ކޮވިޑް-19 އާލަމީ ވަބާގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު އިންޑިއާ ކަނޑުގެ އެހެން ޖަޒީރާ ޤައުމެއް ކަމުގައިވާ ސީޝެލްސްއިން މަރުވި މީހުންގެ އަދަށްވުރެ މަދުވުމުން އެ ޤައުމުގެ ރައީސް ރާއްޖޭގައި ކޮވިޑް ހަންމަތަކުރަން އަޅާފައިވާ ފިޔަވަޅުތައް އޮޅުންފިލިއްވުމަށް ރައީސް އިބްރާހީމަށް ފޯނުކުރެއްވި ތާރީހަކީ ސިއްރެއްކަމަށް ރައީސް އޮފީހުން ބުނެފިއެވެ.
ފާއިތުވި މޭއި މަހު ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ރައީސް އިބްރާހީމް ވިދާޅުވީ ސީޝެލްސްގެ ރައީސް ގުޅުއްވައި އެ ދުވަސްވަރު ސީޝެލްސްއިން ދުވާލަކު 2، 3 މީހުން މަރުވާކަމަށް ވިދާޅުވެ ސީޝެލްސްގެ ރައީސް ރާއްޖެއިން އަޅަމުން އައި ހަރުދަނާ ފިޔަވަޅުތައް އޮޅުންފިލުއްވަން އެދިވަޑައިގަތުމުން އެއިރު ރާއްޖެއިން އަޅަމުން އައި ފިޔަވަޅުތައް ހިއްސާކުރެއްވި ކަމަށެވެ. އެހެން ނަމަވެސް އެއީ ކޮން ދުވަސް ވަރެއް ކަމެއް ރައީސް ވިދާޅެއް ނުވެއެވެ.
ދުނިޔޭގެ ޞިއްޙަތު ޖަމްއިއްޔާއިން އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު ސީޝެލްސްއިން ކޮވިޑުގައި މަރުވެފައިވަނީ 172 މީހުންނެވެ. ރާއްޖެއިން އެ ބަލީގައި 315 މީހަކު ނިޔާވިކަން އެ ޖަމްއިއްޔާގެ ހިސާބުތަކުން ދައްކައެވެ. އެ ހިސާބުތަކަށް ބަލާއިރު އެންމެ ފުރަތަމަ ސީޝެލްސްއިން ކޮވިޑުގައި މިހާކު މަރުވީ 2021 ވަނަ އަހަރުގެ ޖަނަވަރީ މަހުއެވެ. އެމަހުގެ 18 ވަނަ ދުވަހު އެ ޤައުމުން އެކަކު މަރުވިއިރު ރާއްޖެއިން ޖަނަވަރީ 4 ވަނަ ދުވަހު އެކަކު އެ ބަލީގައި ނިޔާވިކަމަށް އެ ހިސާބުތަކުން ދައްކައެވެ. އެ އަހަރު އެ ޤައުމުން އެންމެ ގިނައިން މީހުން ނިޔާވި ދެ ދުވަސްކަމަށްވާ ޖުލައި މަހުގެ 5 އަދި 19 ގައި މަރުވީ 11 މީހުންނެވެ.
ދުނިޔޭގައި ކޮވިޑު ފެތުރެން ފެށިތާ އަހަރެއްހައި ދުވަސްވަންދެން ސީޝެލްސްގައި ކޮވިޑުގައި މީހަކު މަރުވިޔަނުދީ ހިފަހެއްޓޭ މިންވަރަށް ހަރުދަނާ ފިޔަވަޅުތައް އެޅިކަން އެ ހިސާބުތަކުން ދައްކައެވެ.
އަދި، ރާއްޖޭގައި މީހުން މަރުނުވެ، ސީޝެލްސްގައި ގިނަ އަދަދަކަށް މީހުން މަރުވަމުން ދިޔަ އެއްވެސް ދުވަސްވަރެއް ނެތްކަން ހިސާބުތަކުން ޔަގީންވެއެވެ.
މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްޤުގެ ޤާނޫނުގެ ދަށުން ސީޝެލްސްގެ ރައީސް، ރައީސް އިބްރާހީމަށް ފޯނު ކުރެއްވި ތާރީހު އޮޅުން ފިލުވަން "ދިޔަރެސް" އިން ހުށަހެޅީ ރައީސް އިބްރާހީމް ދެއްކެވި ވާހަކަފުޅަކީ ހަގީގަތާއި ހިލާފުވާހަކަފުޅެއްކަން ޔަގީން ކުރެވޭތީއެވެ.
ރައީސް އޮފީހުން ލިޔުމުން ދިން ޖަވާބުގައި ބުނެފައިވަނީ ބޭރުގެ އެކި ފަރާތްތަކާއި އެކު ރައީސުލްޖުމްހޫރިއްޔާ ބާއްވަވާ ބައްދަލުވުންތަކާއި މަޝްވަރާތަކުގެ ތެރެއިން ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް ޑިޕާޓްމެންޓުން އާންމުކުރާ މައުލޫމާތުތައް ފިޔަވައި ދެން ހުންނަ މައުލޫމާތު ތަކަކީ ސިއްރު މައުލޫމާތު ކަމަށެވެ. އެހެން ކަމުން އެ ތާރީހުވެސް ހިމެނެނީ ސިއްރު މައުލޫމާތުތަކުގެ ތެރޭގައެވެ.
މީގެ ކުރިން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ ރައީސް އިބްރާހީމްގެ އިޤްތިސާދީ ފޯމިއުލާ ހޯދަން ބޭރުގެ ޤައުމުތަކުން އެދިފައިވާކަމަށް ވިދާޅުވެފައެވެ. އެކަމުގެ ތަފްސީލު ހޯދަން އެދުމުން އެ މިނިސްޓްރީން ވަނީ އެ މައުލޫމާތު ދޭން ދެކޮޅު ހަދާފައެވެ. އަދި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އެ މައުލޫމާތު ހާމަކުރަން އެންގުމުން ފޮރިން މިނިސްޓްރީން ވަނީ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ.