ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރާއްޖޭގެ ވެރިކަމަށް ވަޑައިގެންނެވިފަހުން އައްޑޫ ސިޓީގެ ގަން އިންޓަނޭޝަލް އެއާޕޯޓު ހިންގާ ކުންފުނި، އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ޕްރައިވެޓް ލިމިޓެޑަށް 271 މިލިއަން ރުފިޔާގެ ގެއްލުންވެއްޖެއެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕޮރޮޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު ފާއިތުވި އަހަރު އެކުންފުންޏަށް 75.98 މިލިއަން ރުފިޔާގެ ގެއްލުންވިއެވެ. މިއީ އެ ކުންފުނީގެ ތާރީހުގައި މިހާ ބޮޑު ގެއްލުމެއް ކުންފުންޏަށްވި ފުރަތަމަ ފަހަރެވެ.
ފާއިތުވި އަހަރު އޭއައިއޭ އަށް 75 މިލިއަން ރުފިޔާގެ ގެއްލުން ލިބުނު އިރު އެ ކުންފުނީގެ ދިގު މުއްދަތުގެ ދަރަނި ވަނީ 513 މިލިއަން ރުފިޔާއަށް އަރާފައެވެ. އަދި ކުރު މުއްދަތުގައި އަދާކުރަންޖެހޭ ދަރަނި ވަނީ 638 މިލިއަން ރުފިޔާއަށް އަރާފައެވެ.
ކުންފުންޏަށް ލިބޭ އާމްދަނީއިން ކުންފުނި ހިންގުމަށް ބޭނުންވާ ވަރަށް ފައިސާ ނުހޯދޭއިރު، ކޮންމެ އަހަރަކުވެސް ހިންގުމުގެ ހަރަދު ފޫބައްދަންޖެހެނީ ދަރަންޏަށް ފައިސާ ނަގައިގެންނެވެ. ޕީސީބީގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، ކުންފުންޏަށް ލިބެމުންދާ ގެއްލުން 2022 ގައި ބޮޑުވެފައިވަނީ އައްޑޫ ސިޓީގެ ފަތުރުވެރިކަމުގެ އެނދުތައް މަދުވުމުގެ ސަބަބުން ގަން އެއާޕޯޓަށް ޖައްސާ ފްލައިޓުތައް މަދުވީމައެވެ.
މިވަގުތު އައްޑޫ ސިޓީގައި ހުރީ ފަތުރުވެރިންނަށް ހިދުމަތްދޭ 200 އެއްހާ އެނދެވެ. އައްޑޫ ސިޓީގެ ފަތުރުވެިރކަމުގެ އެނދުގެ އަދަދު 8000 އަށް އިތުރު ކުރުމަކީ ރައީސް އިބްރާހީމްގެ ރިޔާސީ ވައުދެކެވެ. އެ ވައުދު ނުފުއްދުނު ނަމަވެސް އެމަނިކުފާނު ވަނީ ދެވަނަ ދައުރަކަށް ހޮވިވަޑައިގެންފިނަމަ އައްޑޫ ސިޓީއަކީ ފަތުރުވެރިކަމުގެ ހަބަކަށް ހައްދަވާނެ ކަމަށް ވިދާޅުވެފައެވެ.
އައްޑޫ އެއާޕޯޓު ބޮޑު ގެއްލުމެއްގައި ހިންގަމުންދާއިރު ޤައުމީ އެއާލައިން މޯލްޑިވިއަންއަށްވެސް އެތައް މިލިއަން ރުފިޔާގެ ގެއްލުންވެފައިވާކަން ފާހަގަކޮށްލެވެއެވެ.