ކުރީގެ ޓުރިޒަމް މިނިސްޓަރު އަލީ ވަހީދަށް އުފުލާފައިވާ ޖިންސީ ފުރައްސާރައިގެ ދައުވާތައް އަލުން އަނބުރާ ގެންގޮސް ސްޕްރީމް ކޯޓުން އިއްވާފައިވާ ދެ މަހުގެ ހުކުމްވެސް ބާތިލުކުރުމާއެކު އޭނާ އަނބުރާ ރާއްޖެ ވަޑައިގަތުމާއި ގުޅިގެން އެމްއެންޕީގެ ނައިބު ރައީސް އަހްމަދު އުޝާމް ސަރުކާރަށް ފާޑު ވިދާޅުވެއްޖެއެވެ.
ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް އެކި ދުވަސް މަތިން ޖިންސީ އަނިޔާ އާއި ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކޮށް އަލީ ވަހީދަށް ކުރި ދައުވާތަކުގައި އިތުރަށް ފިޔަވަޅު ނާޅާނެ ކަމުގެ ޔަގީންކަން ރައީސް އިބްރާހީމް އޭނާއަށް ދެއްވީ އިނގިރޭސި ރަސްގެފާނު ޗާލްސް ކޮލިލުމުގެ ރަސްމިއްޔާތަށް އެ ގައުމަށް ވަޑައިގެން އަލީ ވަހީދާ ބައްދަލުކުރައްވައެވެ.
ރައީސް ދެއްވި ޔަގީންކަމާ އެއްގޮތަށް އަލީ ވަހީދުގެ ދައުވާތައް ޕީޖީ އޮފީހުން މިދިޔަ ޖޫން މަހު އަނބުރާ ގެންދިޔައީ އެ މައްސަލައިގައި ޝާމިލްވާ މީހުން އިތުރަށް މައްސަލަ ކުރިއަށް ގެންދަން ބޭނުން ނުވާތީ، އެކަށީގެންވާ ހެކި ނެތް ކަމަށް ބުނެއެވެ.
ދައުވާތައް އަނބުރާ ގެންދިއުމުން އަލީ ވަހީދު މިއަދު ރާއްޖެ ވަޑައިގަތުމާއި ގުޅިގެން އުޝާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިގައުމުގަ މިއަދު އަދުލުވެރިކަމާ އިންސާފުވެރިކަން އޮތް މިންވަރު މިމައްސަލައަށް އެކަނި ބަލާލުމުންވެސް ހާމަވާކަމަށެވެ.
މީގެއިތުރުން ސަރުކާރުން ބޭނުންވީމަ ކިތަންމެ ބޮޑު ކުށެއްގެ ތުހުމަތުގައި ހުރި މީހެއްނަމަވެސް ފޮނުވާލަނީކަމަށާއި ގެންނަން ބޭނުންވީމަ ކޮށްފައިވާ ހުކުމްތައް ސިއްރުސިއްރުން ބާތިލްކޮށްލަނީކަން ފާހަގަކުރައްވާ އުޝާމް ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.