އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ޝަރީއަތަކީ އިންސާފުވެރި ޝަރީއަތެއް ކަމަށް އެއްވެސް މީހަކު ގަބޫލެއް ނުކުރާނެ ކަމަށް ވިލިމާލެ ދާއިރާގެ ރައްޔިތުން މަޖިލިހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.
ރ. ފުއްގިރި ކުއްޔަށް ދިނުމުގައި ރިޝްވަތު ތުހުމަތުކުރާ އަހްމަދު ކްރިކް ރިޒާ އަށް ކުރާ ދައުވާ އަނބުރާ ފޮނުވާލަން ކްރިމިނަލް ކޯޓުން މިއަދު ނިންމައި، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ދައުވާތަކުގެ ޝަރީއަތް މާދަމާއަށް ތާވަލުކުރުމާއި ގުޅިގެން ރޭ އުޝާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަދުލުވެރިކަމާ އިންސާފުވެރިކަމާއެކު ޝަރީއަތްކުރެވުމުގެ ހައްގު އެންމެންނަށްވެސް ލިބިދޭންވާނެކަމަށް ގަބޫލުކުރާ އެއްވެސް މީހަކު މިއަދު ގަބޫލެއް ނުކުރާނެ މިއީ އިންސާފުވެރިކަމާއެކު ހިންގާ ޝަރީއަތެއްކަމަށެވެ. ރައީސް ޔާމީން ވިޔަސް އެހެން ރައްޔިތެއް ވިޔަސް އިންސާފުން ޝަރީއަތްކުރެވުމުގެ ހައްގު ލިބިދޭންޖެހޭނެ ކަމަށް އުޝާމް ވިދާޅުވިއެވެ.
އެއާއެކު، އަޙްމަދު ކުރިކް ރިޟާގެ މައްސަލަ މިވަގުތަށް މަޑުޖައްސާލުމަށްޓަކައި އެ ދައުވާތަށް ފަހުން ހުށަހަޅާގޮތަށް އަނބުރާ ފޮނުވައިދިނުމަށް ދައުލަތުން ކްރިމިނަލް ކޯޓުގައި އިއްޔެ ވަނީ އެދިފައެވެ.
ކްރިމިނަލް ކޯޓުން ވަނީ އެ މައްސަލަ އަނބުރާ ގެންދަން ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން އެދިފައިވާތީ، ދައުވާ އަނބުރާ ފޮނުވާލުމަށް ފަހު، ފުއްގިރި މައްސަލައިގެ އަޑުއެހުމެއް ބާއްވަން ނިންމައިފައެވެ. އެ އަޑުއެހުން ފެށުމަށް ހަމަޖެހިފައި ވަނީ މިއަދު ހެނދުނު 9 ޖަހާއިރުއެވެ.
ރައީސް ޔާމީންގެ މައްސަލައިގައި ސަރުކާރުން އަމަލުކުރާ ގޮތުން ސިޔާސީ ފަރާތްތަކުން އަންނަނީ އެކަމާ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ވެސް ވަނީ ރައީސް ޔާމީނަށް އިންސާފު ލިބެން ޖެހޭކަމަށް ވިދާޅުވެފައެވެ.