އުތުރު ކޮރެއާގެ ސަރަހައްދަށް ޖާސޫސީ ބޯޓްތައް ފޮނުވާނަމަ ހައިރާންކުރުވަނިވި ނަތީޖާއަކާ އެމެރިކާ ކުރިމަތިލާންޖެހިދާނެ ކަމުގެ އިންޒާރު އުތުރުކޮރެއާއިން ދީފިއެވެ.
އުތުރު ކޮރެއާގެ ޚާރިޖީ ސިޔާސަތުގެ އެންމެ އިސް އޮފިޝަލުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ކިމް ޔޯ-ޖޮންގް ހޯމަ ދުވަހު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ އެމެރިކާގެ ޖާސޫސީ މަތިންދާ ބޯޓެއް ޕިއޮންޔޮންގް އިން ހުއްޓުވާފައިވާ ކަމަށާއި، ވޮޝިންޓަނުން އެގައުމުގެ ސަރަހައްދާ ކައިރީގައި ޖާސޫސީ އޮޕަރޭޝަންތައް ކުރިއަށް ގެންގޮސްފިނަމަ އެކަމުގެ "ހައިރާންކުރުވަނިވި" ނަތީޖާތަކެއް ފެންނާނެ ކަމަށެވެ.
އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުންގެ އެއްބަނޑު އެއްބަފާ ކޮއްކޮ ކިމް އިއްޔެ ޕިޔޮންގްޔަންގްގެ ކޭސީއެންއޭ ނިއުސް އެޖެންސީ މެދުވެރިކޮށް ހަރުކަށި އިބާރާތުން ނެރުނު ބަޔާނެއްގައި ވިދާޅުވެފައިވަނީ އެމެރިކާގެ ޖާސޫސީ މަތިންދާބޯޓު އުތުރު ކޮރެއާގެ އިރުމަތީ އެކްސްކްލޫސިވް އިގްތިސާދީ ސަރަހައްދުގެ ބޯޑަރުތަކުގެ ތެރޭގައި މަގުފުރެދިފައިވާ ކަމަށެވެ.
އެ ބަޔާނުގައި ކިމް ވިދާޅުވީ ޑީޕީއާރުކޭގެ 200 ނޯޓިކަލް މޭލުގެ އިގްތިސާދީ ސަރަހައްދުގެ ތެރޭގައި އެމެރިކާގެ މަތިންދާ ބޯޓެއް ފެނުމަކީ އުތުރު ކޮރެއާގެ އިސްތިގުލާލާއި ސަލާމަތަށް ވަރަށް ބޮޑަށް އަރައިގަތުން ރަމްޒުކޮށްދޭ ކަމެއް ކަމަށެވެ. އެކަމަނާ ވިދާޅުވީ ޕިޔޮންގްޔަންގްގެ ހަނގުރާމަމަތީ މަތިންދާބޯޓުތައް އެމެރިކާގެ މަތިންދާބޯޓުތައް ފަހަތަށް ޖެއްސުމަށް މަސައްކަތް ކުރަމުން ދިޔަ ކަމަށެވެ.
އުތުރު ކޮރެއާއާއި އެމެރިކާއާ ދެމެދު ނުތަނަވަސްކަން އުފެދިފައި މިވަނީ ނިއުކްލިއާ ހަތިޔާރު ލިބިފައިވާ އެ ގައުމުން ކޮރެއާ ޕެނިންސިއުލާގެ ކަންކަމުގައި އެމެރިކާގެ ބައިވެރިވުން އިތުރުކުރުމާ ގުޅިގެން، ވޮޝިންޓަނާއި އެ ސަރަހައްދުގައި އެ ގައުމުގެ އެންމެ އިސް ބައިވެރިޔާ، ދެކުނު ކޮރެއާއާ ގުޅިގެން ކުރިއަށް ގެންދާ އަސްކަރީ ތަމްރީނުތައް އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ.
