Saturday 9th Dec 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ

ރަސޫލާށް ދޮގު ބަސް ނިސްބަތްކުރުމަށްފަހު އިމްރާން މާފަކަށް ނޭދުނު

ރައިސް އިބްރާހީމް މުހައްމަދު ސޯލިހްގެ ކެމްޕެއިން ޖަލްސާއެއްގެ ތެރެއިން ރަސޫލާ (ޞ) އަށް ނިސްބަތްކޮށް ދޮގު ހަދީޘެއް ވިދާޅުވުމަށް ފަހު، މި ސަރުކާރުގެ ހޯމް މިނިސްޓަރުކަން ކުރައްވާ ޝައިހް އިމްރާން އަބްދުﷲ މާފަށް އެދިވަޑައިނުގެން، ކުށް ދިފާއުކުރައްވައިފި އެވެ.

ރިޔާސީ ކެމްޕެއިނަށް މިދިޔަ އާދިއްތަ ދުވަހުގެރޭ ށ. ފޯކައިދޫގައި ބޭއްވި ޖަލްސާގައި، ކެމްޕެއިންގައި ނުނިދައި ހޭލައި މަސައްކަތްކުރުމަށް ހިތްވަރުދިނުމަށް އިމްރާން ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ހަދީސް ބަސްފުޅެއްކަމަށް ވިދާޅުވެ ބޭނުންކުރެއްވި އިބާރާތަކީ ޙަދީސެއް ނޫންކަން ވަނީ ހާމަވެފަ އެވެ. އަދި އެކަން މި ނޫހުން ރިޕޯޓުކުރި އެވެ.
އޭގެ ފަހުން އެކަމަށް މާފަށް ނޭދި މިއަދު ކުރެއްވި ޓުވީޓެއްގައި އިމްރާން ވިދާޅުވީ އޭނާއަކީ ރަސޫލާ (ޞ) ގެ ހަދީޘްފުޅުތަކުގެ ދަރަޖަ ކަނޑައަޅަން އެނގޭވަރުގެ އިލްމުވެރިއެއް ނޫން ކަމަށެވެ.
އަދި އެ މައްސަލައިގައި އިމްރާނަށް ފާޑުވިދާޅުވި ޝައިހް އާދަމް ނިޝާނަކީ ވެސް އެވަރުގެ ބޮޑު އިލްމުވެރިއެއް ނޫން ކަމަށް އިމްރާން ވިދާޅުވި އެވެ.
"ޝައިޚް ކުރައްވާ ކުއްތަކާ ހައްދަވާ ގޯސްތަކަށް ރައްދު ދިނުމަކީ އަޅުގަޱައް ކުރެވޭ މާ މޮޅުކަމަކާ ހެޔޮ ކަމެއް ކަމަކަށް ދެކި އެކަން ކުރާކަށް ނެތިން. މާތް الله އަޅުގަނޱުމެން އެންމެނަށް އެ އިލާހު ރުހިވޮޱިގަންނަވާ މަގަށް މަގު ދައްކަވާ ހެޔޮ ރަހުމަތް ލައްވާށި،" ޝައިހް ނިޝާނަށް ރައްދުދެއްވައި ކުރެއްވި ޓުވީޓެއްގައި އިމްރާން ވިދާޅުވި އެވެ.

އިމްރާން ދޮގު ހަދީޘ ބޭނުންކުރެއްވި މައްސަލައިގައި އަދާލަތު ޕާޓީގެ އެކްޓިވިސްޓުން ކަމުގައިވާ ޝައިހް ޑރ. އިޔާޒް އަބްދުއްލަތީފާއި ޝައިހް އަލީ ޒައިދު ވެސް އިމްރާން ދިފާއުކޮށް ވަނީ ޓުވީޓުކޮށްފަ އެވެ.

އިޔާޒް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފޮތްތަކުގައި ހުންނަ ހުރިހާ ރިވާޔަތްތަކެއް ތަހްގީގުކޮށް ތަޚްރީޖު ނުކުރާހާ ހިނދަކު އެފަދަ އޮޅުމެއް އަރާފާނެ ކަމަށެވެ. ގޯހެއް ފާހަގަވުމުން އެންމެންގެ ތެރޭގައި އިޢްލާން ކުރުމުގެ ބަދަލުގައި ވަކިން ގުޅާލާފައި އެއީ ޙަދީޘެއް ނޫންކަން ބުނެދިނުން މާ ރަނގަޅުވީސް ކަމަށް އިޔާޒު ވިދާޅުވި އެވެ.
ނަމަވެސް އެއީ ހަދީޘެއް ނޫންކަން އެނގުމުން ވެސް އިމްރާން އަދިވެސް ކުށް ގަބޫލުކޮށް މާފަކަށް ނޭދެ އެވެ.

"އެ ރިވާޔަތަކީ ވ ގިނަބަޔަކު ޙަދީޘެއް ކަމަށް ހީކުރެވިފައިވާ ރިވާޔަތެއް! ދުނިޔޭގެ އެތައްބަޔަކަށް އެރިވާޔަތާއިގުޅިގެން އޮޅުން އަރާފައިވާއިރު ޝ.ޢިމްރާނަށްވެސް އެފަދަ އޮޅުމެއް އަރައިފާނެކަން ދަންނަންޖެހޭ،" އިމްރާން ދިފާއުކޮށް އަލީ ޒައިދު ކުރެއްވި ޓުވީޓުގައި ވިދާޅުވި އެވެ.

އިމްރާންގެ މި މައްސަލަ ފެންމަތިވެފައި ވަނިކޮށް، ސަލަފް ޖަމިއްޔާގެ އޮޕަރޭޝަންސް މެނޭޖަރު އަލީ ރަމީޒު ކުރެއްވި ޓުވީޓެއްގައި ވެސް ވަނީ ކުށެއް ކުރުވުމުން އެ ކުށް ގަބޫލުކޮށް އެކަމަށް މާފަށް އެދުމަށް ގޮވާލާފަ އެވެ. އަދި ކުށް ދިފާއުކޮށް ޖަދަލު ކުރުމަކީ ޖާހިލުންގެ ސިފައެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މި ލިއުމާއި ގުޅޭ