވިއެވެ. އޭގެ ތެރޭގައި ނުކުރައްވަން އެންގެވި ކަންތައްތަކެއްވެސް ހިމެނެއެވެ. ތަކްލީފުގައި ހިމެނެނީ ކުރަންޖެހޭ ކަންތައްތަކެއް ކުރުމާއި ނަހީ ކުރައްވާފައިވާ ކަންތައްތަކަކާ ދުރުހެލިވުމެވެ. މާތް ﷲ އާދަމުގެފާނަށް ޝައިޠާނާގެ ކިބައިން ރައްކައުތެރިވެ ވަޑައިގެންނެވުމަށް އެންގެވިއެވެ. އެއީ ދުޝްމަނެއްކަން ބަޔާންކޮށް ދެއްވިއެވެ. އެކަލޭގެފާނު މަގުފުރެއްދުމަށްޓަކައި އިބްލީސް މަސައްކަތް ކުރާނެކަން އެންގެވިއެވެ. އިބްލީހުގެ ކަންތައްތަކަށް ހެއްލުންތެރިވެ ވަޑައިގެންފިނަމަ މާތް ﷲ އަށް އުރެދުންވެ ވަޑައިގެންނެވޭނެކަން ހާމަކޮށްދެއްވިއެވެ.
މާތް ﷲ ޝައިޠާނާ ހެއްދެވީ އޭނާގެ ޙަޔާތް ކިލަނބު ކުރައްވާކަށް ނޫނެވެ. ދަންނަބޭކަލުން ވިދާޅުވާ ގޮތުގައި އަޅުގަނޑުމެން އުރެދުމަށް ހުށައެޅުމަށްޓަކައި ހެއްލުންތެރި ކުރާނެ ބާރެއް ނުވާނަމަ ކިޔަމަންގަތުން އާދައިގެ ރޫޓީން ކަމަކަށް ވެދާނެއެވެ. ކިޔަމަންގަތުމުގެ މަތިވެރިކަން ފާޅުވާނީ އެހެން ފަރާތަކުން ތިބާ މަގުފުރެއްދުމަށް މަސައްކަތް ކުރުމުން އަހަރެން އަހަރެންގެ ވެރި ރަސްކަލާނގެއަށް ނޫރެދޭނަމޭ ބުނެ އެ ފަރާތާ އެއްކިބާ ވުމުންނެވެ.
ވީމާ ޝައިޠާނާ ހެއްދެވީ ތަކްލީފުގެ ހޫނުކަން ދެމެހެއްޓެވުމަށް ޓަކައެވެ. ޝައިޠާނާ ނެތްނަމަ މާތް ﷲ އަށް ކިޔަމަންގަތުން ވާނީ ރޫޓީން ކަމަކަށެވެ. މާތް ﷲ އެކަލާނގެއަށް ކިޔަމަންގަތުން ރޫޓީން ކަމަކަށް ހައްދަވާކަށް އެދިވޮޑިއެއް ނުގަންނައެވެ. މާތް ﷲ އެދިވޮޑިގަންނަވަނީ އެކަލާނގެއަށް އުރެދުމަށް ޝައިޠާނާ ގޮވައިލަނިކޮށް އޭނާއަށް ފުރަގަސްދީ ﷲއަށް އަޅުކަން ކުރުމަށެވެ. އަޅުކަންކުރުމުގެ ފޮނިކަން އިޙްސާސް ކުރުމަށްޓަކައެވެ.
ﷲ ސުބްޙާނަހޫ ވަ ތަޢާލާ އާދަމުގެފާނަށާއި އެކަލޭގެފާނުންގެ ދަރިންނަށް ޝައިޠާނާގެ ޢަދާވަތްތެރިކަން މަތިން ހަދުމަކުރުމަށް އަންގަވައެވެ. މާތް ވަޙީ ކުރެއްވިއެވެ. (( إِنَّ هَٰذَا عَدُوٌّ لَّكَ وَلِزَوْجِكَ فَلَا يُخْرِجَنَّكُمَا مِنَ الْجَنَّةِ فَتَشْقَىٰ - ހަމަކަށަވަރުން، މިއީ ކަލޭގެފާނާއި، ކަލޭގެފާނުގެ އަނބިކަނބަލުންނަށްހުރި عداوة ތެރިޔެކެވެ. ފަހެ، އެކަލޭގެ ތިޔަ ދެކަނބަލުން ސުވަރުގެއިން ނެރެލިޔަނުދެއްވާހުށިކަމެވެ! އޭރުން ކަލޭގެފާނު ދަތިތަކާ ކުރިމަތިލައްވަން ޖެހިވަޑައިގެންފާނެތެވެ. ))
މިއިން އެނގެނީ އިންސާނާގެ ތަކްލީފުގައި ހިމެނެނީ އަމުރާއި ނަހީއާއި ޝައިޠާނާއަށް ރައްކައުތެރިވުމުގެ އިންޒާރުތައް ކަމެވެ. މި ޝައިޠާނާއަކީ އިންސާނާއަށް މާކުރިއްސުރެ ދުޝްމަނުވެ ހަތުރުވެރިވެފައިވާ މީހެކެވެ. މާތް ﷲ އިންސާނާ (ނުވަތަ އާދަމުގެފާނު) ހެއްދެވުމަށްފަހު މަލާއިކަތުންނަށް އާދަމުގެފާނަށް ސަޖިދަ ކުރެއްވުމަށް އަމުރު ކުރެއްވިއެވެ. އެބޭކަލުން ސަޖިދަކުރެއްވީ އާދަމުގެފާނަކަށް ނޫނެވެ. އެކަމަކު އާދަމުގެފާނަށް ސަޖިދަ ކުރެއްވުމަށް އެންގެވި އަމުރުފުޅަށް ކިޔަމަންވެ ވަޑައިގަތުމުގެ ގޮތުންނެވެ.
ފަޟީލަތުއްޝައިޚް އަލްމަރްޙޫމު މުޙައްމަދު މުތަވައްލީ އައްޝަޢުރާވީ ވިދާޅުވާ ގޮތުގައި މަލާއިކަތުން ދެބަޔަކަށް ބެހިގެންވެއެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. (( قَالَ يَا إِبْلِيسُ مَا مَنَعَكَ أَن تَسْجُدَ لِمَا خَلَقْتُ بِيَدَيَّ ۖ أَسْتَكْبَرْتَ أَمْ كُنتَ مِنَ الْعَالِينَ - އެކަލާނގެ وحى ކުރެއްވިއެވެ. އޭ إبليس އެވެ! ތިމަންރަސްކަލާނގެ يدقدرة ފުޅުން (އެއްވެސް واسط އަކާނުލައި) ހެއްދެވި މީހަކަށް سجدة ކުރުން ކަލޭގެޔަށް މަނާކުރީ ކޮންކަމެއްހެއްޔެވެ؟ ކަލޭގެ (سجدة ކުރުމަށް) ބޮޑާވެގަތީހެއްޔެވެ؟ ނުވަތަ كبر ވެރިވެގަތް މީހުންގެ ތެރެއިން ކަލޭވީހެއްޔެވެ؟)) ފަޟީލަތުއްޝައިޚް އައްޝަޢުރާވީ ވިދާޅުވާ ގޮތުގައި އާދަމުގެފާނަށް ސަޖިދަކުރަން އަމުރު ނުކުރައްވަވާ މަލާއިކަތުންތަކެއް ވެއެވެ. އެބޭކަލުންގެ ނަމަކީ (މުޣައްޔަބީން) އެވެ. މި ބޭކަލުންނަށް އިންސާނާ ހެއްދެވުމާ ބެހޭގޮތުން އެއްވެސް އެއްޗެއް އެނގިވަޑައެއް ނުގަންނަވައެވެ. އިސްވެ ބަޔާންކުރި އާޔަތުގައި އައިސްފައިވާ ލަފުޒު ( الْعَالِينَ ) އަކީ މިބޭކަލުންނެވެ. މި ބޭކަލުންނަކީ އެބޭކަލުންގެ ވިސްނުމާއި ފިކްރާއި ޢަމަލުގައި މާތް ﷲ ފިޔަވާ އެހެން އެއްޗެއްވާ ބޭކަލުންނެއް ނޫނެވެ. އެބޭކަލުންނަށް އާދަމުގެފާނުގެ ވާހަކައެއް އަދި ދުނިޔެއާ ބެހޭ އެއްވެސް އެއްޗެއް އެނގިވަޑައެއް ނުގަންނަވައެވެ. މި ބޭކަލުންގެ ޢަމަލަކީ މާތް ﷲ އަށް ތަސްބީޙައާއި ޙަމްދު ދެންނެވުމެވެ. އެހެން ކަމެއް ނެތެވެ.