ކިމް ވިދާޅުވީ އެމެރިކާގެ ޖާސޫސީ މަތިންދާބޯޓުތައް އާދަޔާ ހިލާފަށް ޑީޕީއާރުކޭގެ އިގްތިސާދީ ސަރަޙައްދުގެ ތެރޭގައި ހަރަކާތްތެރި ވާނަމަ "ހައިރާންކުރުވަނިވި ހާދިސާއެއް" ހިނގައިފާނެ ކަމަށެވެ. އަންގާރަ ދުވަހު އެކަމަނާ އިތުރަށް ވިދާޅުވެފައިވަނީ އެމެރިކާ ސިފައިންނަށް "ވަރަށް ނާޒުކު ފްލައިޓެއް" ކުރިމަތިވާނެ ކަމަށެވެ.
ނަމަވެސް ޕެންޓަގަންގެ ޑެޕިއުޓީ ޕްރެސް ސެކްރެޓަރީ ސަބްރީނާ ސިންގް ވިދާޅުވި ގޮތުގައި ޕިއޮންޔޮންގްގެ ވާހަކަތަކަކީ "ހަމައެކަނި ތުހުމަތުތަކެއް" ކަމަށެވެ. އަދި ބައިނަލްއަޤްވާމީ ޤާނޫނުން ހުއްދަކުރާ ކޮންމެ ތަނެއްގައި ވެސް ރައްކާތެރިކަމާއި ޒިންމާދާރުކަމާއެކު އުދުހުމާއި، ދަތުރުކުރުމާއި، އޮޕަރޭޓްކުރުމަށް އެމެރިކާ ދެމިއޮންނާނެކަމަށް އެކަމަނާ ވިދާޅުވިއެވެ.
އެމެރިކާގެ ޚާރިޖީ ވުޒާރާއިން މެތިއު މިލާ ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ ޕިޔޮންގްޔަންގްގެ ބިރުދެއްކުން ހުއްޓާލުމަށް ގޮވާލައިފައެވެ. ދެކުނު ކޮރެއާގެ ޖޮއިންޓް ޗީފް އޮފް ސްޓާފުން އެއްބަސްވެފައި ވަނީ ވޮޝިންޓަނުން ސޯލްގެ އަސްކަރިއްޔާއާ ގުޅިގެން ސްޓޭންޑަޑް ރިކޮނިސެންސް ޓާސްކްތައް ކުރިއަށް ގެންދާ ކަމަށެވެ.
އުތުރު ކޮރެއާއިން ދަނީ އެމެރިކާ އާއި ދެކުނު ކޮރެއާގެ އަސްކަރީ ތަމްރީނުތައް އެގައުމުގެ ސަރަހައްދު ކައިރީގައި ކުރިއަށް ގެންދިއުމާ މެދު ވަރަށް ގިނައިން ދެކޮޅު ހަދަމުންނެވެ. އަދި ދާދި ފަހުން މިސައިލް ޓެސްޓްތައް ކުރުމާއި، އެމެރިކާގެ ހަމަލާތަކާ ގުޅިގެން އެގައުމުގެ އަމިއްލަ އަސްކަރީ ބާރު ތައް ފުޅާކުރުމަކީ ކޮންމެހެން ކުރަން ޖެހިފައިވާ ކަމެއް ކަމަށް ވެސް އެ ގައުމުން ވަނީ ބުނެފަ އެވެ.
މިދިޔަ ހަފުތާގައި ސޯލް އިން ވަނީ ވެއްޓުނު އުތުރު ކޮރެއާގެ ސަވައިލަންސް ސެޓެލައިޓަކީ އެމެރިކާގެ އަސްކަރީ ފައުޖުތައް މޮނިޓާ ކުރުމަށް ފަރުމާކޮށްފައިވާ ސެޓެލައިޓެއް ކަމަށް ބުނެފަ އެވެ.
ސައުތު ކޮރެއާގެ އިންވެސްޓިގޭޓަރުން ބުނި ގޮތުގައި އެ ޑިވައިސްއަކީ "ރިކޮނިސެންސް ސެޓެލައިޓެއްގެ ގޮތުގައި އަސްކަރީ ބޭނުމެއް ނެތް" ޑިވައިސްއެއް ކަމަށް އެ މީހުން ވަނީ ނިންމައިފަ އެވެ.