Thursday 25th Jul 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ވަލްޑަމިއަރު ޕުޓިން

ޕޫޓިން ހައްޔަރުކުރުމަށް އަމުރުނެރެފައި އޮތަސް ބްރިކްސް ސަމިޓް ދެކުނު އެފްރިކާގައި ބޭއްވެނީ ދާދިވަރުކޮށެއް ނޫން

މި އަންނަ މަހު ދެކުނު އެފްރިކާގައި ބޭއްވޭ ބްރިކްސް ސަމިޓް އޮންނާނީ ހާޒިރުވެގެން ކަމަށާއި ރަޝިޔާގެ ރައީސް ޕޫޓިން ހައްޔަރުކުރުމުގެ އަމުރު ބައިނަލް އަޤްވާމީ ޖިނާއީ ކޯޓުން ނެރެފައި އޮތަސް އޭނާ މި ސަމިޓަށް ޙާޒިރުވެވަޑައިގަންނަވާނޭ ކަމަށް ލަފާކުރެއްވޭ ކަމަށް ދެކުނު އެފްރިކާގެ ރައީސް ސިރިލް ރަމަފޯޒާ ހާމަކުރައްވައިފިއެވެ.
ބްރިކްސް ޖަމާޢަތަކި އެންމެ ބާރަށް ހެދިބޮޑުވަމުން އަންނަ ދުނިޔޭގެ އެންމެ ބޮޑު ފަސް އިޤްތިޞާދު ކަމުގައިވާ ބްރެޒިލާއި ރަޝިޔާއާއި އިންޑިޔާއާއި ޗައިނާއާއި ދެކުނު އެފްރިކާއިން އިސް ނަގައިގެން އެކުލަވައިލައިވާ އިޤްތިޞާދީ ސިޔާސީ ޖަމާޢަތެކެވެ. ބްރިކްސްގެ 15ވަނަ ސަމިޓް ބޭއްވޭނީ ޖޮހެނަސްބަރގްގައި މި އަންނަ އޮގަސްޓް މަހު 22 ން 24 އަށެވެ.
ވެރިކަންކުރާ ޕާޓީގެ އަހަރީ ސިންތާގެ ހަވާސާގައި ނޫސްވެރީންނާ ބައްދަލު ކުރައްވާ ރައީސް ރަމަފޯޒާ ވިދާޅުވިގޮތުގައި " މި ސަމިޓަށް ތައްޔާރުކުރުމުގެ ކަންތައްތައް މިހާރު ދަނީ ނިންމެމުންނެވެ. "
ރަމަފޯޒާ ވިދާޅުވިއެވެ. " މި ފަހަރު ބޭއްވޭނީ ޙާޒިރުވެގެންނެވެ. އެންމެން ވަނީ މި ކަމަށް އެއްބަސްވެފައެވެ. މި ޖަމާޢަތުގެ ބައްދަލުވުންތައް ދާދިވަރުކޮށް ބޭއްވޭތާ 3 އަހަރުވެއްޖެއެވެ . ދެން ދާދިވަރުކޮށް ނުބޭއްވޭނެއެވެ. "
ރައީސް ރަމަފޯޒާގެ ވާހަކަފުޅުގައި ރައީސް ޕޫޓިނަށް އިޝަރާތެއް ނުކުރައްވައެވެ. ޔުކްރޭން ހަނގުރާމައިގެ ތެރޭގައި ރައީސް ޕޫޓިން ހަނގުރާމައިގެ ޖަރީމާތައް ހިންގަވައިފައިވާ ތުހްމަތުކޮށް ބައިނަލްއަޤްވާމީ ޖިނާއީ ކޯޓުން ވަނީ އޭނާ ހައްޔަރުކުރުމަށް އަމުރެއް ނެރެފައެވެ. މިއީ ރަޝިޔާ އެކަމާ އިންކާރު ކުރާ ކަމެކެވެ.
ދެކުނު އެފްރިކާއަކީ މި ކޯޓުގައި ބައިވެރިވާ ޤައުމަކަށް ވާތީ ރައީސް ޕޫޓިން އެ ޤައުމަށް ވަޑައިގަންނަވައިފިނަމަ ޕޫޓިން ހައްޔަރުކޮށް ކޯޓާ ޙަވާލު ކުރަން ޖެހޭނެއެވެ. މިކަމާ ހެދި ބްރިކްސް ސަމިޓް ޗައިނާއަށް ބަދަލުކުރުމާމެދު ވާހަކަ ދެކެވެމުންދާ ކަމަށް ޕްރިޓޯރިޔާގެ ޚަބަރު ފަތުރާ ބައެއް ވަސީލަތްތައް ބުނެއެވެ.
މި ހުސްވި މަހު ދެކުނު އެފްރިކާއިން އިސް ނަގައިގެން އެފްރިކާގެ ފަސް ޤައުމަކުން ( ކޮންގޯ ޖުމްހޫރިއްޔާއާއި ، މިޞްރާއި، ސެނެގޯލާއި ، ޔޫގެންޑާއާއި ، ދެކުނު އެފްރިކާ ) ވަނީ ޔުކްރޭން ހަނގުރާމަ ހުއްޓުވުމަކަށް ގެނެވޭތޯ މަސައްކަތްތަކެއް ކޮށްފައެވެ.
ދެކުނު އެފްރިކާއިން މި ހަނގުރާމަޔާ ބެހޭގޮތުން ގެންގުޅޭ ވަކިފަރާތަކަށް ނުޖެހޭ ސިޔާސަތު ދިފާޢުކުރައްވާ ރައީސް ރަމަފޯޒާ ދަނީ ވަހަކަފުޅު ދައްކަވަމުންނެވެ.އޭނާ ވިދާޅުވިގޮތުގައި ވާހަކަދައްކައިގެން މަސްއަލަ ޙައްލުކުރުމަށް ޓަކައި އެ ޤައުމަށް މަސައްކަތް ކުރެވޭނީ ވަކިފަރާތަކަށް ނުޖެހި އޮވެގެންނެވެ. އޭނާ ވިދާޅުވި ގޮތުގައި އަރާރުންތައް އުފެދޭ ސަބަބަށް ބަލަން ޖެހޭނެއެވެ. އަދި ބަދަލުވަމުން އަންނަ ޖިޔޯ ސިޔާސީ ޙާލަތަށް ވެސް ރިޢާޔަތް ކުރަން ޖެހޭނެއެވެ. އޭނާ މި މަސްއަލައާ ބެހޭގޮތުން ރައީސް ޕޫޓިނާއެކު ބަޙުސްތައް ވަނީ ކުރައްވައިފައެވެ.
ދެކުނު އެފްރިކާއާއި ރަޝިޔާއާ ދެމެދުގައިވާ ގުޅުންތަކަކީ ވަރަށް ޤަދީމީ ވަރަށް ބަދަހި ގުޅުންތަކެކެވެ. އެ ޤައުމުގައި އޮތް ނަސްލީ އިމްތިޔާޒުގެ ވެރިކަމާ ދެކޮޅަށް ދެކުނު އެފްރިކާއަށް ހުރިހާ ވަސީލަތްތަކަކުން އެންމެ ބޮޑަށް އެހީވެ ވާގިވެރިވި ޤައުމަކީ ރަޝިޔާއެވެ.
މި ދިޔަ ފެބްރުވަރީމަހު ރަޝިޔާއާއި ޗައިނާއާއި ދެކުނު އެފްރިކާ ގުޅިގެން ކަނޑުގެ ޢަސްކަރީ ތަމްރީނުތަކެއް ވަނީ ދެކުން އެފްރިކާގައި ބައްވައިފައެވެ. ހުޅަނގުގެ ބޮޑެތި ޤައުމުތައް ވަނީ އެކަމާމެދު " ކަންބޮޑުވުން" ހާމަކޮށްފައެވެ.
މި ލިއުމާއި ގުޅޭ