ފަޟީލަތުއްޝައިޚް އައްޝަޢުރާވީ ވިދާޅުވާ ގޮތުގައި އާދަމުގެފާނަށް ސިޖަދަކުރަން އެންގެވި މަލާއިކަތުންނަކީ ކަރޫބިއްޔީން މަލާއިކަތުންނެވެ. އެއީ އިންސާނުންނާ ބެހޭ ކަންތައްތައް ﷲގެ އަމުރުފުޅާ އެއްގޮތަށް ހިންގަވާ ތަދްބީރު ކުރައްވާ ބޭކަލުންނެވެ.
މާތް ﷲ މަލާއިކަތުންނަށާއި އިބްލީހަށް އާދަމުގެފާނަށް ސިޖަދަކުރުމަށް އެންގެވުމުން އިބްލީސް އެކަމާ ދެކޮޅު ހެދިއެވެ. އިބްލީސް އާދަމުގެފާނަށް ސަޖިދަނުކުރީ ﷲ ފިޔަވާ އެހެން ފަރާތަކަށް ސަޖިދަނުކުރާންވެގެންނެއްނޫންކަން އިބްލީހުގެ ޖަވާބުން އެނގެއެވެ. އޭނާ ބަހަނާއެއްގެ ގޮތުން ދެންނެވިއެވެ. (( وَإِذْ قُلْنَا لِلْمَلَائِكَةِ اسْجُدُوا لِآدَمَ فَسَجَدُوا إِلَّا إِبْلِيسَ قَالَ أَأَسْجُدُ لِمَنْ خَلَقْتَ طِينًا - آدم ގެފާނަށް ތިޔަބައިމީހުން سجدة ކުރާށޭ ތިމަންރަސްކަލާނގެ ملائكة ންނަށް وحى ކުރެއްވިހިނދު ހަނދުމަކުރާށެވެ. ފަހެ، إبليس ފިޔަވައި، އެ ملائكة ން سجدة ކުޅައޫއެވެ. إبليس ދެންނެވިއެވެ. އިބަރަސްކަލާނގެ މަށިން ހައްދަވާފައިވާ މީހަކަށް، ތިމަން سجدة ކުރާނެތޯއެވެ؟ )) އޭނާއަށް ވިސްނުނު ގޮތުގައި އަލިފާނަށްވުރެ މަށި މާ ދެރައެވެ. މިހެންވެ އިބްލީސް ދެންނެވިއެވެ. ((أَنَا خَيْرٌ مِّنْهُ ۖ خَلَقْتَنِي مِن نَّارٍ وَخَلَقْتَهُ مِن طِينٍ - އެކަލޭގެފާނަށްވުރެ ތިމަން، މާމޮޅެވެ. އިބަރަސްކަލާނގެ ތިމަން ހެއްދެވީ އަލިފާނުންނެވެ. އަދި އިބަރަސްކަލާނގެ އެކަލޭގެފާނު ހެއްދެވީ މަށިންނެވެ. )) މިއިން އެނގެނީ އިބްލީސް އާދަމުގެފާނަށް ސަޖިދަނުކުރީ މާތް ﷲ ނޫން އެހެން ފަރާތަކަށް ސަޖިދަ ނުކުރަން ވެގެނެއް ނޫނެވެ. އެހެނަސް އޭނާގެ ބޮޑާކަމާއި ކިބުރުވެރި ކަމުންކަމެވެ.
