ދިވެހި ރައްޔިތުންނަކީ ގަޅި ގަމާރުންނަށް ހަދަން ކޮންމެ ފަހަރަކު ނޫޅުމަށް ނޮޅިވަރަމް ދާއިރާގެ މަޖިލިސް މެންބަރު މުޙައްމަދު ނަޝީދު ޢަބްދުﷲ (މޮސްޓާ) ފުލުހުންނަށް ގޮވާލައްވައިފިއެވެ.
ރޭ މޮސްޓާ ކުރެއްވި ޓްވީޓެއްގައި މިހެން ވިދާޅުވެފައި މިވަނީ ހުކުރު ދުވަހު ޕީޕީއެމްގެ މުޒާހަރާ ހިނގަމުން ދަނިކޮށް އެ ސަރަހައްދުން ކުޑަކުއްޖަކާއެކު ސައިކަލެއްގައި ދިޔަ އެ މީހަކު ހިފަހައްޓައި އަނިޔާވެރިކަމާއެކު، ކުޑަ ކުއްޖެއް ކުރިމަތީފުލުހުން އެމީހާ ހައްޔަރު ކޮށްފައިވެ އެވެ.
އެމައްސަލައިގައި ފުލުހުން ބުނެފައިވަނީ އޭނާ ހައްޔަރު ކުރީ ސަފަކަށް އެތުރިގެން ތިބި ފުލުހުންގެ ކުރިމައްޗަށް އަރައި ފުލުހުންނާއި ދިމާއަށް އެއްޗެއް އެއްލައިގެން ކަމަށެވެ. އަދި ހައްޔަރު ކުރިއިރު ކައިރީގައި ކުޑަކުއްޖަކު ނެތް ކަމަށެވެ. އެމީހާގެ ފަޔަށް އަނިޔާވީ ހައްޔަރު ކުރަން އުޅުމުގެ ތެރޭގައި ދެކޮޅު ހެދުމުން ކަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ.
މޮސްޓާގެ ޓްވީޓުގައި އިތުރަށް ވިދާޅުވީ ކޮންމެ ކަމެއް އޮޅުވާލަން މަސައްކަތް ނުކުރުމަށާއި މަގުމަތީގަ އާއި ފުލުހުންގެ ބޮޑީ ކެމެރާ ވެސް ހުންނާނެ ކަމަށެވެ. އެތަކެތި މެދުވެރިކޮށް މިފަދަ ކަންކަން ބެލޭނެ ކަމަށެވެ.
އެމީހާގެ އިއްޔެ މުއްދަތު ޖެހުމަށް ކޯޓަށް ހާޒިރު ކުރުމުން ކޯޓުން ވަނީ އޭނާ ދޫކޮށްލައިފައެވެ.