މާތް ﷲ އާދަމުގެފާނަށް ސަޖިދަ ކުރެއްވުމަށް އެންގެވީ މަލާއިކަތުންނަށާއި އިބްލީހަށެވެ. އިބްލީސް ރަމްޒުކޮށްދެނީ ޖިންނީންނެވެ. މާތް ﷲ ތަކްލީފު ޖެއްސެވީ އިންސީންނަށާއި ޖިންނީންނަށެވެ. އެއީ އެ ދެބައިމީހުންނަށް މާތް ﷲ އިޚްތިޔާރު ދެއްވާފައި ވާތީއެވެ. އެހެން އެއްވެސް ބަޔަކަށް އިޚްތިޔާރެއް ނުދެއްވައެވެ. ﷲ ތަޢާލާ މި މަސްއަލަ ކީރިތި ޤުރްއާނުގައި ގެންނަވާފައިވަނީ އަމާނަތޭ ބަސްވަޙީ ކުރައްވައެވެ. އަޙްޒާބު ސޫރަތުގެ 72 ވަނަ އާޔަތުގައި އެކަލާނގެ ހުށައެޅުއްވި އަމާނަތް އުފުލީ އިންސާނުންކަން އެނގެއެވެ. އަމާނަތުގެ މާނައަކީ އެހެން މީހެއްގެ އަތުގައިވާ ތިބާގެ ޙައްޤެކެވެ. މިކަމުގައި ތިބާއަށް ލިބިގެންވާ ޙުއްޖަތަކީ އެނާގެ އަތުގައިވާ މި އަމާނަތެވެ. އޭނާ އެ އަމާނަތް އޮތްކަމަށް އެއްބަސްވުމެވެ. ނުވަތަ އެއްބަސް ނުވުމެވެ. އެ އަމާނަތާމެދު އެއްބަސްވުމާއި އެ އަމާނަތާމެދު އިންކާރު ކުރުމުގެ ބާރު ތިބާއަށް ލިބިގެންވެއެވެ. އެ އަމާނަތް އެމީހާގެ އަތުގައި އޮތްކަމުގެ އިތުރު ހެކިތަކާއި ޙުއްޖަތްތައް ތިބާއަށް ލިބިގެންވާނަމަ އެއީ އަމާނަތެއް ނޫނެވެ.
އަމާނަތް އުފުލުން
ވީމާ އަމާނަތުގެ ސަބަބުން އިޚްތިޔާރެއް އެބަ ލިބެއެވެ. އެ އަމާނަތާމެދު އިންކާރުކުރުމާ އެ އަމާނަތް އޮތްކަމަށް އެއްބަސްވުމެވެ. މާތް ﷲ އަމާނަތް އުޑުތަކަށާއި ބިމަށް ހުށައެޅުއްވުމުން އެ އަމާނަތް އުފުލުމާ ދެކޮޅުހެދިއެވެ. ނަމަވެސް ދެކޮޅުހެދުމުގެ މާނައަކީ އުރެދުމެއް ނޫނެވެ. މިއީ ތަކްލީފީކަމެއް ނޫނެވެ. ހަމައެކަނި ހުށައެޅުއްވި ހުށައެޅުއްވުމެކެވެ. މި ހުށައެޅުން ޤަބޫލުކުރުމާ ނުކުރުމުގެ އިޚްތިޔާރު ދެއްވައިފައިވެއެވެ. ދަންނަބޭކަލުން ވިދާޅުވާ ގޮތުގައި މާތް ﷲ އުޑުތަކަށާއި ބިމަށް އިޚްތިޔާރު ދެއްވުމުން އެ އެއޗެހި އިޚްތިޔާރުކުރީ މި އިޚްތިރާރު ޤަބޫލުނުކޮށް މާތް ﷲ އަށް ކިޔަވަމަން ގަތުމުގައި ތާއަބަދު ދެމި ތިބުމަށެވެ. ނަމަވެސް އިންސާނާ މި އަމާނަތް ޤަބޫލު ކުރީއެވެ. އިންސާނާ އޭނާގެ އަމިއްލަ ނަފްސަށް ބުނީ " ތިމަންނައަކީ ހެޔޮ ވިސްނުން ދެއްވި މަޚްލޫޤެކެވެ. އަހުރެންނަށް މި ވިސްނުމުގެ މިންގަނޑުން ކިރައި ރަނގަޅާ ނުބައި ވަކި ކުރެވޭނެއެވެ. އިންސާނާ ވިސްނީ އެ އަމާނަތް އުފުއްލި ވަގުތަށެވެ. އެ އަމާނަތް އަދާކުރާ ވަގުތަކަށް ނުވިސްނައެވެ. އެވަގުތު އޭނާއާ ކުރިމަތިވެދާނެ ހެއްލުންތަކަށާއި ވަސްވާސްތަކުގެ މައްޗަކަށް ނުބަލައެވެ. މިހެންވެ މާތް ﷲ އިންސާނާއަކީ ޖާހިލު އަމިއްލަ ނަފްސަށް އަނިޔާވެރި މަޚްލޫޤެއްކަމަށް ސިފަކުރެއްވިއެވެ. އޭނާއަށް އެ އަމާނަތް އަދާކުރާ ވަގުތު އެ އަދާކުރެވިދާނެކަން ނުވަތަ ނޫންކަން ނޭގޭތީއެވެ. އޭނާ އޭނާގެ ނަފްސަށް އަނިޔާވެރިވީ އޭނާއަށް ނޫފުއްލޭވަރުގެ މަސްއޫލިއްޔަތެއް އުފުއްލަން ޤަބޫލުވީތީއެވެ.މާތް ﷲ ވަޙީކުރެއްވިއެވެ. (( إِنَّا عَرَضْنَا الْأَمَانَةَ عَلَى السَّمَاوَاتِ وَالْأَرْضِ وَالْجِبَالِ فَأَبَيْنَ أَن يَحْمِلْنَهَا وَأَشْفَقْنَ مِنْهَا وَحَمَلَهَا الْإِنسَانُ ۖ إِنَّهُ كَانَ ظَلُومًا جَهُولًا - ހަމަކަށަވަރުން، އުޑުތަކަށާއި، ބިމަށާއި، ފަރުބަދަތަކަށް ތިމަންރަސްކަލާނގެ أمانة (އެބަހީ: تكليف ތައް) ހުށަހެޅުއްވީމެވެ. ފަހެ، އެ ތަކެތި އެކަން އުފުލުމުން އެއްކިބާވެ މަނާވެގަތެވެ. އަދި އެކަމާމެދު އެތަކެތި ބިރުވެތިވިއެވެ. އަދި إنسان އާއެ أمانة އުފުލިއެވެ. ހަމަކަށަވަރުން، އެ إنسان އާވީ އަނިޔާވެރި، ތަންދޮރު ނުދަންނަ މީހަކު ކަމުގައެވެ. ))
ވީމާ އުޑުތަކާއި ބިމާއި ފަރުބަދަތައް އިޚްތިޔާރު މިކުރީ ސަލާމަތް މަގެވެ. ޖާމިނުވުމެއް ނެތް ތަޖްރިބާއެއްގެ ތެރެއަށް ވަންނަން އެ އެއްޗެހި ޤަބޫލެއް ނުވިއެވެ. ނަމަވެސް އިންސާނާ އޭނާއަށް ދެއްވި ވިސްނުމާ ހެއްލުންތެރިކަމުގެ ސަބަބުން މިއަމާނަތް އުފުލީއެވެ. މިހެންވެ މާތް އަޑުގަނޑުމެން އިންސާނުންނަށް ހެއްލުންތެރި ނުވުމަށް ވަރަށް ގިނައިން އިންޒާރު ކުރައްވައިފައިވެއެވެ.
ވީމާ އަޅުގަނޑުމެން އިންސާނުންގެ މައްޗަށް ލާޒިމުވެގެން ވަނީ ސާފުމަގުން ހިނގުމަށެވެ. ޙަލާލު ކަންތައްތަކާއި ޙަރާމް ކަންތައްތައް ރަނގަޅަށް އެބަ އެނގެއެވެ. ނަމަވެސް އެ ދެމެދުގައިވާ ކަންތައްތަކެއް އެބަހުއްޓެވެ. ކީރިތި ރަސޫލާ އަޅުގަނޑުމެންނަށް މިކަންތައްތަކާ ދުރުހެލިވުމަށް އަންގަވައެވެ.
ކީރިތި ޤުރްއާނުގެ سورة البقرة ގެ 282 ވަނަ އާޔަތަށް ބަލާލަމާތޯއެވެ. މިއީ ދަރަނިނެގުމާ ބެހޭ އުޞޫލުތައް ކަނޑައަޅުއްވައިފައިވާ އާޔަތެވެ. ކީރިތި ޤުރްއާނުގެ އެންމެ ދިގު އާޔަތެވެ. ދަރަންޏެއް ނަގާއިރު އެ މުޢާމަލާތުގައި ދަރަނިނަގާ ފަރާތާއި ދަރަނިދޭ ފަރާތް ހިމެނެއެވެ. މާތް ﷲ އަންގަވަނީ ދަރަނި ލިޔެފައި ދަރަނި ދިނުމަށެވެ. މިގޮތަށް ލިޔުމަކީ ދެފަރާތަށް ބޭނުންވާ ޙިމާޔަތާއި ރައްކައުތެރިކަން ލިބިދޭނެ ކަމެކެވެ. ދަރަނިނަގާ މީހާއަށް އޭނާ ނަގާ ދަރަނި ލިޔެ އެކަމަށް ބަޔަކު ހެކިކޮށްފައިވާކަން އެނގުމުން މިކަމުގެ މަސްއޫލިއްޔަތު އިޙްސާސް ކުރެވޭނެއެވެ. މިކަމުގައި ފަރުވާކުޑަ ކުރެވެން ނެތްކަން އެނގޭނެއެވެ. ދަރަނި ނަގާމީހާ އެ ދަރަނި އަދާނުކުރުމަކީ މުޢާމަލާތުގެ ޙަރަކާތް ފަސާދަކޮށްފާނެ ކަމެކެވެ. މާތް ﷲ މިގޮތަށް އެދިވޮޑިނުގަންނަވައެވެ. އެއީ މިކަމުގެ ސަބަބުން ޙަޔާތުގެ ޙަރަކާތް ހުއްޓިދާނެތީއެވެ. ދަރަނި ނެގިމީހާ އެ އަދާނުކުރާނަމަ ދެން އެހެން މީހަކު އޭނާއަށް އަދި އޭނާ ފަދަ އެހެން މީހުންނަށް ދަރަންޏެއް ނުދޭނެއެވެ.
މާތް ﷲ ވަނީ ޙަޔާތުގެ ޙަރަކާތްތައް ޙަޔާތުގެ ޟަރޫރަތްތަކާ ގުޅުއްވައިފައެވެ. ކޮންމެ މީހަކުވެސް އެމީހާގެ ޙަޔާތުގެ ޙަރަކާތްތައް އެމީހާ ދިރިހުރުމަށްޓަކައި ހިންގާނެއެވެ. ބަނޑުހައިވާތީ ކާ އެއްޗެހި ހޯދުމަށް މަސައްކަތް ކުރާނެއެވެ. ދަރީންނަށް ކެއިންބުއިން ހޯދާ ދިނުމަށްޓަކައި މަސައްކަތް ކުރާނެއެވެ. މަސައްކަތް ކުރަން ގޮވައިލަނީ ބަނޑެވެ. ކޮންމެ މީހަކުވެސް މަސައްކަތް ކުރަނީ ޙަޔާތުގެ ޟަރޫރަތަކަށް ޓަކައެވެ. އެހެންކަމުން ޙަޔާތުގެ ޙަރަކާތްތަކަކީ ޙަޔާތުގެ ޟަރޫރަތްތަކާ ގުޅިފައިވާ އެއްޗެކެވެ.
ޙަޔާތުގައި ކޮންމެ ކާމިޔާބު މީހަކީ އެކަމަށްޓަކައި މަސައްކަތްކުރާ މީހެކެވެ. އެހެންމީހުންގެ ޙަޔާތުން ތިމާގެ ޙަޔާތް ބިނާކުރަން އުޅޭމީހުންނަކީ ނާޖާއިޒު ފައިދާ ނަގަންއުޅޭ ޙަޔާތުގެ ވަގުންނެވެ. އެފަދަ މީހުން އާޚިރުގައި ބޭޒާރުވެ މުޖްތަމަޢުގެ ފުލަށް ވެއްޓިގެން ދާނެއެވެ.